ހަބަރު

އަދީބާއެކު ފުލުހުންނާއި ކަރެކްޝަނުން ދާނެ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުގައި ވަޑައިގަންނަވަނީ އިންޑިއާއަށް ކަމަށާއި ދަތުރުފުޅުގައި ދިވެހި ފުލުހުންނާއި ކަރެކްޝަންސްގެ އޮފިސަރުން ބައިވެރިވާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

އަދީބު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަންސް ސާވިސް އިން ވަނީ އިއްޔެ ދީފަ އެވެ. ބޮޑެތި ކުށްތަކުގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ އަދީބު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދިނުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ވަރަށް ގިނަ ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިކަމާ ގުޅިގެން ހޯމް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމުމާ ގުޅިގެން ސަލާމަތީ ގޮތުން ހަމަޖައްސަން ޖެހޭ ހުރިހާ ކަންކަން ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ. މެޑިކަލް ބޯޑުގެ ލަފާގެ މަތިން އިންޑިއާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުފުޅުގައި ދިވެހި ފުލުހުންނާއި ކަރެކްޝަންސްގެ އޮފިސަރުން ބައިވެރިވާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

"އަހުމަދު އަދީބުގެ ސިއްހީ ހާލަތާ ގުޅިގެން ކަށަވަރުޮށްދޭން ޖެހޭ އަސާސީ އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވި ކަމުގައިވިޔަސް އެ ކަމުގެ ސަބަބުން އަދުލުއިންސާފު ގާއިމު ކުރުމަށް ހުރަސް ނޭޅޭނެ ކަމާއި އިންސާފުގެ ކުރިމައްޗަށް އޭނާ ހާޒިރު ކުރުމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ވިޔަ ނުދިނުމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަޅަވެއް ސަރުކާރުން އަޅާނެ ކަމުގެ ޔަގީންކަން މި ފުރުސަތުގައި އަރުވަމެވެ." ހޯމް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އަދީބު ރާއްޖެއިން ބޭރަށް ފޮނުވަން ކަރެކްޝަންސް އިން ހުއްދަ ދިނުމާ ގުޅިގެން އޭނާ ފިލިޔަ ނުދިނުމަށްޓަކައި ކަރެކްޝަންސް އިން އަޅާނެ ފިޔަވަޅުތައް ސާފުކުރަން ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓއަށް ހާޒިރުކޮށް ސުވާލު ކުރުމަށް އެދި މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅާފަ އެވެ. މަޖިލީހަށް އެ މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

ބޭސްފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ކަރެކްޝަންސްއިން ދީފައިވާއިރު، އޭނާގެ މައްޗަށް އޮތް ތިން ދައުވާގައި އިއްވާފައިވާ 33 އަހަރުގެ ޖަލު ހުކުމް ވަނީ ބާތިލުކޮށްފަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ލޯންޗުކޮޅު ގޮއްވާލި މައްސަލައާއި ފިސްތޯލައެއް ގެންގުޅުނު ކަމުގެ މައްސަލައިގެ އިތުރުން މާބިންހުރާ ހިޔާނާތުގެ މައްސަލައިގެ ޝަރީއަތް އަލުން ބެލުމަށް ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓަށް އަންގާފަ އެވެ.