އެމްއެމްޕީއާރުސީގެ ހިޔާނާތް

"ބޮޑު ހިޔާނާތުގައި ނުހިމެނޭ ވެރިޔަކު ނެތް"

Dec 3, 2020
3

ރާއްޖެ މާކެޓް ކުރަން އުފައްދާފައިވާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ބައިވެރި ނުވާ ވެރިޔަކު ރާއްޖޭގައި ނެތް ކަމަށް ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

ޓްވިޓާގައި ދިޔާނާ މިއަދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އެންމެ އިސް ދައުރެއް އަދާ ކޮށްފައިވާ ކަމަށް ތުހުމަތު އޮތް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިހާރު ހުންނެވީ ގޭގައި ކަމަށާއި އޭނާ ގެއަށް ބަދަލު ކުރީ "އޭނާ ބެއްސެވި ކަޅު ފައިސާ ތިޔަ ބޭފުޅުންގެ އަތްޕުޅާއި، ދަތްޕުޅުގައި ހޭކިފަހުރި މިންވަރުގެ ބޮޑު ކަމުން،" ކަމަށެވެ.

ފަނޑިޔާރުން ވަކިކުރަން އަދީބު ފައިސާ ދެއްވި ވާހަކާއި ހިޔާނާތުގެ ވާހަކަ ކިޔާއިރު އެ ބޮޑު ހިޔާނާތުގައި ޝާމިލް ނުވާ ވެރިޔަކު ނެތް ކަމަށް ވެސް ދިޔާނާއި މިއަދު ތުހުމަތު ކުރެއްވި އެވެ.

ދިޔާނާ މި ޓްވީޓް ކުރެއްވި އިރު އޭނާ އާއި ފިރިކަލުން އަބްދުﷲ ޖާބިރު ވެސް ގެންދަވަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އަދި ފަސް އަހަރުގެ ޖަލު ހުކުމެއް މާފުށީ ޖަލުހައި ތަންފީޒު ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ގާނޫނީ ވަކީލަކަށް އަނބިކަނބަލުން ދިޔާނާ ހަމަޖައްސަވާފައިވާ ކަމަށް ވެސް ޖާބިރު ވަނީ ވިދާޅުވެފަ އެވެ.