ހަބަރު

އަދީބު ގެއަށް ބަދަލު ނުކުރަން ސުޕްރީމް ކޯޓުން އަންގައިފި

އެކި މައްސަލަތަކުގައި ބޮޑު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގެއަށް ބަދަލުކުރަން ހައިކޯޓުން އިއްޔެ ނެރުނު އަމުރު ތަންފީޒު ނުކުރަން އަންގައި ސުޕްރީމް ކޯޓުން ދާދިދެންމެ އަމުރެއް ނެރެފި އެވެ.

އަދީބު ގެއަށް ބަދަލުކުރަން އަމުރު ކޮށްފައިވަނީ އިއްޔެ ހަވީރު ހައިކޯޓުން ނެރުނު ވަގުތީ އަމުރެއްގަ އެވެ. އެ އަމުރު އެ ކޯޓުން ނެރުނީ އެ ކޯޓަށް އަދީބުގެ ފަރާތުން ބޭސް ފަރުވާ ނުލިބޭ މައްސަލާގައި ހުށަހެޅި މައްސަލާގައި އޭނާ އެފަދަ އަމުރަކަށް އެދުމުންނެވެ.

އެ އަމުރު ނެރެފައިވަނީ އެކަމަށް ދައުލަތުން ދެކޮޅު ހަދަމުން ދަނިކޮށެވެ. އެހެންވެ ދައުލަތުން މިއަދު ވަނީ އެ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ އަމުރު އިސްތިއުނާފުކުރިއިރު އަދީބު ވަނީ އަމުރާ އެއްގޮތަށް ގެއަށް ބަދަލުކޮށްފަ އެވެ. އިއްޔެ ކޯޓުން އަދީބު ގެންދިޔައީ ގެއަށެވެ.

ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އެ އަމުރު ބާތިލްކޮށް ދިނުމަށް އެދިފަ އެވެ. ދައުލަތުން ބުނެފައިވަނީ އެ އަމުރަކީ ސުޕްރީމް ކޯޓުގެ އުސޫލުތަކާ ހިލާފަށް ހައިކޯޓުން ނެރެފައިވާ އަމުރެއް ކަމަށެވެ. އަދި ޝަރީއަތަށް ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު އިޔާދަ ނުކުރެވޭވަރުގެ ގެއްލުމެއް އަދީބަށް ލިބެން ނެތް ކަމަށާއި އެހެންވެ އެ އަމުރު ނެރެން ޖެހޭ ފަދަ ހާލަތެއް ނެތް ކަމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ވަނީ ބުނެފަ އެވެ.

އަމުރު ބާތިލުކޮށް ދިނުމުގެ އިތުރުން އެ މައްސަލާގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައެޅެންދެން އަމުރު ތަންފީޒުކުރުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށް ވެސް ދައުލަތުން ވަނީ އެދިފަ އެވެ. އެހެންވެ ދައުލަތުން ހުށަހެޅި ކަންކަމަށް ބަލައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އަދީބު ގެއަށް ބަދަލު ކުރަން ނެރުނު އަމުރު ތަންފީޒުކުރުން ވަގުތީ ގޮތުން ފަސްކުރަން އަންގާފަ އެވެ. އަދި އެ އަމުރާ ގުޅިގެން އެއްވެސް މުއައްސަސާއަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވަނީ އަންގާފަ އެވެ.

އެކަށީގެންވާ ބޭސް ފަރުވާ ނުލިބިގެން އަދީބު ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ. ނަމަވެސް އެ ކޯޓުން ނިންމީ އެއީ ސިވިލް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ. ސިވިލް ކޯޓުން މައްސަލަ ބޭރު ކުރުމުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރި އެވެ. އަދީބު ގޭބަންދަށް ބަދަލުކުރަން އަމުރު ކުރީ އެ މައްސަލާގެ އަޑުއެހުމުގަ އެވެ. އެ މައްސަލާގެ އަޑުއެހުންތައް ވެސް އިއްޔެ ހައިކޯޓުން ނިންމާލި އެވެ. މައްސަލާގައި ގޮތެއް ކަނޑައެޅެންދެން އަދީބު ގެއަށް ބަދަލުކުރަން އަމުރު ކުރީ އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އަމުރު ނެރުއްވީ ހައިކޯޓުގެ އިސް ފަނޑިޔާރު ސުޖާއު އުސްމާނާއި ފަނޑިޔާރު ހަސަން އަލީ އާއި ފަނޑިޔާރު ހުސެއިން ޝަހީދެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ފެށުނުތަނާހެން އަދީބު ފުރަތަމަ ފަހަރަށް ގެއަށް ބަދަލުކުރި އެވެ. އޭނާ ގެއަށް ބަދަލުކުރީ ހާލު ސީރިއަސްވެ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު އެވެ. އަދީބުގެ ކިޑްނީގެ އޮޕަރޭޝަން އޭރުކޮށްފައިވާއިރު ޑޮކްޓަރުން ވެސް ލަފާ ދިނީ އޭނާ ސްޓްރެސް ފްރީ ތަނެއްގައި ބެހެއްޓުމަށެވެ.

ނަމަވެސް ޑޮކްޓަރު ލަފާ ދިން މުއްދަތު ހަމަވެއްޖެ ކަމަށް ބުނެ، އަދީބު އަނބުރާ ޖަލަށް ގެންދަން ކަރެކްޝަނަލް ސާވިސްއިން ނިންމައި އެގޮތަށް އަމަލުކުރި އެވެ. އޭގެ ފަހުން ދެ ފަހަރެއްގެ މަތިން އަދީބު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ޖެހިފައިވެ އެވެ. މިދިޔަ ހަފުތާ ވެސް އަދީބު ގޮޅި ތެރެއަށް ހޭނިތިގެން ވެއްޓުމުން ހޮސްޕިޓަލަށް ގެނެސް ފަރުވާ ދިނެވެ. އޭނާ އަނެއްކާވެސް އަދީބު ގެންދިޔައީ ޖަލަށެވެ.

މިކަމާ ގުޅިގެން އަދީބުގެ އާއިލާއިން ގެންދަނީ އޭނާގެ ބޭސް ފަރުވާއަށް އިހުމާލުވަމުންދާ ކަމަށް ބުނެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ނަމަވެސް ހޯމް މިނިސްޓަރު ވެސް އަދި ރައީސް ސޯލިހު ވެސް އަދީބާމެދު ގޯސްކޮށް އަމަލު ކުރާ ތަން ނުފެންނަ ކަމަށް ވިދާޅުވެފަ އެވެ.

އަދީބުގެ އާއިލާއިން މައުލޫމާތު ދޭ ގޮތުގައި އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވެ އެވެ. އަދި އަދީބުގެ ލޮލުގެ ހާލަތު ވެސް ރަނގަޅު ނޫން ކަމަށް އާއިލާއިން ބުނެ އެވެ.

އަދީބު މީގެކުރިން ވިދާޅުވެފައިވާ ގޮތުން މި ސަރުކާރުން ކުރަމުންދާ ތަހުގީގުތަކަށް އޭނާ އެއްބާރުލުންދޭނެ އެވެ. އަދި ރާއްޖެއިން ބޭރަށް ދާން ވެސް ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ އެކަށީގެންވާ ފަރުވާއެއް ރާއްޖެއިން ލިބުން ކަމަށް ވަނީ ވިދާޅުވެފަ އެވެ.