ހަބަރު

އަދީބު ގެއަށް ބަދަލުކޮށްފި

އެކި މައްސަލަތަކުގައި ބޮޑު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭ ބަންދަށް ބަދަލު ކުރަން ހައި ކޯޓުން ކުރި އަމުރާ އެއްގޮތަށް އޭނާ މިރޭ ގެއަށް ބަދަލުކޮށްފި އެވެ. އަދީބު ގެއަށް ބަދަލުކުރަން އަމުރު ކޮށްފައިވަނީ މިއަދު ހަވީރު ނެރުނު ވަގުތީ އަމުރެއްގަ އެވެ.

ކޯޓުގެ އަމުރާ އެއްގޮތަށް އަދީބު ގެއަަށް ބަދަލު ކޮށްފައިވަނީ މިރޭ 8:30 ހާއިރު އެވެ. ގެއަށް ބަދަލުކުރުމުގެ ކުރިން ހައިކޯޓުން މާލެ ޖަލަށް އަދީބު ގެންގޮސް އިދާރީ ކަންކަން ނިންމާފައިވެ އެވެ.

އެކަށީގެންވާ ބޭސް ފަރުވާ ނުލިބިގެން އަދީބު ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ. ނަމަވެސް އެ ކޯޓުން ނިންމީ އެއީ ސިވިލް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ. ސިވިލް ކޯޓުން މައްސަލަ ބޭރު ކުރުމުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރި އެވެ. އެ މައްސަލާގެ އަޑުއެހުމެއް އިއްޔެ އަދި މިއަދު ހައިކޯޓުގައި ވަނީ ބާއްވާފަ އެވެ.

ވަގުތީ އަމުރަށް އިއްޔެ އަދީބު އެދުނީ އެ މައްސަލާގެ ޝަރީއަތުގަ އެވެ. އަމުރު ނެރުނީ އަދީބާއި ދައުލަތުން ޝަރީއަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށް ރިޔާއަތް ކުރުމަށްފަހު އެވެ. މިއަދުގެ އަޑުއެހުމުގައި ވަގުތީ އަމުރު ނެރުމަށް ދެކޮޅު ހަދާ ދައުލަތުން ގިނަ ވާހަކަތަކެއް ދައްކާފައިވެ އެވެ.

ނަމަވެސް މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުން ނިންމީ އަދީބު އެދުނު ގޮތަށް ވަގުތީ އަމުރު ނެރެދިނުމަށެވެ. އަދި، ކޯޓުން ވަކި ގޮތެއް އަންގަންދެން އަދީބު ގޭގައި ބެހެއްޓުމަށް މުއައްސަސާތަކުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

އެ އަމުރު ކުރުމާއެކު އާއިލާގެ އާއިލާ މީހުންނާއި ޝަރީއަތް އަޑުއަހަން ވަދެ ތިބި އަދީބުގެ ޕާޓީގެ އެމްޓީޑީގެ މެންބަރުން އުފާ ފާޅުކުރި އެވެ. އާއިލާ ބައެއް ބޭފުޅުން ވަނީ ކޯޓު ރޫމް ތެރޭ ޝުކުރުގެ ސަޖިދަ ވެސް ޖަހާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ފެށުނުތަނާހެން އަދީބު ފުރަތަމަ ފަހަރަށް ގެއަށް ބަދަލުކުރި އެވެ. އޭނާ ގެއަށް ބަދަލުކުރީ ހާލު ސީރިއަސްވެ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު އެވެ. އަދީބުގެ ކިޑްނީގެ އޮޕަރޭޝަން އޭރުކޮށްފައިވާއިރު ޑޮކްޓަރުން ވެސް ލަފާ ދިނީ އޭނާ ސްޓްރެސް ފްރީ ތަނެއްގައި ބެހެއްޓުމަށެވެ.

ނަމަވެސް ޑޮކްޓަރު ލަފާ ދިން މުއްދަތު ހަމަވެއްޖެ ކަމަށް ބުނެ، އަދީބު އަނބުރާ ޖަލަށް ގެންދަން ކަރެކްޝަނަލް ސާވިސްއިން ނިންމައި އެގޮތަށް އަމަލުކުރި އެވެ. އޭގެ ފަހުން ދެ ފަހަރެއްގެ މަތިން އަދީބު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ޖެހިފައިވެ އެވެ. މިދިޔަ ހަފުތާ ވެސް އަދީބު ގޮޅި ތެރެއަށް ހޭނިތިގެން ވެއްޓުމުން ހޮސްޕިޓަލަށް ގެނެސް ފަރުވާ ދިނެވެ. އޭނާ އަނެއްކާވެސް އަދީބު ގެންދިޔައީ ޖަލަށެވެ.

މިކަމާ ގުޅިގެން އަދީބުގެ އާއިލާއިން ގެންދަނީ އޭނާގެ ބޭސް ފަރުވާއަށް އިހުމާލުވަމުންދާ ކަމަށް ބުނެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ނަމަވެސް ހޯމް މިނިސްޓަރު ވެސް އަދި ރައީސް ސޯލިހު ވެސް އަދީބާމެދު ގޯސްކޮށް އަމަލު ކުރާ ތަން ނުފެންނަ ކަމަށް ވިދާޅުވެފަ އެވެ.

އަދީބުގެ އާއިލާއިން މައުލޫމާތު ދޭ ގޮތުގައި އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވެ އެވެ. އަދި އަދީބުގެ ލޮލުގެ ހާލަތު ވެސް ރަނގަޅު ނޫން ކަމަށް އާއިލާއިން ބުނެ އެވެ.

އަދީބު މީގެކުރިން ވިދާޅުވެފައިވާ ގޮތުން މި ސަރުކާރުން ކުރަމުންދާ ތަހުގީގުތަކަށް އޭނާ އެއްބާރުލުންދޭނެ އެވެ. އަދި ރާއްޖެއިން ބޭރަށް ދާން ވެސް ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ އެކަށީގެންވާ ފަރުވާއެއް ރާއްޖެއިން ލިބުން ކަމަށް ވަނީ ވިދާޅުވެފަ އެވެ.