އޭސީސީ އަށް މިދިޔަ މާޗް މަހުގެ 17 ވަނަ ދުވަހު ފަސް މެންބަރުން އައްޔަންކުރީ އެ ކޮމިޝަން ހިނގަމުން ދިޔަ ގޮތް ގޯސްވެގެނެވެ. މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ވަކި ފެކްޝަނަކަށް ނިސްބަތްވާ މެންބަރުންތަކެއް އޭސީސީގެ މެންބަރުން ބަދަލު ކުރަން ބޭނުންވެގެން އެކަން އެވަނީ ކޮށްފަ އެވެ. އޭސީސީ ގޯސްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރުން ލަސްވެގެނެވެ. ބޭނުންވާ ވަކި ބަޔަކަށް ދައުވާ ކުރުން އަދި މާބޮޑަށް ލަސްވަމުންދާތީ އެވެ. އެހެންކަމުން އޭސީސީގައި މިހާރު ތިއްބެވި ފަސް މެންބަރުންނަށް ކުރިން ނުނެރެވުނު ފޯމިއުލާއެއް ނެރެގެން ނަތީޖާ ނެރެވިދާނެތޯ ސުވާލު އުފެދެ އެވެ.
އޭސީސީގެ މިހާރުގެ މެންބަރުންނަކީ ފާޑު ކިޔާ ބޭފުޅުންގެ އުދާސްތަކާއި ޝަކުވާތަކާއި ހައްލު ހޯދައިދެވޭނެ ބޭފުޅުންނަށް ވާންޖެހެ އެވެ. އެހެން ނޫނީ އޭސީސީގެ މިހާރުގެ ފަސް މެންބަރުން ވެސް ކުރީގެ މެންބަރުން ފަދައިން އިތުބާރު ނެތް ކަމުގެ ވޯޓަކާ ކުރިމަތިލާން ޖެހުމަކީ ދުރު ކަމެއް ނޫނެވެ. އޭސީސީގެ ކުރީގެ މެންބަރުން ވެސް މަގާމާ ހަވާލުވީ އަމާޒުތަކަކާ އެކު އެވެ. އެކަމަކު މަޖިލީހުގައި ތިއްބެވި ވަކި ޒާތެއްގެ މެންބަރުންތަކެއް ބޭނުންވާ ގޮތަށް މަސައްކަތެއް ނުކުރެވުނެވެ. ނަތީޖާއެއް ނުނެރެވުނެވެ. ތަހުގީގުތަކަށް ހަލުވި ކަމެއް ގެނެވިފައެއް ނުވެ އެވެ. ނަތީޖާއެއްގެ ގޮތުން މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ އެ މެންބަރުންނަށެވެ.
އޭސީސީގެ މިހާރުގެ ރައީސް އާދަމް ޝާމިލް ވިދާޅުވި ގޮތުގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ފުންމިނާއި ބޮޑުމިނާއި ކުރަންޖެހޭ މަސައްކަތް އެނގެ އެވެ. އަދި އެ ބޮޑު ހިޔާނާތުގެ ތެރެއިން ދައުލަތުން ގެއްލުވާލާފައިވަނީ އެތައް ބިލިއަން ރުފިޔާގެ ފައިސާ ކަންވެސް އެނގެ އެވެ. އެހެންވެ މުޅި މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް މިހާރުގެ ކޮމިޝަނުން ވަނީ އެކުލަވާލާފަ އެވެ. އޭސީސީގެ ފަސް މެންބަރުންނާއި އޭސީސީގެ މުވައްޒަފުން ގުޅިގެން އެ މައްސަލައިގެ އަމާޒަށް ވާސިލްވާން ކަނޑައަޅާފައިވާ މުއްދަތުތަކަށް މަސައްކަތްތައް ނިންމަން ކޮމިޝަން އޮތީ ތައްޔާރަށެވެ.
"މިއީ ވަރަށް ބޮޑު މައްސަލައެއް، އެހެންވީމާ މިވެނި ދުވަހަކުން މި މައްސަލަ ނިންމާނެ ކަމަށް ބުނަން ދަތި. އެހެންނަމަވެސް ވީހާވެސް އަވަހަށް މަސައްކަތްތައް ނިންމަން އިސްކަން ދޭނަން. އަދި މުއްދަތުތަކެއް ކަނޑައަޅާފައިވާތީ މައްސަލަތައް ނިންމަން ފަސޭހަތަކެއް ވާނެ،" ޝާމިލް ވިދާޅުވި އވެެ.
ޝާމިލަކީ އޭސީސީގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ކޮމިޝަންގެ އެހެން މެންބަރުން ވެސް ގާބިލެވެ. ސުވާލު އުފެދެނީ އޭސީސީ ފަދަ ޖިނާއީ ތަހުގީގުތައް ކުރާ އިދާރާއެއްގެ ތަހުގީގުތަކަށް އެ ބޭފުޅުންގެ ލޯ ހުޅުވިފައިވާ މިންވަރާ މެދު އެވެ. ހާއްސަކޮށް އެތައް ބަޔަކު ބައިވެރި ވެގެން ހިންގާފައިވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގު ކުރަން އެ ބޭފުޅުންގެ ތަޖުރިބާ ހުރި ކަމާ ދޭތެރޭގަ އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގަށް މާބޮޑަށް ފީނާލުމެއް ނެތި މިހާރުވެސް ސުވާލު އުފެދޭ ސްޓޭޓްމަންޓެއް ވަނީ ހަދާފަ އެވެ.
ހިޔާނާތުގައި މިހާރު އަޑުއިވޭ ބޭފުޅުންގެ އިތުރުން އެހެން ބައެއް ބޭފުޅުންނަށް ވެސް މިހާރުގެ ކޮމިޝަނުން ދައުވާ ކުރަން ފޮނުވާނެ ކަމުގެ އިޝާރާތެއް ދީފި އެވެ. އެއީ މުޅި މައްސަލަ ނުނިމެނީ މިހާރު ވެސް އާ ކޮމިޝަނުން ހެދި ގޯހެކެވެ. އެފަދަ ގޯސްތައް ތަކުރާރުކުރުން އެއީ މިހާރުގެ ކޮމިޝަނަށް އިތުބާރު ގެއްލޭނެ ކަމެކެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގު އަވަސް ކުރަން އެދެނީ ދައުލަތުގެ ފައިސާ ހޯދުމަކީ އެމްއެމްޕީއާރްސީގެ ތަހުގީގުގެ އެންމެ މުހިއްމު މަސައްކަތަށް ވާތީ އެވެ. އެކަން އޭސީސީގެ ރައީސް ޝާމިލް ގަބޫލުކުރައްވަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ފައިސާ ހޯދަން ވީހާވެސް ހަރަދު ކުޑަ ގޮތަކަށް ކޮމިޝަނުން މަސައްކަތް ކުރާނެ އެވެ. އެމްއެމްޕީއާރްސީގެ މައްސަލަތައް އަވަހަށް ނިންމުމަށް އެ މައްސަލަތައް ބެލުމުގައި މީގެ ކުރިން މަސައްކަތް ކުރި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން ދެއެވެ.
"އަޅުގަނޑުމެން [އޭސީސީ] ގައި ހުރި ގާބިލްކަމާއި ވަސީލަތްތައް ބޭނުން ކޮށްގެން ނަތީޖާ ނެރުމަށް މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ދެން." ޝާމިލް ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ މައްސަލަ އަވަހާ ނިންމަން، ތަހުގީގަށް ވަނީ ބަދަލެއް ގެނެސްފަ އެވެ. އެގޮތުން އެމްއެމްޕީއާރްސީން ނުއަގުގައި ދޫކޮށްލާފައިވާ ރަށްތަކުގެ ހަމަ އަގު ހޯދުމުގެ މަސައްކަތާއި ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތަހުގީގު އެކުއެކީގައި ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. އެ ބަދަލު އެއީ ރަނގަޅު ބަދަލެއް ކަމަށް ނިންމޭނީ އާ ކޮމިޝަނުން މަސައްކަތް ކުރާ ގޮތް އެނގުމުންނެވެ.
ބޭނުން ވިޔަސް ކުރެވޭނީ ބަޖެޓާއި ވަސީލަތްތައް ވެސް ހުރެގެނެވެ. ކުރީގެ ކޮމިޝަނަށް ވެސް މައްސަލަތައް ނިންމަން ދަތިވި އެއް މައްސަލައަކީ އެއެވެ. ކުރީގެ ކޮމިޝަނަށް ކުރިމަތިލާން ނުޖެހުނު އިތުރު އެތައް ކަމެއްވެސް މިހާރުގެ ކޮމިޝަނަށް ކުރިމަތިލާން ޖެހޭނެ އެވެ. އެއް ކަމަކީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ވެރިކަން ކުރާ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕް ދެ ފެކްޝަނަކަށް ބެހިފައިވާތީ އެ ދެ ފެކްޝަނުން ކުރިމަތި ކުރުވާނެ ފިއްތުއްތަކެވެ. އޭގެ ސަބަބުން މަޖިލީހުގެ ތެރޭގައި އޭސީސީގެ މެންބަރުން އަބަދު ކުށްވެރިންނަށް ވެފައި ތިބުމުގެ ފުރުސަތު ބޮޑެވެ. ފިތިފައި ތިބިގެން މަސައްކަތް ކުރަންޖެހުމުގެ ފުރުސަތު އަދި މާބޮޑެވެ. އޭރުން ކޮމިޝަނާއި މެންބަރުންގެ މިނިވަންކަން ވެސް ގެއްލިގެންދެ އެވެ.
ދެވަނަ ކަމަކީ ކުރިއަށް އޮތީ ރިޔާސީ އިންތިހާބުގެ އަހަރު ކަމަށްވެފައި ވޯޓަށް ދިއުމުގެ ކުރިން އެމްއެމްޕީއާރްސީގެ ތަހުގީގުތައް ނިންމާ ރައްޔިތުންނަށް ނަތީޖާއެއް ދައްކަން ސަރުކާރުން ބޭނުންވާނެތީ ސަރުކާރުގެ ތެރޭން އޭސީސީ އަށް ކުރިމަތި ކުރާނެ ފިއްތުން އިތުރުވުމެވެ. އަނެއް ކަމަކީ ރިޔާސީ އިންތިހާބުގެ އަހަރު ދައުލަތުގެ މުޅި ބަޖެޓު ބައްޓަން ކުރާނީ އެ އިންތިހާބަށް ނުފޫޒު ފޯރުވޭނެ ހުރިހާ ގޮތަކަށް ބަލައިގެން ކަމަށްވުމެވެ.
އަންނަ އަހަރު ދައުލަތުގެ އިދާރާތަކުގެ ހަރަދު ބޮޑުވުމަކީ ސަރުކާރުން ބޭނުންވާނެ ގޮތެއް ނޫނެވެ. އޭސީސީ އަކީ ތަހުގީގީ އިދާރާ އަކަށް ވާތީ ސަރުކާރަށް މުހިއްމު ވާނީ ގިނަ ރަށްތަކެއްގައި ނަމެއްގައި ނަމަވެސް މަޝްރޫއެއް ހިންގާށެވެ. އެހެންކަމުން އޭސީސީން ބޭނުންވާ ބަޖެޓާއި މައްސަލަތައް ތަހުގީގު ކުރަން ބޭނުންވާ ފަންނީ މުވައްޒަފުން ހޯދުމަށް ބޮޑެތި ދަތިތައް ކުރިމަތިވާނެ އެވެ. އޭގެ ސަބަބުން އޭސީސީއަށް ނަތީޖާ ބޮޑެތި ގޮންޖެހުމާ ކުރިމަތިވާނެ އެވެ.
ހިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓަކާއި އޮޑިޓް އޮފީހުގެ އޮޑިޓް ރިޕޯޓްގައި ވެސް އެމްއެމްޕީއާރްސީން 37 ރަށާއި 12 ފަޅު ނުއަގުގައި ވިއްކާފައިވާ ކަމަށް ބުނެފައިވެ އެވެ. އެ ރަށްތަކުން ދައުލަތަށް ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެންޖެހޭ ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެ އެވެެ. ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި 114 ބޭފުޅެއްގެ ނަން އޮވެ އެވެ. އެކަމަކު ހިޔާނާތުގެ މައްސަލަ އެކަށީގެންވާ ގޮތަކަށް ނުބެލި އަދި ދައުލަތަށް އެއްވެސް ފައިސާއެއް ވެސް ހޯދައި ނުދެވި އެސެޓް ރިކަވަރީ ކޮމިޝަން މިހާރު އެވަނީ އުވާލާފަ އެވެ. އެ ކޮމިޝަނާއެކު އޭރު މަސައްކަތް ކުރެއްވި އޭސީސީގެ ކުރީގެ ފަސް މެންބަރުން ވެސް އެވަނީ ނަތީޖާ ނުނެރެވި މަޖުބޫރު ވެގެން އިސްތިއުފާ ދެއްވާފަ އެވެ.
އޭސީސީގައި މިހާރު ތިއްބެވި ފަސް މެންބަރުންނަށް ކުރިމަތިލާންޖެހޭނެ މައްސަލަތައް ލަފާކުރެވޭތީ މިހާރުގެ ކޮމިޝަނަށް ވެސް އެދެވޭ ނަތީޖާއެއް ނެރެވޭނެ ކަމަށް ގަބޫލުކުރަން ދައްޗެވެ.