ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ސިންގަޕޫރުން ސިއްހީ ފަރުވާ ހޯއްދެވުމަށްފަހު މިރޭ މާލެ ވަޑައިގެންފި އެވެ.
އަދީބްގެ ޕާޓީ -- މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ބުނީ ބޭސް ފަރުވާ އަށް ސިންގަޕޫރުގައި ހުންނެވުމަށް އަދީބަށް އިތުރު މުއްދަތު ދީފައި ވަނިކޮށް އެނބުރި ރާއްޖެ ވަޑައިގަތީ ފަރުވާގެ ފުރަތަމަ މަރުހަލާ ނިމުމުން ކަމަށެވެ.
ޑޮކްޓަރުންގެ ލަފާގެ މަތިން އަދީބުގެ ފަރުވާގެ ދެވަނަ އަދި އެންމެ ފަހު މަރުހަލާ ކުރިއަށް އޮތް އޮކްޓޯބަރު މަހު ކުރިއަށް ގެންދާނެ ކަމަށްވެސް އެމްޓީޑީ އިން ބުނެ އެވެ.
އަދީބް ރާއްޖެ ވަޑައިގެންނެވި ވަގުތު އޭނާގެ ބައެއް އަރިސް ބޭފުޅުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތިއްބެވެ.
ސަރުކާރުން އަދީބުގެ ބޭސްފަރުވާއަށް ހުއްދަދީ އެއްބާރުލުން ދެމުން ގެންދާތީ އެމްޓީޑީ އިން ވަނީ ސަރުކާރަށް ޝުކުރު އަދާކޮށްފަ އެވެ.
އަދީބް މިރޭ ރާއްޖެ ވަޑައިގެންފައި މިވަނީ އޭނާ ބޭސް ފަރުވާކުރަން ދީފައިވާ މުއްދަތު މިމަހުގެ 20 ވަނަ ދުވަހު ތިންވަނަ ފަހަރަށް އިތުރުކޮށްދީފައި ވަނިކޮށެވެ. އަދީބްގެ ބޭސް ފަރުވާގެ މުއްދަތު ހަމަވާނީ ކުރިއަށް އޮތް އޮކްޓޫބަރު އެއްވަނަ ދުވަހުގެ ނިޔަލަށެވެ.
ބޭސްފަރުވާއަށް އަދީބު ސިންގަޕޫރަށް ފުރާވަޑައިގަތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ ސެކިއުރިޓީންގެ ބެލުމުގެ ދަށުން މިދިޔަ ޖުލައި 11 ވަނަ ދުވަހު އެވެ.
އެމްޓީޑީ އިން ބުނާ ގޮތުގައި އެކި ހޮސްޕިޓަލްތަކުގެ އެތައް ޑޮކްޓަރެއްގެ ލަފާގެ މަތިން ސިއްހީ ފަރުވާ ހޯއްދެވުމަށް އަދީބް ސިންގަޕޫރަށް ފުރާވަޑައިގަތީ ފުރާނައަށް ނުރައްކާވާ ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދެވުމަށް ކަމަށެވެ.
އަދީބަށް މީގެކުރިންވެސް ސިއްހީ އެތައް މައްސަލައެއް ކުރިމަތިވެ ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވާފައިވެ އެވެ.