ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ސާބިތުވި ކޮރަޕްޝަން މައްސަލައިގެ ތަފްސީލް ރިޕޯޓް އަދިވެސް ނުލިބޭ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނެފި އެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު އަބްދުﷲ ސިޔާޒް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތުގެ ތަފްސީލު ރިޕޯޓު އަދިވެސް ނުލިބޭ ކަމަށާއި މި މައްސަލަ އިސްތިއުނާފް ކުރެވޭނީ އެ ރިޕޯޓު ލިބުމުން ކަމަށެވެ.
"ކުރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމްތައް އިސްތިއުނާފު ކުރުމަށްޓަކައި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު މަޙްޟަރު ބަޔާން ތަކާއެކު ހޯދުމަށް 2022 ޑިސެމްބަރު 25 ވަނަ ދުވަހު އެދިފައިވީ ނަމަވެސް މިއަދާ ހަމައަށްވެސް އެ ރިޕޯޓް ނުލިބެ އެވެ." ސިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
މީގެ އިތުރުން ހުލާސާ ރިޕޯޓު ލިބުނީވެސް އެ ރިޕޯޓު ނިލިބިގެން އިހްތިޖާޖު ކުރުމުންކަން ސިޔާޒު ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ހުލާސާ ރިޕޯޓު ދިނުމުގައި ކޯޓުން އަމަލުކުރި ގޮތަށް ބަލާއިރު ތަފްސީލު ރިޕޯޓު ދޫކުރުމަށްވެސް ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެ ދިގު މުއްދަތު ކޯޓުން ބޭނުން ކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް ސިޔާޒް ފާހަގަކުރެއްވި އެވެ.
ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފް ނުކުރެވިގެން އުޅެނީ އިސްތިއުނާފް މަރުހަލާއަށް ބޭނުންވާ އެއް މަސްދަރު ކަމަށްވާ ދެފަރާތުން ޝަރީއަތުގައި ދެއްކި ވާހަކަ ހިމެނޭ މަޙްޟަރު ބަޔާންތައް ހުލާސާ ރިޕޯޓުގައި ނެތުމުން ކަމަށް ސިޔާޒު ވިދާޅުވި އެވެ.
މީގެ ކުރިންވެސް ރައީސް ޔާމީނާ ދެކޮޅަށް ސާބިތުވި މައްސަލައެއް އެމަނިކުފާނުގެ ފަރާތުން އިސްތިއުނާފު ކޮށްފައިވެ އެވެ. އެ މައްސަލައިގެ އިސްތިއުނާފް މަރުހަލާގައި ގާތްގަނޑަކަށް އެއް އަހަރު ވެގެން ދިޔަ އެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ. ރިޔާސީ އިންތިހާބަށް ދެން އޮތީ ގާތްގަނޑަކަށް 8 މަސް ދުވަހެވެ.