ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ ރަނިންމޭޓަކަށް ޑރ. ޖަމީލު

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ހަމަޖައްސައިފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޑރ. ޖަމީލު ހަމަޖައްސަވާފައިވާއިރު ޑރ. ޖަމީލަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ފުރަތަމަ ނައިބު ރައީސް އެވެ.

މީގެ އިތުރުން ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަނީވެސް ޑރ. ޖަމީލެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ހުށަހަޅަންޖެހޭ ކެންޑިޑެސީ ފޯމުގައި ރައީސް ޔާމީން ސޮއިކުރެއްވީ މިމަހުގެ 24 ވަނަ ދުވަހު އެވެ.

ރައީސް ޔާމީން އިންތިހާބުގައި ވާދަކުރެއްވުމަށް ތައްޔާރުވަމުން ދިޔަ ނަމަވެސް އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނީ މިވަގުތު ތަންފީޒުކުރައްވަމުން ގެންދަވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓު ނުވަތަ ސުޕްރީމް ކޯޓުން ބާތިލްކޮށްގެންނެވެ.