ހަބަރު

އަދީބު އަނބުރާ ޖަލަށް ގެންގޮސްފި

ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަނބުރާ ޖަލަށް ގެންގޮސްފި އެވެ. ސިއްހީ ހާލަތު ގޯސްވެ، އޭނާ ހުރީ ގޭބަންދަށް މިފަހުން ބަދަލުކޮށްފަ އެވެ.

ކަރެކްޝަން ސާވިސްއިން އަދީބު ދިރިއުޅޭ ގެއަށް ދިޔުމާއެކު އެ ސަރަހައްދަށް އޭނާއަށް ތާއިދު ކުރާ ޒުވާނުން އެއްވެ އަޑުގަދަކުރި އެވެ. އަދީބު ގެއިން ނެރެގެން ވެހިކަލްއަށް އެރުވި ގަޑީގައި ސަޕޯޓަރުން އަދީބަށް ވަރަށް ބޮޑަށް ތަރުހީބު ދިނެވެ. އަދީބު ވެސް ވަނީ ސަޕޯޓަރުންނަށް "ފްލައިން ކިސް"އެއް ފޮނުވާލާފަ އެވެ.

އޭރު އެ ސަރަހައްދު އޮތީ ފުލުހުން ބަންދު ވެސް ކޮށްފަ އެވެ.

އަދީބު ޖަލަށް ގޮސްފައިވާއިރު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، ކުރީގެ ނައިބް ރައީސް އަދީބުގެ މައްޗަށް އިއްވާފައިވާ ހުކުމްތަކެއް އެބަހުރި ކަމަށާއި ހުކުމް ތަންފީޒު ކުރުމަކީ ކަރެކްޝަނަލް ސާވިސްއާ ހަވާލު ކުރެވިފައިވާ ޒިންމާއެއް ކަމަށެވެ. އެކަން އެގޮތަށް ދެމި އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފައި އެވަނީ ޑޮކްޓަރުގެ އިރުޝާދުގެ މަތިން، ޑޮކްޓަރު ދެއްވާފައިވާ ލިޔުމުގައިވާ ގޮތުގެ މަތީން، އެހެންވީމާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރެއިން އެގޮތަށް އެއަމަލު ކުރެވިގެންދާނެ، އެހެން ނަމަވެސް އެހުކުމް ދެމިއެބަ އޮތް، ހުކުމް ތަންފީޒު ކުރުމުގެ ކަންކަން ކަނޑައެޅިފައިވާ ގޮތަށް ކުރިއަށްދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލައެއް ނެގުމަށް އޮޕަރޭޝަން ކުރުމަށްފަހު އަދީބު ގެއަށް ބަދަލުކޮށްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އޭނާ ގެއަށް ބަަދަލުކޮށްފައިވަނީ ޑޮކްޓަރު ލަފާދީފައިވާތީ އެވެ.

އޭގެފަހުން އަދީބު ގޭގައި ހުންނަވާ ވަނީ ސިޔާސީ ޕާޓީއެއް އުފައްދަވާފަ އެވެ. އެމްޓީޑީގެ ނަމުގައި އުފެއްދި ޕާޓީގެ ލީޑަރު ކަމަށް އަދީބު އައްޔަން ވެސް ކުރި އެވެ. އޭނާ ޖަލަށް ބަދަލުކޮށްފައިވަނީ އޭނާގެ ހުކުމް ރިވިއު ކުރުމަށް އެ ޕާޓީއިން ގޮވާލާފައިވަނިކޮށެވެ.