ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް، ސިންގަޕޫރުން ސިއްހީ ފަރުވާ ހޯދުމަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް ހުށަހަަޅުއްވައިފި އެވެ.
އަދީބްގެ ޕާޓީ -- މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ބުނީ އެކި ހޮސްޕިޓަލްތަކުގެ އެތައް ޑޮކްޓަރެއްގެ ލަފާގެ މަތިން ސިއްހީ ފަރުވާ ހޯއްދެވުމަށް އަދީބް ސިންގަޕޫރަށް ފުރާވަޑައިގަތީ ފުރާނައަށް ނުރައްކާވާ ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދެވުމަށް ކަމަށެވެ.
ސިއްހީ ފަރުވާއަށް 10 ދުވަހުގެ ހުއްދައެއް ލިބިގެން އަދީބް ސިންގަޕޫރަށް ފުރާވަޑައިގަތީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އަދީބަށް ދީފައިވާ މުއްދަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.
މިކަމާ ގުޅިގެން އަވަސް އިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލްއާ ސުވާލުކުރުމުން ވިދާޅުވީ އަދީބަށް ދިން މުއްދަތު އިތުރުކުރުމަށް ކަމާ ގުޅޭ ލިޔުންތަކާ އެކު ހުށަހަޅުއްވާފައިވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އެހެން ގައިދީންނެކޭ އެއްގޮތަށް ބޭސްފަރުވާ ކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ބޭސްފަރުވާ ފުރިހަމަ ކުރެވޭގޮތް ނުވެއްޖެނަމަ އަމަލުކުރަންޖެހޭ ގޮތުގެ މަތިން އަދީބް އަމަލުކުރައްވާފައިވާ ކަމަށެވެ.
"އެހެންވެ ކަމާ ގުޅޭ ލިޔުންތައް މިހާރު ވަނީ ކަރެކްޝަންސްގެ މެޑިކަލް ބޯޑަށް ހުށަހަޅާފައި. ބޯޑުން ލިޔުންތައް ދިރާސާކުރުމުން ކަރެކްޝަނުން އެކަމުގައި ގޮތްތަކެއް ނިންމާނެ،" އޮފިޝަލް ވިދާޅުވި އެވެ.
އަދީބު ސިންގަޕޫރަށް ފުރާވަޑައިގަތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ ސެކިއުރިޓީންގެ ބެލުމުގެ ދަށުންނެވެ.
އެމްޓީޑީ އިން ބުނާ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 އިން 2018 އަށް އަދީބަށް ނުހައްގުން އަނިޔާދީ، ބޭސްފަރުވާ އަށް ވަރަށް ބޮޑަށް ހުރަސްއަޅާފައި ވެއެވެ. އެހެންނަމަވެސް ރައީސް ސޯލިހުގެ ވެރިކަމުގައި އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ލިބުމަށް އިންސާފުވެރި މަގެއް ފަހިކޮށްދީފައިވާ ކަމަށްވެސް އެމްޓީޑީ އިން ބުނެ އެވެ.
އަދީބަށް މީގެކުރިންވެސް ސިއްހީ އެތައް މައްސަލައެއް ކުރިމަތިވެ ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވާފައިވެ އެވެ.