ހަބަރު

މިއަދުގެ ވޯޓްގައި އެމްޑީޕީއާ އެކު ޑީލެއް ނަހަަދަން: ނިހާން

Jun 24, 2015

ރައީސް މުހައްމަދު ނަޝީދު ގެއަށް ބަދަލު ކުރުމާ މިއަދުގެ ވޯޓާ އެއްވެސް ގުޅުމެއް ނެތް ކަމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ވޯޓަށް ފަހު މަޖިލީހުގެ ބޭރުގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ މިއަދުގެ ވޯޓުން އެނގިގެން ދަނީ ހުރިހާ ޕާޓީތަކުން ވެސް ރަނގަޅު އިސްލާހުތަކަށް ތާއީދުކޮށް ވޯޓު ދެއްވާނެ ކަން ކަމަށެވެ. އަދި މިއަދުގެ ވޯޓުގައި ހުރިހާ ޕާޓީތަކުން އެއްގަލަކަށް އެރުމުގެ ފަހަތުގައި ނުބައި މުއާމަލާތްތަކެއް ނުހުންނާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެއަށް ބަދަލު ކުރުމާ މި ވޯޓްގެ ކަންކަމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

"ކޮންމެ މުއާމަލާތަކަށް ޑީލްއޭ ކިއިދާނެ. އަޅުގަނޑަށް ހަމަ ޔަގީންކަމާއެކީގައި ދަންނަވަން ކެރިދާނެ މިއީ ގޯސް މަގަކުން ހިނގާފައިވާ ނުބައި މުއާމަލާތެއް ނޫނޭ. މިކަމުގައި ޑީލެއް ނެތޭ،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދު ގެއަށް ބަދަލު ކުރުުމުގެ ނިންމުން ސަރުކާރަށް ނިންމަން ޖެހުނީ ނަޝީދު ޖަލުގައި ބެހެއްޓޭ ވަރަށް ވުރެ ނަޝީދުގެ ސިއްހީ މައްސަލަތައް ބޮޑު ކަމަށް ޑޮކްޓަރުން ލަފާދިނުމުން ކަމަށެވެ. އަދި ނަޝީދު ފަދަ ވެރިކަން ކުރައްވާފައިވާ ބޭފުޅަކަށް ހުކުމް ތަންފީޒު ކުރުމުގައި ވެސް ލުއިތަކެއް ހުންނަން ޖެހޭނެ ކަމަށް ނިހާން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ނަޝީދު ގޭގައި ހުންނެވުމަކީ މިވަގުތަށް އޮތް އެންމެ ރަނގަޅު މަސްލަހަތު ކަމަށް އޭނާ ދެކިވަޑައިގަންވަ އެވެ.

"މައުލޫމާތު ލިބިފައިވާ ގޮތުން ނަޝީދު ގެއަށް ބަދަލު ކުރެއްވުމުގެ ކަންތައް މި ކުރިމަތިވީ ޑޮކްޓަރުން އެގޮތަށް ލަފާދެއްވީމާ. އަޅުގަނޑަކީ ނަޝީދަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅާ. އެކަމަކު ނަޝީދު މިއަދު ގޭގައި ހުންނެވުމަކީ އަޅުގަނޑު އުފާކުރާ ކަމެއް. އެއީ ރައީސްކަން ކުރެއްވި ބޭފުޅުންނަށް އެއީ ކޮންމެ ބޭފުޅަކަށް ވިޔަސް ތަފާތުތައް ހުންނަން ޖެހޭނެ،" ނިހާން ވިދާޅުވި އެވެ.

އުމުރުގެ ބަދަލު ކުރުމުގެ އިސްލާހާ އެމްޑީޕީ އިން އެންމެ ފުރަތަމަ ދެކޮޅު ހެދި ނަމަވެސް އެންމެ ފަހުން ވަނީ އެ އިސްލާހު ފާސްކުރުމަށް ތްރީލައިން ވިޕްނެރެފަ އެވެ. ގިނަ ބަޔަކު ބުނަނީ ރައީސް ނަޝީދު ގެއަށް ބަދަލު ކުރުމަކީ އޭގެ ތެރެއިން ހިނގި ކަމެއް ކަމަށެވެ.