ހަބަރު

އަދީބު ބޭސްފަރުވާއަށް އިންޑިއާއަށް ފުރާވަޑައިގެންފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް އިންޑިއާއަށް ފުރާވަޑަައިގެންފި އެވެ.

އަދީބުގެ ދަތުރުފުޅުގައި އޭނާގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ބައިވެރިވެވަޑައިގަންނަވަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާވަޑައިގަތް އަދީބުގެ ދެކަނބަލުން ވަޑައިގަންނަވާނީ ބެންގަލޫރަށް ކަމަށް އެނގިފައިވެ އެވެ.

މީގެ އިތުރުން، ކަރެކްޝަންސްގެ ތިން އޮފިސަރަކާއި ފުލުހަކު އަދީބާއެކު ދަތުރުކުރާނެ އެވެ. އަދި ފުލުހުންގެ އެޑްވާންސް ޓީމެއް މިހާރު ވެސް އިންޑިއާގައި އެބަ ތިއްބެވެ.

އަދީބަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯއްދަވަން މެޑިކަލް ބޯޑުން ހުއްދަ ދިނީ އެއް އަހަރު ދުވަހަށެވެ. ނަމަވެސް ފަރުވާއަށް އިތުރަށް މަޑުކުރަން ނުޖެހޭނަމަ މި މަހުގެ 26 ވަނަ ދުވަހު އަނބުރާ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ޓިކެޓުގެ ކަންކަން ވަނީ ހަމަޖައްސާފަ އެވެ.

އަދީބަށް ޕާސްޕޯޓެއް ވެސް ދުލެއް ނުކުރެ އެވެ. ބޭސްފަރުވާއަށް ކުރައްވާ ދަތުރުފުޅަށް އިމިގްރޭޝަނުން އޭނާއަށް ދޫކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ ޓްރެވެލް ޑޮކިއުމެންޓެކެވެ. އެ ޑޮކިއުމެންޓް މެދުވެރިކޮށް ދަތުރުކުރެވޭނީ އިންޑިއާއަށް އެކަންޏެވެ. އެހެން ގައުމަކަށް ދަތުރެއް ނުކުރެވޭނެ އެވެ.

ދައުލަތުގެ މަސްލަހަތު ހުރި ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަން ޖެހުނީ އިތުރު އެއްވެސް ގޮތެއް ނެތުމުން ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ. އަދީބު ބޭސްފަރުވާއަށް ވަޑައިގަތުމަށްފަހު ފިލައިގެން ދިއުމުގެ އެއްވެސް ފުރުސަތެއް ނުދޭނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓްރީގެ އިތުރުން ކަމާ ގުޅުން ހުރި މުއައްސަސާތަކުން ވަނީ ދީފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ލޯންޗުކޮޅު ގޮއްވާލި މައްސަލައާއި ފިސްތޯލައެއް ގެންގުޅުމުގެ މައްސަލައިގެ އިތުރުން އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައެއްގައި އަދީބުގެ މައްޗަށް ކޮށްފައިވާ 33 އަހަރުގެ ޖަލު ހުކުމް ވަނީ ބާތިލުކޮށްފަ އެވެ. އެ ތިން މައްސަލައިގެ ޝަރީއަތް އަލުން ހިންގުމަށް ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓަށް އަންގާފަ އެވެ.

އަދީބު މިހާރު ތަންފީޒު ކުރައްވަމުން ގެންދަވަނީ ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލާގައި އޮތް 15 ދުވަހުގެ ޖަލު ހުކުމެވެ. އެ މުއްދަތު އަންނަ އަންގާރަ ދުވަހު ހަމަވި ނަމަވެސް ބޭސްފަރުވާގައި ހުންނަވާ ދުވަސްވަރު ހުކުމުގެ މުއްދަތެއް ނުގުނާނެ އެވެ.