ހަބަރު

މަދިރި ނައްތާލުމުގެ ކެމްޕޭން ހުއްޓާނުލައި ކުރިއަށް ގެންދާނަން: މިނިސްޓަރު

Jul 5, 2015

މާލެއަށާއި އަތޮޅުތަކުގެ ގިނަ ތަންތަން ސާފުކޮށްފައި ވިޔަސް އަދިވެސް އިތުރު މުއްދަތަކަށް ފޮގް ކުރުމުގެ ކަންކަން ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.

ޑެންގީ ހުމާ ދެކޮޅަށް ކުރެވޭ މަސައްކަތާ ގުޅޭ ގޮތުން މިއަދު ބޭއްވި ޕްރެސްގައި ހެލްތް މިނިސްޓަރު ވިދާޅުވީ މިހާރު ސާފު ކޮށްފައިވާ ތަންތަން، އަލުން ފޮގް ކުރަން ޖެހޭނެ ކަމަށެވެ. އެހެންކަމުން މާލެ އާއި އަތޮޅުތަކުގައި އަދި އިތުރު 3 ދުވަހު ފޮގް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ފޮގް މެޝިން ނެތް ރަށްތަކަށް އެތަކެތި ފޮނުވުމުގެ މަސައްކަތް ކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އިތުރު ތިން ދުވަހަށް މުޅިމާލެއައް އެކީއެކައްޗަކަށް ފޮގްކުރަން ދެންނެވިފައި ވަނީ،" ހެލްތް މިނިސްޓަރު އިރުތިޝާމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޑެންގީ ރިޕޯޓް ކުރެވޭ މިންވަރު މިހާރު ދަށްވަމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާ ތެރޭގައި ޑެންގީ ޖެހިގެން 24 މީހަކު ޑޮކްޓަރަށް ދެއްކި އިރު، މި ހަފްތާގައި އެ ބައްޔަށް ޕޮޒިޓިވްވީ ހަ މީހަކު ކަމަށެވެ. މިއީ ރަނގަޅު ނިޝާނެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ވަރަށް ހަލުވިކަމާ އެކު ޑެންގީ ފެތުރި، ހަތަރު މީހަކު މަރުވުމާ އެކު ސަރުކާރުން ވަނީ ޑެންގީ ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރުމަށް މިނިސްޓަރުންގެ ފެންވަރުގެ ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައިފަ އެވެ. އެ ޓާސްކް ފޯސް އިން އިސްނަގައިގެން، މުޅި ރާއްޖެ ސާފު ކުރުމުގެ ކެމްޕޭނަކާއި ޑެންގީ އާ ގުޅޭ ގޮތުން މީހުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ވަނީ ފަށައިފަ އެވެ. އަދި ހުންނަ އައިސްގެން ދައްކަން އަންނަ މީހުންނަށް ހޮސްޕިޓަލްތަކުގައި އަވަހަށް ފަރުވާ ލިބޭނެ ގޮތްތަކެއް ވެސް ހަމަޖައްސާފައިވެ އެވެ.

މި މަސައްކަތުގައި ސިފައިންނާއި ފުލުހުންނާއި ސްކްއުޓުންނާއި އެކި މިނިސްޓްރީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އަންނަނީ އެކި ގޮތްގޮތުން ބައިވެރިވަމުންނެވެ.

އެ ފަރާތްތަކުން ކުރަނީ ބުރަ ގައުމީ މަސައްކަތެއްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވަނީ އެ ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ޑެންގީގެ ނުރައްކާ ކައިރި މުސްތަގުބަލެއްގައި ނައްތާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.