ހަބަރު

ގާނޫނު އަސާސީގެ އިސްލާހު ފާސްވުމަކީ ރައީސްއަށް ލިބުނު ކާމިޔާބެއް: އަދީބު

Jun 24, 2015

ވެރިކަން ކުރުމުގެ އުމުރު ބަދަލު ކުރުމުގެ އިސްލާހު ފާސްވުމަކީ ރައީސް އަބްދުﷲ ޔާމީން އަނެއްކާ ވެސް ހޯއްދެވި ކާމިޔާބީއެއް ކަމަށް ޓްއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ސިފަކުރެއްވައިފި އެވެ.

ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ނ) އިސްލާހުކޮށް ރައީސާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރަކީ 30 އަހަރާއި 65 ކަމަށް ހަމަޖެއްސުމަށް ހުށަހެޅި އިސްލާހު 77 މެންބަރުންގެ ތަނަވަސް އަގުލަބިއްޔަތުން ފާސްވުމާ އެކު އަދީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ ޒުވާނުންނަށް ކުރިއެރުން ހޯއްދަވައި ދެއްވުމުގައި ރައީސް ޔާމީން ހޯއްދެވި ކާމިޔާބީއެއް ކަމަށެވެ. އަދި މިއީ ރައީސް ޔާމީން ހޯއްދެވި ތާރީހީ ކާމިޔާބެއް ކަމަށް ވެސް އަދީބު ވިދާޅުވި އެވެ. އަދި އެ އިސްލާހަށް ވޯޓު ދެއްވި، އެމްޑީޕީ އަށާއި ޖޭޕީ ޕީޕީއެމް އަދި އެމްޑީއޭއަށް އަދީބު ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާން ވިދާޅުވެފައިވާ ގޮތުގައި، ގާނޫނު އަސާސީއަށް ގެންނަ އިސްލާހަށް ފަހު، ނައިބު ރައީސްކަމަށް ބަދަލު ގެންނަ ނަމަ، އެ މަގާމަށް ގެންނަން އެންމެ ރަނގަޅީ އަދީބެވެ. އެ މަގާމު ހައްގުވާ ވަރަށް އަދީބު އިހުލާސްތެރި މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ވެސް ނިހާން ވަނީ ވިދާޅުވެފަ އެވެ.