ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް ބޭނުންވާ ފަރުވާގެ ފުރުސަތު ފަހިކޮށް ދިނުމަށް އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއްކަމަށްވާ އޯއެމްސީޓީން މިއަދު ގޮވާލައިފި އެވެ.
ބޭސްފަރުވާގެ ހައްގު އަދީބަށް ކަށަވަރުކޮށްދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލި ގޮވާލުމަށް ތާއީދުކޮށް، އޯއެމްސީޓީން ބުނީ ބޭސްފަރުވާ ފޯރުކޮށްދިނުމަކީ ބަންދުގައި ތިބޭ މީހުނަށްވެސް ލިބިދީފައިވާ ހައްގެއް ކަމަށެވެ.
އެހެންކަމުން، އަދީބަށް ބޭނުންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް އެ ޖަމިއްޔާއިން ވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލައިފަ އެވެ.
އެމްނެސްޓީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވި ސިޓީގައި އަދީބުގެ ސިއްހީ ހާލަތާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.
އަދި އަދީބަށް ސިއްހީ ގިނަ މައްސަލަތަކެއް ދިމާވެފައި ވަނިކޮށް އަލުން އަނބުރާ ޖަލަށް ގެންގޮސްފައިވާތީ އެކަމާ ކަންބޮޑުވުން ފާޅު ކޮށްފައި ވެއެވެ. މީގެ އިތުުރުން އަދީބުގެ މައްޗަށް އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލާފައި ވަނިކޮށް އެ މައްސަލަ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ކޮށްފައިވާ ކަމަށާ އަދި ޕީޖީން އެދިގެން އިސްތިއުނާފު ޝަރީއަތް ނިމެންދެން އަދީބު ޖަލު ބަންދަށް ބަދަލުކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެކަމަށް ހޭދަވާނީ ކިހާ މުއްދަތެއްކަން ނޭންގޭތީ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އެމްނެސްޓީން ރައީސަށް ފޮނުވި ސިޓީގައި އަދީބަށް ބޭނުންވާ ބައެއް ފަރުވާ ރާއްޖެއިން ލިބެން ނެތްކަންވެސް ވަނީ ފާހަގަ ކޮށްފަ އެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން އަދީބުގެ ގާނޫނީ ޓީމުން އޭނާއަށް ރާއްޖެއިން ބޭރަށް ގޮސް ފަރުވާ ހޯދޭނެ އިންތިޒާމް ހަމަޖެއްސުމަށް އެދެމުންދިޔަ ނަމަވެސް އެކަމަށް ކަރެކްޝަނުން ހުރަސް އަޅަމުންދާ ކަމަށް ވަނީ ބުނެފައެވެ.
މިފަދަ ކަންކަމަކީ ރާއްޖެ ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާއި ބެހޭ އެކި މުއާހަދާތަކާއި މުޅިން ހިލާފު ކަންކަން ރައީސް ސޯލިހުގެ ސަމާލުކަމަށް އެ ޖަމާއަތުން ވަނީ ގެނެސްފައެވެ. ރައީސަށް އެމްނެސްޓީން ފޮނުވި ސިޓީގައި އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތައްވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން ލޮލުގެ ބައްޔެއް ކަމަށްވާ ގްލޮކޮމާ އަދި އެތެރެހަށީގައި ސިސްޓެއް އުފެދިފައިވުމާއި ކިޑްނީގެ މައްސަލަތަކެއްވެސް ދިމާވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
ކޮވިޑްގެ ނުރައްކާބޮޑު މިފަދަ ދުވަސްވަރެއްގައި ފަރުވާއިން މަހުރޫމްކޮށް އަދީބު ޖަލުގައި ނުބޭއްވުމަށްވެސް އެމްނެސްޓީން ވަނީ ރައީސަށް ދަންނަވާފަ އެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްްޗަށް ދައުލަތުން އުފުލި ދައުވާތައް ކްރިމިނަލް ކޯޓުން ބާތިލްކުރި ހުކުމްގެ އިސްތިއުނާފް ޝަރީއަތް ނިމެންދެން ރެމާންޑް ޖަލެއްގައި އޭނާ ބަންދުގައި ބަހައްޓަން ހައި ކޯޓުން ހުކުމް ކުރީ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.
ދައުލަތުގެ ފަރާތުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލް ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ އިސްތިއުފާނު މައްސަލާގައި ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހައި ކޯޓުން އެ ގޮތަށް އަމުކުރީ، އަދީބު ދޫކޮށްލައިފިނަމަ އޭނާ ފިލައިގެން ގޮސްދާނެ ކަމަށް ދެކޭތީ ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރަކަށް ދައުލަތުން އެދުމާ ގުޅިގެންނެވެ.