ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބުގެ ކަރުގައި ވާޖަހައިގެން ނުދަމާ: ނަޝްވާ

ކުރީގެ ނައިބު ރައީސް އަހުމަދް އަދީބުގެ ކަރުގައި ވާގަނޑު ޖަހައިގެން ނުދަމަން އަދީބުގެ އަބިކަނބަލުން މަރިޔަމް ނަޝްވާ އެދިއްޖެ އެވެ.

ސުޕްރީމް ކޯޓްގެ އަމުރަށް މިއަދު ހަވީރު އަދީބު އަނބުރާ ޖަލަށް ގެންދިޔުމާ ގުޅިގެން ނަޝްވާ ކުރެއްވި ޓުވީޓެއްގައި "އަދީބަށް މި ބިމުގައި އެއްވެސް އިންސާފެއްް ނެތް ކަމަށް ސަރުކާރުން ބުނަންވީ ނޫންތޯ" ސުވާލު ކުރައްވާފައި ވެއެވެ.

އެ ޓްވީޓުގައި އިތުރަށް ވިދާޅުވެފައި ވަނީ އަދީބް ވަނީ ބޭސްފަރުވާގެ ހައްގުން މަހްރޫމްކޮށްފައި ކަމަށާއި، އަދީބަށް ބޭސް ކުރަމުން ދިޔަ ޑޮކްޓަރުންނަށް ނުފޫޒު ފޯރުވާފައި ކަމަށެވެ. އަދި އަދީބް ބޭސް ފަރުވާގެ ހައްގުން މަހްރޫމް ކުރުމަކީ އިންސާނިއްޔަތަށް އަރައިގަތުން ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އަދީބް އިއްޔެގެ ވަގުތެއްގައި ގެއަށް ބަދަލު ކުރީ ހައި ކޯޓްގެ އަމުރަކަށެވެ. އެ އަމުރު އައީ އާއިލާގެ ފަރާތުން އަދީބު ގޭގައި ބެހެއްޓުމުގެ ވަގުތީ އަމުރަކަށް އެދި ހުށަހެޅުމުންނެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނީ ހައި ކޯޓުން އެހުކުމް ނެރެފައިވަނީ ސުޕްރީމް ކޯޓުގެ އުސޫލުތަކާ ހިލާފަށް ކަމަށެވެ.