12 ކިލޯގެ ބާގާ ތައްޔާރު ކޮށްދޭ މީހާ

ޕާޓީ އާއި އިވެންޓްތަކާއި އެކިއެކި މުނާސަބަތުގައި ކޭކު ފެޅުން އޮވެއެވެ. ޕިއްޒާ ޕާޓީ އާއި ބޯކިބާ އާއި ސައި ޕާޓީ ވެސް ވަރަށް އާންމެވެ. އެހެން ނަމަވެސް ސެލެބްރޭޝަން ބާގާގެ ގޮތުގައި ތައާރަފު ކޮށްގެން މިއުޅެނީ 12 ކިލޯގެ ބިޔަ ބޮޑު ބާގާ އެކެވެ. މިއީ އެތައް ބަޔަކު ވާދަވެރި ގޮތެއްގައި ކާބޯތަކެތީގެ ވިޔަފާރި ކުރާ މާލޭގައި މި ފަދަ ބޮޑު ބާގާއެއް އޯޑަރަށް ހަދައިދޭ ފުރަތަމަ ފަހަރެވެ.

މި ބާގާ ތައްޔާރުކޮށް ވިއްކަނީ މުހައްމަދު ނަބީލެވެ. ނަބީލް ކުރާ ކަމަކީ "މެކްސް" ނަމުގައި ފޭސްބުކް ޕޭޖެއް ހަދައި މީރު ކާ އެއްޗެހި ވިއްކަނީ އެވެ. އަދި ކިވީ ބޭކާސް ގެ ނަމުގައި ބޭކަރީއެއް ހުޅުވައިގެން ވިޔަފާރިކުރެ އެވެ. މިހާރު ނަބީލް މި ވިޔަފާރި ހިންގަނީ ޑެލިވަރީ ކިޗަން އެއްގެ ގޮތުގަ އެވެ. މިތަނުން ތައްޔާރުކުރާ ހުރިހާ އެއްޗަކީ ނަބީލް އަމިއްލައަށް އުފައްދާ އެއްޗެއްސެވެ. މައިގަނޑު ގޮތެއްގައި ވިއްކަނީ ޕާސްތާ އާއި ލަޒާނިއާ އާއި ހެލްތީ މީލްސް އަދި ބާގާ އެވެ. ތައްޔާރުކުރާ އެ އެއްޗެހި ހިފައިގެން ކަސްޓަމަރާއި ހަމައަށް ދަނީ ވެސް ސީދާ ނަބީލެވެ.

ނަބީލު ކައްކާ ތަކެތި ތަފާތުވަނީ ކީއްވެ؟

އަޅުގަނޑުގެ ކައްކާ އެއްޗިހި ރަހަމީރު ކުރުމަށް ކޮންމެ އެއްޗަކީވެސް ވަރަށް ގިނަ ވަގުތު މެރިނޭޓްކޮށް ފްލޭވާ ގެނެސްފައި ހުންނަ ޑިޝްތަކެއް. އަޅުގަނޑުގެ ޑިޝްތައް ހާއްސަ ކުރުމުގެ ގޮތުން ގިތޮ ޔޮމިރުސް ޕޭސްޓަކާއި އަޅުގަނޑު އަމިއްލައަށް ތައްޔާރުކުރާ ކްރީމީ ޗީޒް ސޯސްއެއް ބޭސްއަކަށް ބޭނުން ކުރަން. އެހެންވެ މި ރަހައިގައި ތަފާތެއް ފެންނާނެ. އަދި ކޮލިޓީވެސް ހިފަހައްޓަން. އަޅުގަނޑުގެ ކަސްޓަމަރުން އެހެންވެ ލޯޔަލް. އެއް ޑިޝް އޯޑަ ކޮށްފިއްޔާ އަލުން އާދޭ. އަދި އާ އެއްޗެއް ނެރުނަސް ޓްރައި ކުރާނެ.

ކިހިނެއް އައި ހިޔާލެއް، ކިހާވަރެއްގެ ތަރުހީބެއް ލިބޭ؟ މިވަރު ބާގައެއް ހަދަން ކިހާ ވަގުތެއް ނަގާ؟

އަބަދުވެސް ފެންނަނީ ޕާޓީ ތަކާއި ސެލެބްރޭޝަންތަކުގައި ކޭކް ފަޅައިގެން ސެލެބްރޭޓްކުރާތަން. އެހެންވެގެން ތަފާތު ކޮށްލުމުގެ ގޮތުން ނިންމީ މިކަހަލަ ބާގައެއް ތައާރަފު ކޮށްލަން. އަދި އަޅުގަނޑު އާއްމުކޮށް ހަދާ ބާގާއަކީ ވެސް ކަސްޓަމަރުންނަށް ކަމުދާ، މީރު ޖޫސީ ބާގާއަކަށްވާތީ މިއަށް ވެސް ތަރުހީބު ލިބިދާނެ ކަމަށް ބަލައިގެން. އަޅުގަނޑު ހީވެސް ނުކުރާހާ ވަރަށް ބޮޑު ތަރުހީބެއް ލިބިއްޖެ މި ބާގާއަށް. އެންމެ ބޮޑު ބާގާ މިއުޅެނީ 1500 ރުފިޔާއަށް. މިއީ 12 ކިލޯގެ ބާގައެއް.

އެހެންނަމަވެސް ކަސްޓަމަރުންގެ އޯޑަރަށް މި އަންނަނީ އެއަށް ވުރެ ކުޑަކޮށް ކުކުޅުމަހުގައި ވެސް ބާގާ ހަދަމުން. އެންމެ ކުޑަ އަގަކީ 350 އަށް. މި ބާގާގެ މުޅި މަސައްކަތް ނިންމާލަން ނަގާ ގާތްގަނޑަކަށް ތިން ގަޑި އިރުވަރު ހޭދަވޭ.

އެކަމަކު ސެލެބްރޭޝަން ބާގާ އަކީ ރެގިއުލާ ކޮށް މެނޫގެ ހުންނަ އައިޓަމްތަކާ ހިލާފަށް ޕްރީ އޯޑާ ކުރުމުން ހަދާ އެއްޗެއް. މީގެ ބާގާއެއް ހަދަން މަދުވެގެން ތިން ދުވަސް ކުރިން އޯޑަރު ދެއްވީމާ ހަދައިދެވޭނެ.

މިގޮތަށް އެހެން ޑިޝްތަކެއް ހަދަން ވިސްނަންތަ؟

އަޅުގަނޑުގެ އެބަހުރި ކޮންމެވެސް އައިޑިއާތަކެއް. އެކަމަކު އަދި މި ބަލަނީ ފުރަތަމަ އާއްމުންގެ ތެރޭގައި މި ބާގާގެ ފޯރި ކިހާވަރަކަށްތޯ އޮތީ.

މި ވިޔަފާރީގައި އެންމެ ބޮޑު ސަޕޯޓެއް ދެނީ ކޮންބައެއް؟

އެކަނި ކައްކައިގެން ފުޑް ޑެލިވާ ކުރިޔަސް މި ވިޔަފާރީގައި އަޅުގަނޑުގެ މަންމަ އަދި އަންހެނުންގެ ފަރާތުން ވަރަށް ބޮޑު ސަޕޯޓެއް ލިބޭ. އަޅުގަނޑުގެ ކުދިންވެސް ސަޕޯޓްކޮށް މިކަމަށް ވަރަށް ޝައުގުވެރިކަން ހުރޭ.

މިއީ ކޮން ކަހަލަ ދާއިރާއެއްތަ؟

މިއީ ހަމަ ވަރަށް ރަނގަޅު ދާއިރާއެއް. ކެފޭއެއް ހުޅުވަން ބޭނުންނަމަ ބޮޑު ކުއްޔާއި މީހުން ބޭނުންވޭ. އެހެން ނަމަވެސް މިގޮތަށް ބަދިގެއެއް ސެޓަޕް ކޮށްގެން ކާއްޗެހި ޑެލިވަރީ ކުރަން ފަށައިގަންނާކަށް އެހާ އުނދަގޫވާނެހެނެއް ހީއެއް ނުވޭ. މިއީ ހަމަ ރަނގަޅުކަމެއް. ރަނގަޅު އާމްދަނީއެއް ލިބޭ.