ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބް އުމުރާއެއްވެ ދިރިއުޅުން ސިންގަޕޫރަށް

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް އުމުރާއެއް ކުރެއްވުމަށްފަހު ދިރިއުޅުން ސިންގަޕޫރަށް ބަދަލުކުރައްވައިފި އެވެ.

އަދީބް ރާއްޖެ ފުރާވަޑައިގަތީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އޭރު އޭނާ ވަޑައިގެންނެވި ތަނެއް އެނގިފައި ނުވި ނަމަވެސް ބައެއް އަރިސް ބޭފުޅުން ވިދާޅުވާ ގޮތުގައި އަދީބް މިހާރު ވަނީ އުމުރާއެއް ކުރައްވާފަ އެވެ. އަދި އޭގެފަހުން ސިންގަޕޫރަށް ވަޑައިގެންފައިވާ ކަމަށާއި ދެން ދިރިއުޅުއްވާނީ އެތަނުގައި ކަމަށްވެސް އަރިސް ބޭފުޅަކު އަވަސް އަށް ވިދާޅުވި އެވެ.

އަދީބް ރާއްޖެ ދޫކޮށް ވަޑައިގެންފައި މިވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް އަދީބަށް އިއްވާފައިވާ 20 އަހަރުގެ ޖަލު ހުކުމަށް ލުއި ދިނުމާ ގުޅިގެންނެވެ.

އަދީބް ޖަލު ހުކުމުގައި ހުންނެވި ދުވަސްވަރުވެސް ބޭސްފަރުވާ އަށް ސިންގަޕޫރަށް ވަޑައިގެން މަހަކަށް ވުރެ ގިނަ ދުވަހު އެ ގައުމުގައި ހުންނެވި އެވެ.

މީގެކުރިން ޓަގު ބޯޓެއްގައި ފިއްލަވައިގެން އިންޑިއާގެ ޓުޓިކޮރިންނަށް ވަޑައިގެންނެވި ތަނުންވެސް އަދީބް ހައްޔަރުކޮށް ރާއްޖެ ގެނެސްފައިވެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިމަހުގެ ނިޔަލަށް އަދީބް ހުންނެވީ ޖަލާއި ގޭބަންދުގައެވެ. އަދީބަށް 20 އަހަރުގެ ހުކުމް ކުރީ އޮކްޓޫބަރު 5، 2020 ގައެވެ.