ހަބަރު

"އަޅުގަނޑަކީ 33،000 ޑޮލަރު ވަގަށް ނަގަންޖެހޭވަރު މީހެއް ނޫން"

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއެކު ގޯސް މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށާއި 33،000 ޑޮލަރު ވަގަށް ނަގަންޖެހޭވަރު ނުވާ ކަމަށް މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ގޭގައި ބަހައްޓާފައި ހުންނެވި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

"އަވަސް ހުކުރު" މިއަދު ވާހަކަފުޅު ދައްކަވަމުން އޭނާ ވަނީ އެމްއެމްޕީއާރްސީއާއެކު އޭނާ ކުރެއްވި މުއާމަލާތުގެ ތަފްސީލެއް ދެއްވާފަ އެވެ. މަހުލޫފް ވިދާޅުވީ އެމްއެމްޕީއާރްސީ އިން އޭނާ 33،000 ޑޮލަރު ގަތީ އޭނާގެ މަންމަގެ ނަމުގައި ހިނގި "ޖީންސް" ފިހާރައަކަށް ހަރަދު ކުރަން ކަމަށެވެ. އެއީ ހަމައެކަނި ވިޔަފާރިއަށް ބޭނުން ކުރަން ނެގި ފައިސާ ނޫން ކަމަށާއި އެ ފައިސާއިން އެހެން ކަން ކަމަށް ވެސް ހަރަދުކޮށްފައިވާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ. މަހުލޫފް ވިދާޅުވީ އެއީ ފަސް އަހަރުގެ ކުރީގެ ކަމެއް ވުމުން އެ ފައިސާއިން ކުރެއްވި ހަރަދުތައް ހަނދާނުގައި ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ އެމްއެމްޕީއާރްސީ އިން ޑޮލަރު ގަންނަން ޖެހިވަޑައިގަތީ އެ ދުވަސްވަރަކީ ޑޮލަރު ގަތުމުގައި ބޮޑެތި ތާށިތަކެއް އޮތް ދުވަސްވަރަކަށް ވާތީ ކަމަށާއި އެކަމަކު އެ މުއާމަލާތް ކުރީ އެއީ ހިޔާނާތުގެ ފައިސާކަން އެނގި ހުންނަވައިގެން ނޫން ކަމަށެވެ. އަދި ވިދާޅުވީ އެ 33،000 ޑޮލަރަކީ ވަގަށް ހޯއްދެވި ފައިސާ އެއް ވެސް ނޫން ކަމަށާއި އޭނާއަކީ 33،000 ޑޮލަރު ވަގަށް ނަގަން ޖެހޭ ފެންވަރުގެ މީހެއްވެސް ނޫންކަން ސިޔާސީ ލީޑަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"މިހާރު މީތި [އެމްއެމްޕީއާރްސީ ރިޕޯޓު] ބެލީމަ އެބަ ސާފުވޭ، މިސާލަކަށް ގާސިމް އިބްރާހިމް ވިލާ އިން 700،000 ޑޮލަރު ގަތް މައްސަލަ، އަޅުގަނޑަށް ހީނުވޭ [އެއީ ފައިސާ] ވަގަށް ނަގަން ޖެހޭނެ ބޭފުޅެއްހެން ގާސިމަކީ، ޖެނުއިން ޓްރާންސެކްޝަންތަކެއް އޭގެ ތެރޭގައި ހުރިކަން އެބަ އެނގޭ، އަޅުގަނޑު ވެސް މިދަންނަނީ އަޅުގަނޑަކަށް ނޭނގެއޭ،" މަހުލޫފް ވިދާޅުވި އެވެ. "33،000 ޑޮަލަރު އަޅުގަނޑު ވެސް ނުޖެހޭނެ ވަގަށް ނަގާކަށް، ވަަރަށް ސާފުކޮށް މި ދަންނަވަނީ 33،000 ޑޮލަރަކީ އަޅުގަނޑު ވަގަށް ނަގަން ނުޖެހޭނެ އެއްޗެއްކަން ހަމަގައިމު ވެސް ސިޔާސީ ލީޑަރުންނަށް އެނގިވަޑައިގަންނަވާނެ،"

މަހުލޫފް ވިދާޅުވީ އޭނާއަކީ އެމްއެމްޕީއާރްސީގެ މައްސަލަ ފެންމަތިވި ދުވަސްވަރު ރައީސް ޔާމީންގެ ފޮޓޯ ޖެހި ފޭކް ޑޮލަރުތަކެއް އެމަނިކުފާނުގެ ގޭދޮށަށް އުކި ފަރާތް ކަމަށާއި އެމްއެމްޕީއާރްސީގެ މައްސަލަ ފުލުހަށް ހުށަހަޅާ ތަހުގީގު ކުރުމަށް ގޮވާލަމުން ދިޔަ އެއް ފަރާތް ކަމަށެވެ. އެ ހުރިހާ ކަމެއް ކުރެއްވި އިރު، އަދި އޭނާގެ އެފަދަ މައްސަލައެއް އުޅޭ އިރު އޭސީސީން އޭނާއާ ސުވާލު ނުކުރީ ކީއްވެތޯ ވެސް މަހުލޫފް ސުވާލު ކުރައްވަ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެންގެވި ފިޔަވަޅު ބަރާބަރަށް އަންޑަސްޓޭންޑުވާ ކަމަށް މަހުލޫފް މިއަދު ވިދާޅުވި އެވެ. އަދި އެކަމަކީ ރައީސް އޮތް "ބޮލު ރިހުމަކަށް" ވާން ބޭނުންފުޅު ނުވާ ކަމަށާއި އެކަމަކު މި ހަފުތާގެ ތެރޭގައި އެ މައްސަލާގައި ގޮތެއް ނިންމާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ މައްސަލާގައި އަޅުގަނޑަށް ގުޅުއްވީ މިނިސްޓަރު އަލީ ޒާހިރު، ވިދާޅުވި ރައީސް ވިދާޅުވި ކަމަށް ގޭގައި މަޑުކޮށްލަން މި މައްސަލާގައި ގޮތެއް ނިންމެންދެން އަޅުގަނޑު ދެންނެވިން މައްސަލައެއް ނެތޭ، އެދެމޭ ވީހާވެސް އަވަހަށް މައްސަލަ ނިންމަން ބާރު އަޅުއްވާނެ ކަމަށް،" މަހުލޫފް ވިދާޅުވި އެވެ.

ރައީސް ޔާމީން މައްސަލަ ޖެހުމުން ބޭނުންވީ އެމްޑީޕީއާ ގުޅެން

ދެހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރުގައި ރައީސް ޔާމީނާއެކު މައްސަލަތައް ޖެހެން ފެށި ކަމަށް މަހުލޫފް ވިދާޅުވި އެވެ. އަދި އޭރު އެ މައްސަލަތައް ބޮޑުވި ހިސާބުން އެންމެ ފުރަތަމަ ބޭނުންވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއެކު މަސައްކަތް ކުރަން ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

އަޅުގަނޑު އެމްޑީޕީއާ ގުޅެން ނިންމާފައި ވަނިކޮށް ގޭގެ ތެރެއަށް ކައުންސިލާއި މަޖިލިސް މެންބަރުން ވަދެ 'ހައިޖެކް' ކުރި. އަޅުގަނޑު ޓްވީޓު ވެސް ކުރިން ހައިޖެކްކުރޭ... އެއީ ތެދެއް ހަމަ، މަސީހުމެން ރޮނީ އަޅުގަނޑު ދާ ވާހަކަ ބުނީމަ، އުމަރު ޒާހިރު އޮންނެވީ އެނދުމަތީ، ބުނީ މިރޭ ތިމަންނަ ނިިދާނީ ވެސް މަހުލޫފާއި ނަޒޫއާ ދޭތެރޭގަ އޭ، އެ ހިސާބުން މައްސަލަ ޖެހިގެން އަޅުގަނޑު ދުރުވީ
އަހުމްދު މަހުލޫފް | ޔޫތު މިނިސްޓަރު

މަހުލޫފް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދުވަސްވަރުގައި ވެސް ރައީސް ޔާމީނާ ގުޅުވައި ދެކެވޭ ކޮރަޕްޝަންގެ ވާހަކަތައް އަޑު އިވިފައިވާ ކަމަށެވެ. ނަމަވެސް އެއީ ހުސް ތުހުމަތުތަކެއް ކަމަށް ހީފުޅު ކުރެއްވުނު ނަމަވެސް އެމަނިކުފާނާއެކު މަސައްކަތް ކުރި ވަރަކަށް އެކަންކަން ހާމަވަމުން ދިޔަ ކަމަށެވެ.

އެމަނިކުފާނުގެ މުޅި ކެމްޕެއިން 2013 ވަނަ އަހަރު ކޮންޓްރޯލް ކުރައްވަމުން ގެންދެވީ އަނބިކަބަލުން ފާތުމަތު އިބްރާޙިމް ކަމަށާއި އެ މައްސަލާގައި ޕީޕީއެމްގެ ތެރޭގައި ބޮޑެތި ހިތްހަމަނުޖެހުންތަކެއް ހިނގި ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

މަހްލޫފު ވިދާޅުވީ އެ ދުވަސްވަރު އެމަނިކުފާނާ ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާ ކުރެއްވި ކަމަށާއި އޭނާ ބަދަލުވުމުގެ "ނިންމުން" ފެށުނީ އެ ދުވަހުން ފެށިގެން ކަމަށެވެ. އެހާ ހިސާބުން ރައީސް ނަޝީދުއާ ބައްދަލުކޮށް އެމްޑީޕީއާ ގުޅެން ބޭނުންވި ކަމަށާއި ނަމަވެސް އެކަން ނުކުރުމަށް އެދި ޕީޕީއެމްގެ މެންބަރުން "ރޮއެ އާދޭސް ކުރި" ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"އެ މައްސަލަތަކާ ހެދި އަޅުގަނޑު ރައީސް ނަޝީދުގެ ސެކެޓަރީއަށް ގުޅާ ވަގުތުން ބައްދަލު ކޮށްފައި އެމްޑީޕީއާ ގުޅގެން ބޭނުންވި. އެވަރަށް ނިންމާފައި ވަނިކޮށް ގޭގެ ތެރެއަށް ކައުންސިލާއި މަޖިލިސް މެންބަރުން ވަދެ 'ހައިޖެކް' ކުރި. އަޅުގަނޑު ޓްވީޓު ވެސް ކުރިން ހައިޖެކްކުރޭ... އެއީ ތެދެއް ހަމަ، މަސީހުމެން ރޮނީ އަޅުގަނޑު ދާ ވާހަކަ ބުނީމަ، އުމަރު ޒާހިރު އޮންނެވީ އެނދުމަތީ، ބުނީ މިރޭ ތިމަންނަ ނިިދާނީ ވެސް މަހުލޫފް އާއި ނަޒޫއާ ދޭތެރޭގަ އޭ، އެ ހިސާބުން މައްސަލަ ޖެހިގެން އަޅުގަނޑު ދުރުވި،" މަހުލޫފް ވިދާޅުވި އެވެ.