ވިޔަފާރި

ކުދި ވިޔަފާރިތަކަށް މާލީ ގޮތުން އެހީވާން ފަންޑެއް ގާއިމް ކުރަނީ

ކުދި އަދި ބޮޑެތި ވިޔަފާރިތަކަށް މާލީ ގޮތުން އެހީވާން އިންވެސްޓްމަންޓް ފަންޑެއް ގާއިމް ކުރަން ނިންމައި، ސީއެމްޑީއޭ އިން ފަސް އަހަރުގެ ޕްލޭނެއް އެކުލަވާލައިފި އެވެ. 

މި ޕްލޭން ތައާރަފުކޮށްދެއްވީ ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ހަތަރު ނުކުތާއެއް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ "ސީއެމްޑީއޭގެ ސްޓްރެޓެޖިކް ޕްލޭން" ތައާރަފު ކުރުމުގެ ގޮތުން ސީއެމްޑީއޭގެ ސީއީއޯ އަހުމަދު ނަސީރު ވިދާޅުވީ މި ޕްލޭންގައި އެންމެ ބޮޑަށް އިސްކަމެއް ދީފައިވާނީ ރާއްޖޭގައި ހުރި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ކަމަށެވެ. ކެޕިޓަލް މާކެޓު ތަރައްގީ ކުރުމަށްޓަކައި ފައިސާ ހޯދޭނެ އާ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިޕްލޭންގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ 10،000 އަށްވުރެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އިސްކަން ދީގެން އިންވެސްޓްމަންޓް ފަންޑެއް ގާއިމް ކުރުން. މިވަގުތު ރާއްޖޭގެ އިގްތިސޯދީ ނިޒާމުގެ ތެރެއިން މިފަދަ ވިޔަފާރިތަކަށް ހަމައެކަނި ހަމަޖެހިފައިވަނީ ބޭންކުތަކުން ލޯނު ދޫކުރުން. މިފަދަ ލޯނު މެދުވެރިކޮށް ފައިސާ ހޯދުމުގައި ދަތިތަކާ ކުރިމަތިވާތީ އެކަންތައްތައް ފާހަގަ ކުރަމުން އެބަދޭ،" ނަސީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިގޮތުން ގާއިމް ކުރާ އިންވެސްޓްމަންޓް ފަންޑް މެނޭޖުކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ކުރެވޭނެ ކަމަށެވެ.

"މި ޕްލޭންގައި އެކަން ކުރާނެ ގޮތް ހާމާކޮށްފައިވާނެ. ވިޔަފާރިތައް ކުރިއެރުވުމުގެ އިތުރުން ފަންޑު މެނޭޖުކުރުމުގެ ޒިންމާ ހަވާލު ކުރެވޭ ފަރާތްކުން އެ ވިޔަފާރިއެއްގެ ހިއްސާދާރެއްގެ އިތުރުން ކުންފުނި މެނޭޖުކޮށް ބެލެހެއްޓުމުގެ ޒިންމާވެސް އަދާކުރެވޭނެ. މި މަސައްކަތުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރި ފުޅާވެގެން ދާއިރު، އެހީ ފޯރުކޮށްދޭ ފަރާތްތަކުން އެސްއެމްއީ އަށް ލާ ފައިސާ،" ނަސީރު ވިދާޅުވި އެވެ.

އެކްސެސްޓު ފައިނޭންސް: ފައިސާ ހޯދުމުގެ އާ ފުރުސަތު

ވިޔަފާރިވެރިންނާއި އާއްމުން ހޭލުންތެރި ކުރުވުން

ކެޕިޓަލް މާކެޓުގައި ހަރަކާތެރިވާ ކުންފުނިތައް ހަރުދަނާ ކުރުން

ސްޓޭކް ހޯލްޑަރުންނާއެކު އޮންނަ ގުޅުންތައް ގާއިމް ކުރުން

ނަސީރު ވިދާޅުވީ މި ޕްލޭންގައި ސެކިއުރިޓީޒް މާކެޓުގައި މިހާރު އޮތް މާކެޓަށް ވުރެ ސެކަންޑްރީ މާކެޓެއް ގާއިމް ކުރަން އިސްކަން ދީފައިވާނެ ކަމަށެވެ.

"ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ސަރުކާރުގެ ހަރަދުތައް ބެލެހެއްޓުމަށްޓަކައި ކުރު މުއްދަތުގެ ޓްރެޒަރީ ބިލަށް ބަރޯސާވުން ކުޑަ ކުރުމުން އިންޓްރެސްޓް ރޭޓުތައް މިވަނީ ބޮޑުވެގެން ގޮސްފަ. މި ޕްލޭންގައި އެކުލަވާލާފައިވާ އެއް ޕްލޭނަކީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ސެކަންޓްރީ މާކެޓުގައި ގަނެ ވިއްކޭނެ ޓްރެޒަރީ ބިލް ސްޓްރަކްޗާއެއް ގާއިމް ކުރުން. ޝަރިއްޔާ ހުއްދަ ކުރާ ޓްރެޒަރީ ބޮންޑު މާކެޓަށް ނެރުން،" ނަސީރު ވިދާޅުވި އެވެ.