ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ބޭސްފަރުވާއަށް ބޭރަށް ފުރުމުގެ ހުއްދަ އަދީބަށް ދީފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދީފި އެވެ.

ބޭސްފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަށް އެދިވަޑައިގަތީ ދިމާވި ކުއްލި ސިއްހީ މައްސަލައަކަށް ފަރުވާ ހޯދެއްވުމަށް އައިޖީއެމްއެޗުގައި އެޑްމިޓްކުރެއްވި ފަހުންނެވެ.

މިކަމާ ގުޅޭ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ރާއްޖެއިން ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށް އަދީބު ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ މެޑިކަލް ބޯޑުގެ ލަފައާއެކު ދީފައިވާ ކަމަށެވެ.

ކަރެކްޝަންސް އިން ބުނީ އަދީބު ރާއްޖެއިން ބޭރުގައި ހުންނަ މުއްދަތުގައި އެ ސާވިސް އާއި ފުލުހުން ގުޅިގެން އަދީބު މޮނިޓާ ކުރަމުންދާނެ ކަމަށެވެ.

އެނގިފައިވާ ގޮތުން އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަތުމަށް 10 ދުވަހުގެ ހުއްދައެއް ވަނީ ދީފަ އެވެ.

އަދީބަށް ދިމާވި ކުއްލި ސިއްހީ ކަމަކާ ގުޅިގެން ވަނީ މިމަހުގެ ފަސްވަނަ ދުވަހުގެ ރޭ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފަ އެވެ. އަދީބްގެ ޕާޓީ -- މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ބުނި ގޮތުގައި އަދީބަށް ފަރުވާ ދެމުންދަނީ ފުރާނައަށް ނުރައްކާވާ ނާރުގެ ބައްޔަކަށެވެ.

އަދީބަށް މީގެކުރިންވެސް ސިއްހީ އެތައް މައްސަލައެއް ކުރިމަތިވެ ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ފަރުވާ ހޯއްދަވާފައިވެ އެވެ.

ބޭސްފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދީފައިވާއިރު ރާއްޖޭން ފިލައިގެން ޓަގު ބޯޓެއްގައި އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އޮގަސްޓް އެކެއް، 2019 ވަނަ ދުވަހު އަދީބު ވަނީ ހައްޔަރުކޮށްފަ އެވެ.