ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ދިރިއުޅުން ސިންގަޕޫރަށް ބަދަލެއް ނުކުރަން: އަދީބް

ސިންގަޕޫރަށް ދިރިއުޅުން ބަދަލުކުރެއްވި ކަމަށް ބުނާ ވާހަކަ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ދޮގުކުރައްވައިފި އެވެ.

އަދީބްއާ ގުޅޭގޮތުން ދެކެވުނު ވާހަކައެއް އޭނާ ދޮގުކުރައްވާފައި މިވަނީ އޭނާ ރާއްޖެ އިން ބޭރަށް ވަޑައިގެން އުމުރާއެއް ކުރެއްވުމަށްފަހު ދިރިއުޅުން ސިންގަޕޫރަށް ބަދަލުކުރައްވާފައިވާ ކަމަށް އަދީބްގެ ބައެއް އަރިސް ބޭފުޅުން މިއަދު ނޫސްތަކަށް މައުލޫމާތު ދެއްވާފައި ވަނިކޮށެވެ.

އަދީބް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ ސިންގަޕޫރުގައި ވަޒަންވެރިވެއްޖެ ކަމަށް ބުނެ ބައެއް ނޫސްތަކުގައިވާ ރިޕޯޓްތަކަކީ ތެދު ރިޕޯޓްތަކެއް ނޫން ކަމަށެވެ.

އަދީބް ވިދާޅުވީ އޭނާ ރާއްޖެ އިން ބޭރުގައި މިވަގުތު ހުންނެވީ ބޭސް ފަރުވާއަށް ކަމަށެވެ.

"އަޅުގަނޑު އެނބުރި ދާނީ އަޅުގަނޑުގެ ލޯބިވާ ގައުމަށް. އަޅުގަނޑު ދިރިއުޅޭނީ، މަސައްކަތްކުރާނީ އަދި ވަޅުލާނީ އަޅުގަނޑު ނިސްބަތްވާ ފަސްގަނޑުގައި،" އަދީބް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިމަހުގެ ނިޔަލަށް އަދީބް ހުންނެވީ ޖަލާއި ގޭބަންދުގައެވެ. އަދީބަށް 20 އަހަރުގެ ހުކުމް ކުރީ އޮކްޓޫބަރު 5، 2020 ގައެވެ.

އަދީބް މިނިވަންވީ އޭނާއަށް އިއްވި ޖަލު ހުކުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ލުއި ދެއްވުމާ ގުޅިގެންނެވެ.