ހަބަރު

އަދީބުގެ ގޭބަންދު އަމުރަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު ގޭބަންދު ކުރުމަށް ހައިކޯޓުން ނެރުނު ވަގުތީ އަމުރަށް ސުޕްރީމް ކޯޓުން މިއަދު ތާއިދުކޮށްފި އެވެ.

ހައިކޯޓުން އަދީބު ގެއަށް ބަދަލުކުރީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭފަ އެވެ. އެ އަމުރު އެ ކޯޓުން ނެރުނީ އެ ކޯޓަށް އަދީބުގެ ފަރާތުން ބޭސް ފަރުވާ ނުލިބޭ މައްސަލާގައި ހުށަހެޅި މައްސަލާގައި އޭނާ އެފަދަ އަމުރަކަށް އެދުމުންނެވެ.

އެ އަމުރު ނެރެފައިވަނީ އެކަމަށް ދައުލަތުން ދެކޮޅު ހަދަމުން ދަނިކޮށެވެ. އެހެންވެ ދައުލަތުން 24 ގަޑިއިރު ނުވަނީސް އެ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ އަމުރު އިސްތިއުނާފުކުރިއިރު އަދީބު ވަނީ އަމުރާ އެއްގޮތަށް ގެއަށް ބަދަލުކޮށްފަ އެވެ.

ގެއަށް ބަދަލުކުރި ދުވަހު ނޫން އަނެއް ދުވަހު ސުޕްރީމް ކޯޓުން އަދީބު ގެއަށް ބަދަލުކުރަން ހައިކޯޓުން ނެރުނު އަމުރު ހުއްޓުވި އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން އަދީބު ގެއަށް ބަދަލުކުރުމުގެ އަމުރު ތަންފީޒު ނުކުރަން އެންގި އެވެ.

ނަމަވެސް މިއަދު ސުޕްރީމް ކޯޓުން ވެސް ނިންމީ އަދީބުގެ ސިއްހީ ހާލަތު ހުރި ގޮތުން އޭނާ ގޭބަންދަށް ބަދަލު ކުރަން ޖެހޭ ކަމަށެވެ. އެހެންވެ، ހައިކޯޓުގެ އަމުރަށް ސުޕްރީމް ކޯޓުން ތާއިދު ކުރީ އެވެ.

ސުޕްރީމް ކޯޓުން އަދީބު ގޭބަންދަށް ބަދަލު ކުރަން އަމުރު ކުރިއިރު ވެސް އޭނާ ހުންނެވީ ގޭބަންދުގަ އެވެ. މީގެ ދުވަސްކޮޅެއް ކުރިން އަދީބު ގެއަށް ބަދަލު ކުރަން ކަރެކްޝަނަލް ސާވިސް ނިންމައި، އޭނާ ގެއަށް ބަދަލުކުރި އެވެ.