ހަބަރު

ޑެންގީ ޖެހޭ މީހުންގެ އަދަދު ދަށަށް ދާން ފަށައިފި

Jul 4, 2015

ޑެންގީ ހުންޖެހިގެން ރިޕޯޓް ކުރާ މީހުންގެ އަދަދު މަޑުމަޑުން ދަށަށް ދާން ފަށައިފި އެވެ. ނަމަވެސް މިއީ އަދި ޑެންގީ ހުން ކޮންޓްރޯލްވެ، މައްސަލަ ހަމަޔަކަށް އެޅުނީ ކަމަށް ނުބެލެވޭނެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު ތަފާސްހިސާބުތަކުގައިވާ ގޮތުގައި މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެންމެ ގިނައިން ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ދުވަހު 38 މީހަކު ޑެންގީ ޖެހިގެން ހޮސްޕިޓަލްތަކަށް ރިޕޯޓްކޮށްފައިވާ އިރު އޭގެ ފަހުން އެ އަދަދު މަޑުމަޑުން ދަށަށް ގޮސް، އިއްޔެ ޑެންގީ ޖެހިގެން ރިޕޯޓް ކުރީ އެންމެ މީހެކެވެ. ނަމަވެސް އޭގެ ކުރިން ކޮންމެ ދުވަހަކު ވެސް ޑެންގީ ޖެހިގެން އެވްރެޖްކޮށް ނުވަ މީހުންނާއި އަށް މީހުންނާ ދެމެދުގެ އަދަދަކަށް ރިޕޯޓްކޮށްފައިވެ އެވެ.

ޑެންގީ އެންމެ ބޮޑަށް ފެތުރިފައި ވަނީ މިދިޔަ މަހުގެ ކުރީކޮޅުގަ އެވެ. އެ ހުމުގައި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އެ ހުން ޖެހިގެން މިއަހަރުގެ މިހާތަނަށް 484 މީހަކު ރިޕޯޓްކޮށްފައިވެ އެވެ. އޭގެ ތެރެއިން 301 މީހަކީ އަތޮޅުތެރެއިން އެ ބައްޔަށް ޕޮޒިޓިވި މީހުންނެވެ.

ޑެންގީ ހުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން ވަނީ ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައި މަސައްކަތްތަކެއް ކުރަން ފަށައިފަ އެވެ. އެގޮތުން މުޅި ރާއްޖެ ސާފުކޮށް މަދިރި އުފެދޭ ތަންތަން ނައްތާލުމުގެ ކެމްޕޭނެއް ހެލްތް މިނިސްޓްރީ އިން މިއަދު ވަނީ ފަށައިފަ އެވެ.