މޮނިޓާ ކުރެވޭނެ ގޮތަށް ޓެގް އެޅުއްވުމަށް ފަހު ކުރީގެ ނައިބު ރައީސް އަހިމަދު އަދީބު ގޭބަންދަށް ބަދަލުކޮށްފި އެވެ.
ކަރެކްޝަންސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު ރޭ އަދީބު ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ބަދަލުކުރީ އަދީބު ދިރި އުޅުއްވާ ތަންތަން މޮނިޓާ ކުރެވޭނެ ގޮތަށް ފުލުހުންގެ ފަރާތުން ޓެގް އަޅުއްވާފައިވާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ހުންނަވަނިކޮށް ސިއްހީ ހާލަތު ގޯސްވެގެން މީގެ ދެ ހަފުތާ ކުރިން އޭނާ ވަނީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާދީފަ އެވެ. ގޭބަންދަށް ބަދަލުކުރަން ދެން އޭނާ ގެންދިޔައީ ފަރުވާ ހޯއްދަވަމުންނެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަ ކުރުމުގެ ދައުވާގެ ޝަރީއަތުގައި ދާދި ފަހުން އަދީބު ވަނީ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވައިފަ އެވެ. އަދި ރައީސް ޔާމީން އަންގަވައިގެން ގާނޫނާ ހިލާފު ވެފައިވާ ކަމަށް އަދީބު ވަނީ ޝަރީއަތުގެ އަޑުއެހުމުގައި އިއުތިރާފުވެވަޑައިގެންފަ އެވެ.
އަދީބު ގޭބަންދަށް ބަދަލު ކުރިއިރު ޓެގް އެޅުއްވުމުން ފުލުހުންނަށް އޭނާ އުޅުއްވާ ތަންތަން މޮނިޓާ ކުރެވޭނެ އެވެ. މީގެ ކުރިން ގޭބަންދަށް ބަދަލުކޮށްފައި ވަނިކޮށް އަދީބު ވަނީ ރާއްޖޭން ފިލައިގެން އިންޑިއާއަށް އެތެރެވާން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އިންޑިއާއަށް އެތެރެވަނިކޮށް އެ ގައުމުގެ ފުލުހުން އޭނާ ހައްޔަރު ކުރި އެވެ. އަދި ފަހުން ދިވެހި ފުލުހުންނާ އޭނާ ހަވާލުކޮށް، ދިވެހި ފުލުހުންގެ ބެލުމުގެ ދަށުން އޭނާ އަނބުރާ ރާއްޖެ ގެނަ އެވެ.
އަދީބު ފިއްލެވި މައްސަލާގައި ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަދީބު ވިދާޅުވީ އޭނާ ފިއްލެވީ އެމްއެމްޕީއާރުސީގެ ތަހުގީގާ ގުޅޭ ގޮތުން ފުލުހުންނަށް ދެއްވާ މައުލޫމާތާ ގުޅުން ހުރި ނުފޫޒު ގަދަ ބައެއް ބޭފުޅުންގެ އިންތިޒާރުތަކާ ހެދި ކަމަށެވެ. އެމްއެމްޕީއާރުސީގެ ފައިސާއިން މަންފާ ހޯދި މީހުންގެ ތަފުސީލްތައް އަދީބަށް އެނދިވަޑައިގަންނަވަ އެވެ. އަދީބު ފިއްލެވި މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ވަނީ ދައުވާ ކުރަން ނިންމައިފަ އެވެ.