ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބު ގެއަށް ބަދަލުކުރަން ހައިކޯޓުން އަމުރުކޮށްފި

އެކި މައްސަލަތަކުގައި ބޮޑު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭ ބަންދަށް ބަދަލު ކުރަން ހައިކޯޓުން ދާދިދެންމެ އަމުރު ކޮށްފި އެވެ. އެގޮތަށް އަމުރު ކޮށްފައިވަނީ ހައިކޯޓުން މިއަދު ނެރުނު ވަގުތީ އަމުރެއްގަ އެވެ.

އެކަށީގެންވާ ބޭސް ފަރުވާ ނުލިބިގެން އަދީބު ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ. ނަމަވެސް އެ ކޯޓުން ނިންމީ އެއީ ސިވިލް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ. ސިވިލް ކޯޓުން މައްސަލަ ބޭރު ކުރުމުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރި އެވެ. އެ މައްސަލާގެ އަޑުއެހުމެއް އިއްޔެ އަދި މިއަދު ހައިކޯޓުގައި ވަނީ ބާއްވާފަ އެވެ.

ވަގުތީ އަމުރަށް އިއްޔެ އަދީބު އެދުނީ އެ މައްސަލާގެ ޝަރީއަތުގަ އެވެ. އަމުރު ނެރުނީ އަދީބާއި ދައުލަތުން ޝަރީއަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށް ރިޔާއަތް ކުރުމަށްފަހު އެވެ. މިއަދުގެ އަޑުއެހުމުގައި ވަގުތީ އަމުރު ނެރުމަށް ދެކޮޅު ހަދާ ދައުލަތުން ގިނަ ވާހަކަތަކެއް ދައްކާފައިވެ އެވެ.

އެގޮތުން މައްސަލަ ރައްދުވާ ހޯމް މިނިސްޓްރީ، ކަރެކްޝަނަލް ސާވިސް އަދި ފުލުހުންގެ ތަމްސީލް ކުރައްވާ ބަންޑާރަ ނައިބު އޮފީހުގެ ވަކީލް އަލީ ޝުހެއިލް މުހައްމަދު ވިދާޅުވީ ހައިކޯޓަށް އިސްތިއުނާފަށް ހުށަޅާފައިވާ މައްސަލައަކީ ސިވިލް ކޯޓުގެ އިޖުރާއީ ނިންމުމެއްގެ މައްޗަށް ބިނާވާ މައްސަލައަކަށްވެފައި އެއީ މައުޟޫއީ ގޮތުން ކުރިއަށްދާ މައްސަލައަކަށް ނުވާތީ ވަގުތީ އަމުރެއް ނެރުމަށް އެދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ވަގުތީ އަމުރެއް ނެރެވިދާނެ ކަމަށް ބެލި ނަމަވެސް، އަދީބުގެ މައްސަލާގައި މިހާރު އޭނާ ގޭބަންދަށް ބަދަލުކުރަން އަމުރެއް ނެރެން ޖެހޭ ފަދަ ހާލަތެއް ނެތް ކަމަށް ޝުހެއިލް ވިދާޅުވި އެވެ. އެއީ އޭނާ ގޭގައި ބެހެއްޓުމަށްފަހު ޖަލަށް ބަދަލުކުރީ ސްޓްރެސް ފްރީ މާހައުލެއްގައި ބެހެއްޓުމަށް ޑޮކްޓަރުން ލަފާ ދިން މުއްދަތު ހަމަވުމުން ކަމަށާއި އޭގެ ފަހުން ދެ ފަހަރަށް އައިޖީއެމްއެޗްއަށް ގެނެސް އަދީބު ޑޮކްޓަރަށް ދައްކާފައިވާއިރު ވެސް އެފަދަ ލަފައެއް ޑޮކްޓަރުން ދީފައި ނެތް ކަމަށެވެ. އޭގެ ބަދަލުގައި އަދީބު އެންމެ ފަހުން ޑިސްޗާޖް ކުރި ލިޔުގައި ވެސް ބުނެފައިވަނީ އޭނާ ސްޓޭބަލް ކަމަށް ޝުހެއިލް ވިދާޅުވި އެވެ.

ޝުހެއިލް ވިދާޅުވި ގޮތުގައި އަދީބު ޖަލުގައި ހުންނެވި ނަމަވެސް އޭނާއާމެދު އާންމު އުސޫލާ ހިލާފަށް އަމަލު ކުރަމުން ދަނީ ވަރަށް ރަނގަޅެވެ. އެގޮތުން އަދީބު ހުންނަނީ އޭސީކޮށް ޓީވީ ވެސް ބަހައްޓާފައިވާ ކޮޓަރިއެއްގަ ކަމަށާއި އެ ކޮޓަރީގައި އެނދާއި ފާހަނާ އަދި ކާ މޭޒާއި ސޯފާ ވެސް ހުންނަ ކަމަށެވެ. އޭގެ އިތުރަށް އަދީބަށް އެހީވުމަށް އިތުރު ގައިދީއެއް އެ ގޮޅީގައި އުޅޭ ކަމަށާއި ކޮންމެ ދުވަހަކު އަދީބުގެ ހާލަތު ބެލުމަށް ނަރުހެއް ވެސް އެ ކޮޓަރިއެއް ކަމަށްދާ ކަމަށް ވަކީލް ވިދާޅުވި އެވެ. ކަރަސްތުކުރަން ޔާޑެއް ވެސް ގޮޅީގައި ހިމެނޭއިރު ގޮޅި ހުންނަނީ ވެސް ދުވާލު ހުޅުވާފަ ކަމަށެވެ.

އެކަމަށް ރައްދު ދެއްވަމުން އަދީބުގެ ވަކީލް އިސްމާއިލް މުހައްމަދު ވިދާޅުވީ، ކޯޓުގައި އެއްވެސް މައްސަލައެއް މައުޟުއީ ގޮތުން ނޫން ގޮތެއްގައި ނުހިނގާނެ ކަމަށެވެ. އަދި އެ މައްސަލާގައި ވަގުތީ އަމުރަކަށް އެދުމުގެ ހައްގު އޮންނާނެ ކަމަށާއި ހައްގެއް ގެއްލޭ ކަމަށް ގަބޫލު ކުރެވޭނަމަ، ކޮންމެ މަރުހަލާއަކަށް ކޮންމެ ވަގުތެއްގައި ވެސް ކަމަކަށް އެދެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަކީލް އިސްމާއިލް އިތުރަށް ވިދާޅުވި ގޮތުގައި އަދީބު ގޮޅީގައި އޭސީ އާއި ޓީވީ ހުރުމަކުން ނުފުދޭ ކަމަށެވެ. އަދީބުގެ ގޮޅި ފަށައިގެން ބާރުގަދަ ރޭޑިއަޝަނެއް ހިމެނޭ ތިން ޑިވައިސް ހަރުކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން އަދީބަށް ނަފްސާނީ އަދި ސިއްހީ ގޮތުން ގެއްލުންވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ މީޑިއާ ޖޭމް ކުރުމަށް ހަރުކޮށްފައިވާ ޑިވައިސްތަކެކެވެ.

އަދީބަށް އެހީވުމަށް ބަހައްޓާފައިވާ ގައިދީއަކު ކުޑަކުއްޖަކާ ބެހުމުގެ ކުށެއްގައި ކުށް ސާބިތުވެފައި ހުރި 60 އަހަރުގެ މީހެއް ކަމަށާއި އޭނާއަށް އަދީބަށް އެހީވެވިދާނެތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި އެކުގައި ބައިތިއްބަންޖެހޭނީ ގިންތީގެ ގޮތުން އެއް ދަރަޖައެއްގެ ގައިދީންކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ހައެއް ނޫނީ އަށް މަސް ދުވަހު އަދީބު ގޭގައި ބެހެއްޓުމަށް ޑޮކްޓަރު ލަފާ ދިން ނަމަވެސް އޭނާ ގޭގައި ބެހެއްޓީ ހަތަރު ހަފުތާ ކަމަށާއި ފަހުން އަދީބު އެޑްމިޓްކޮށް އެންމެ ފަހުން ޑޮކްޓަރު ދިން ލިޔުމުގައި ވެސް އިތުރު އަނިޔާއެއް އޭނާއަށް ލިބިދާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެންމެފަހުން އަދީބު ހޮސްޕިޓަލަށް ގެންދިޔައީ ހޭނެތިގެން ގޮޅި ތެރެއަށް ވެއްޓުމާ ގުޅިގެންނެވެ. އެ ލިޔުމުގައި އަދީބު އިތުރު ޑޮކްޓަރުންތަކަށް ދެއްކުމަށް ވެސް ލަފާ ދީފައިވާ ކަމަށެވެ.

ބަންޑާރަ ނައިބުގެ ވަކީލް ޝުހެއިލް ވިދާޅުވީ އަދީބު ހޭނެތެނީ ބޭހެއް ކެއުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވެފައިވާ ކަމަށާއި އެ ބޭސް ކައިގެން އެހެންވާނަމަ ބޭސް ކެއުން ހުއްޓާލުމަށް ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށެވެ. އަދި އިތުރު އަނިޔާއެއް ވެދާނެ ކަންކަމުން ދުރުވުމަށް ވެސް ލަފާ ދީފައިވާ ކަމަށެވެ. ޑޮކްޓަރުންގެ ލަފާއާ އެއްގޮތަށް އަދީބު ހާއްސަ ޑޮކްޓަރުންނަށް ވެސް ދައްކަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހިސާބުން މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހަސަން އަލީ ސުވާލުތަކެއް ކުރިމަތިކުރުވި އެވެ. ފަނޑިޔާރު އެންމެ ފުރަތަމަ ފާހަގަ ކުރެއްވީ އަދީބު ސިއްހީ ތިން ހާލަތެވެ. އެއީ ލޮލުގެ ބައްޔާއި ކިޑްނީގައި ހިލަ އުފެދުމާއި އެތެރެ ހަށީގައި ސިސްޓްތަކެއް ހުރުމެވެ. އެގޮތުން ލޮލުގެ ބައްޔަށް ބޭސް ކުރަން ރާއްޖެއިން ބޭރަށް ދިޔުމަށް މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު އައިކެއާގެ ޑޮކްޓަރަކު ލަފާ ދީފައިވެ އެވެ. އެފަދަ ހާލަތުގައި ކަރެކްޝަނުން އަމަލު ކުރަނީ ކިހިނެއްތޯ ފަނޑިޔާރު އެއްސެވި އެވެ.

ކަރެކްޝަނަލް ސާވިސްގެ ވަކީލް އިސްމާއިލް ސޫދު ވިދާޅުވީ އެފަދަ ހާލަތުގައި އަމަލު ކުރާ އިޖުރާތެއް ގަވައިދުގައިވާ ކަމަށެވެ. އެ މައްސަލާގައި އެ އިޖުރާއަތް ފުރިހަމަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޑޮކްޓަރަކު އެގޮތަށް ލަފާ ދީފިނަމަ އެހެން ޑޮކްޓަރަކަށް ދައްކަން ޖެހޭ ކަމަށާއި ބޭރަށް ފޮނުވުމުގެ ހުއްދަ ހޯދުމަށް މެޑިކަލް ބޯޑަށް ހުށަހަޅަނީ އެފަދަ ލަފާއެއް ދެ ޑޮކްޓަރެއްގެ ފަރާތުން ލިބިއްޖެ ކަމަށްވާނަމަ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އަދީބުގެ ލޮލާ ގުޅިގެން ބޭރަށް ފޮނުވުމަށް ދެ ޑޮކްޓަރަކު ލަފާ ނުދޭ ކަމަށެވެ.

އެކަމާ ގުޅިގެން އަދީބު ހާއްސަ ޑޮކްޓަރަކަށް ދެއްކިތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ އައިޖީއެމްއެޗަށް ވަޑައިގަންނަވާ ވިސިޓިން ޑޮކްޓަރަކަށް އަދީބު ދައްކާފައިވާ ކަމަށެވެ. ލޮލުގެ ބަލިތަކަށް ހާއްސަ އެ ޑޮކްޓަރު އަދީބު ބޭރަށް ގެންގޮސް ފަރުވާ ދިނުމަށް ލަފާ ދީފައިނުވާ ކަމަށެވެ. ނަމަވެސް އޭނާ އެދުނީ އެ ޑޮކްޓަރުން އަލުން ރާއްޖެ އައުމުން އޭނާއަށް ދެއްކުމަށް ކަމަށެވެ. އެކަމަކު، އެ ޑޮކްޓަރަށް އަދީބު ދައްކާފައިވަނީ އަދީބު ބޭރަށް ފޮނުވުމަށް އައިކެއާއިން ލަފާ ދިންތާ ތިން މަސް ދުވަސް ފަހުންނެވެ. އެއީ އެފަދަ އެމެޖެންސީ ސިއްހީ ހާލަތުގައި އަމަލު ކުރައްވާ ގޮތްތޯ ހިތްހަމަނުޖެހި އިންނަވާ ފަނޑިޔާރު އެއްސެވި އެވެ. ކަރެކްޝަންގެ ވަކީލް ވިދާޅުވީ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމަށް ކަރެކްޝަނުން ވެސް ޖެހެނީ އާންމު އުސޫލުގެ ދަށުން ކިޔުގައި ޖެހެން ކަމަށެވެ. ކިޔު ޖެހުމުން ޑޮކްޓަރަށް ދައްކާ ކަމަށް ވަކީލް ވިދާޅުވި އެވެ.

ލިޔުންތައް ބެއްލުވުމަށްފަހު ފަނޑިޔާރު ހަސަން އަލީ ވިދާޅުވީ އަދީބުގެ އެތެރެ ހަށީގައި އުފެދޭ ސިސްޓް ފަދަ ސިސްޓްތަކެއް ސަބަބުން އެ އާއިލާގެ މީހަކު މަރުވެފައިވާކަން އެނގޭ ކަަމަށާއި އަދި އެ ސިސްޓްތަކަކީ އާހިރުގައި ކެންސަރަށް ބަދަލުވެދާނެ ކަމެއްކަން ވެސް އެނގޭ ކަމަށެވެ. އެކަމާ ގުޅިގެން ކަރެކްޝަނުން އަމަލުކުރީ ކިހިނެއްތޯ އެއްސެވި އެވެ.

ބަންޑާރަ ނައިބުގެ ވަކީލް ވިދާޅުވީ އެކަމުގައި އިޖުރާއަތްތައް ފުރިހަމަ ކުރަން މަސައްކަތް ކުރުމުން އަދީބުގެ ފަރާތުން އެއްބާރުލުން ދީފައިނުވާ ކަމަށެވެ. އެގޮތުން ސްކޭނެއް ހަދަމުން އުޅުމުން އެކަމަށް އެއްބަސްވެ އާއިލާގެ ފަރާތުން ސޮއި ނުކުރި ކަމަށެވެ. އޭނާ އަވަހާރަކޮށްލަން އުޅެނީ ކަމަށް ބުނެ އެ ސްކޭން ހަދަން ދެކޮޅު ހެދި ކަމަށް ވަކީލް ވިދާޅުވި އެވެ. އެހެން އެ އިޖުރާއަތްތައް އޮތީ ހުއްޓިފަ އެވެ.

އަދީބުގެ ވަކީލް އިސްމާއިލް ވަނީ ސިސްޓްތަކާ ގުޅިގެން ކެންސަރަށް ސްކްރީން ކުރުމަށް ޑޮކްޓަރުން ލަފާ ދިން ކަމަށާއި ނަމަވެސް އެފަދަ ކަމެއް ކޮށްފައިނުވާ ކަމަށެވެ. ސްކޭނެއް ކުރުމަކީ ކެންސަރު ދެނެގަނެވޭނެ ކަމެއް ނޫންކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސެއިން ޝަހީދު ވެސް ގިނަ ސުވާލުތަކެއް އަމާޒު ކުރެއްވި އެވެ. ފަނޑިޔާރު ވަނީ ސިސްޓްތަކާ ގުޅިގެން އިޖުރާއަތްތައް ފުރިހަމަ ކުރަން މަސައްކަތް ކުރި ލިޔުންތައް ހުށަހަޅަން ދައުލަތަށް އަންގަވާފަ އެވެ. އަދި އަދީބުގެ ގޮޅީގައި އިތުރު ގައިދީއަކު ބަހައްޓަނީ ކޮން އުސޫލަކުންތޯ އެއްސެވި އެވެ. އެހީތެރިޔަކު ބަހައްޓަން ޖެހުނީ އަދީބުގެ ސިއްހީ ހާލަތު ރަނގަޅު ނޫން ކަމަށް ކަރެކްޝަނުން ވެސް ގަބޫލު ކުރާތީ ނޫންތޯ އެއްސެވި އެވެ.

ކަރެކްޝަންގެ ވަކީލް ވިދާޅުވީ ގައިދީ ބަހައްޓަނީ ސީދާ އެހީތެރިއެއްގެ ގޮތަށް ނޫން ކަމަށާއި ނަމަވެސް އެއީ ހާދިސާއެއް ހިނގައިފާނެ ކަމަށް އަދީބު އެކަނި ނުބެހެއްޓުމުގެ ގޮތުން ބަހައްޓާ ގައިދީއެއް ކަމަށެވެ. އަދީބަކީ ސިއްހީ ފަރުވާ ހޯދަމުންދާ މީހަކަށްވެފައި ހާދިސާއެއް ހިނގާފާނެ ކަމަށް ވިސްނާ އަދީބު އެކަހެރިކޮށް ބަހައްޓަން ބޭނުން ނުވަނީ ކަމަށެވެ.

އަޑުއެހުން މެދުކަނޑާލެއްވުމަށްފަހު ގާތްގަނޑަކަށް 45 މިނެޓް ފަހުން ފަނޑިޔާރުން އެނބުރި ޝަރިއަތުގެ މާލަމަށް ވަޑައިގެން، ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ އިސް ފަނޑިޔާރު ސުޖާއު އުސްމާން ވިދާޅުވީ އަދީބު އެދުނު ގޮތަށް ވަގުތީ އަމުރު ނެރެދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި، ކޯޓުން ވަކި ގޮތެއް އަންގަންދެން އަދީބު ގޭގައި ބެހެއްޓުމަށް މުއައްސަސާތަކުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

އެ އަމުރު ކުރުމާއެކު އާއިލާގެ އާއިލާ މީހުންނާއި ޝަރީއަތް އަޑުއަހަން ވަދެ ތިބި އަދީބުގެ ޕާޓީގެ އެމްޓީޑީގެ މެންބަރުން އުފާ ފާޅުކުރި އެވެ. އާއިލާ ބައެއް ބޭފުޅުން ވަނީ ކޯޓު ރޫމް ތެރޭ ޝުކުރުގެ ސަޖިދަ ވެސް ޖަހާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ފެށުނުތަނާހެން އަދީބު ފުރަތަމަ ފަހަރަށް ގެއަށް ބަދަލުކުރި އެވެ. އޭނާ ގެއަށް ބަދަލުކުރީ ހާލު ސީރިއަސްވެ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު އެވެ. އަދީބުގެ ކިޑްނީގެ އޮޕަރޭޝަން އޭރުކޮށްފައިވާއިރު ޑޮކްޓަރުން ވެސް ލަފާ ދިނީ އޭނާ ސްޓްރެސް ފްރީ ތަނެއްގައި ބެހެއްޓުމަށެވެ.

ނަމަވެސް ޑޮކްޓަރު ލަފާ ދިން މުއްދަތު ހަމަވެއްޖެ ކަމަށް ބުނެ، އަދީބު އަނބުރާ ޖަލަށް ގެންދަން ކަރެކްޝަނަލް ސާވިސްއިން ނިންމައި އެގޮތަށް އަމަލުކުރި އެވެ. އޭގެ ފަހުން ދެ ފަހަރެއްގެ މަތިން އަދީބު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ޖެހިފައިވެ އެވެ. މިދިޔަ ހަފުތާ ވެސް އަދީބު ގޮޅި ތެރެއަށް ހޭނިތިގެން ވެއްޓުމުން ހޮސްޕިޓަލަށް ގެނެސް ފަރުވާ ދިނެވެ. އޭނާ އަނެއްކާވެސް އަދީބު ގެންދިޔައީ ޖަލަށެވެ.

މިކަމާ ގުޅިގެން އަދީބުގެ އާއިލާއިން ގެންދަނީ އޭނާގެ ބޭސް ފަރުވާއަށް އިހުމާލުވަމުންދާ ކަމަށް ބުނެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ނަމަވެސް ހޯމް މިނިސްޓަރު ވެސް އަދި ރައީސް ސޯލިހު ވެސް އަދީބާމެދު ގޯސްކޮށް އަމަލު ކުރާ ތަން ނުފެންނަ ކަމަށް ވިދާޅުވެފަ އެވެ.

އަދީބު މީގެކުރިން ވިދާޅުވެފައިވާ ގޮތުން މި ސަރުކާރުން ކުރަމުންދާ ތަހުގީގުތަކަށް އޭނާ އެއްބާރުލުންދޭނެ އެވެ. އަދި ރާއްޖެއިން ބޭރަށް ދާން ވެސް ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ އެކަށީގެންވާ ފަރުވާއެއް ރާއްޖެއިން ލިބުން ކަމަށް ވަނީ ވިދާޅުވެފަ އެވެ.