ޑރ. މުހައްމަދު ޖަމީލް އަހުމަދު

ރައީސް ޔާމީނަށް އިންތިހާބު ކާމިޔާބުކޮށްދިނުމުގައި ދެމިހުންނާނަން: ޖަމީލު

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބު ކާމިޔާބުކޮށްދިނުމުގައި ދެމިހުންނަވާނެ ކަމަށް އެ މަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ރަނިންމޭޓަކަށް ޖަމީލު ހަމަޖެއްސެވުމާ ގުޅިގެން އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ކާމިޔާބު ހޯދައިދިނުމުގައި ދެމިހުންނަވާނެ ކަމަށެވެ.

"އެންމެން ގުޅިގެން އާ ޖޯޝެއްގައި ރައީސް ޔާމީން ރާއްޖޭގެ ޒައާމަތަށް ގެންނެވުމުގެ މަސައްކަތް ފަށަމާ ހިންގަވާ. އަޅުގަނޑުގެ ލަޔާގަތާއި ގާބިލިއްޔަތު ތަން ދިން އެންމެ ބޮޑަށް މި އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދެއްވުމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން އަރުވަން،" ޖަމީލު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ރަނިންމޭޓަކަށް ޑރ. ޖަމީލު ހަމަޖެއްސެވީ މިއަދު އެވެ. ރަނިންމޭޓަކަށް ހަމަޖެއްސެވުމުން ޖަމީލު ވަނީ ރައީސް ޔާމީނަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ. އަދި ޕީޕީއެމް އާއި ޕީއެންސީގެ ލީޑާޝިޕާއި ސެނެޓަރުންނާއި އާންމު މެންބަރުން ޖަމީލަށް ކުރައްވާ އިތުބާރަށްވެސް ޝުކުރު އަދާކުރައްވާފައިވެ އެވެ.

ޑރ. ޖަމީލަކީ 2013 ވަނަ އަހަރުވެސް ރައީސް ޔާމީންގެ ރަނިންމޭޓެވެ. އެފަހަރު އިންތިހާބު ކާމިޔާބުކުރައްވައިގެން ރައީސް ޔާމީންގެ ފުރަތަމަ ނައިބް ރައީސަކަށް ވެވަޑައިގަތީވެސް ޑރ. ޖަމީލް އެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހުންނަވަނީވެސް ޑރ. ޖަމީލް އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ހުށަހަޅަންޖެހޭ ކެންޑިޑެސީ ފޯމުގައި ރައީސް ޔާމީން ސޮއިކުރެއްވީ މިމަހުގެ 24 ވަނަ ދުވަހު އެވެ.

ރައީސް ޔާމީން އިންތިހާބުގައި ވާދަކުރެއްވުމަށް ތައްޔާރުވަމުން ދިޔަ ނަމަވެސް އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނީ މިވަގުތު ތަންފީޒުކުރައްވަމުން ގެންދަވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓު ނުވަތަ ސުޕްރީމް ކޯޓުން ބާތިލްކުރުމުންނެވެ.