މުހިންމު މައުލޫމާތެއް ހިއްސާ ކުރުމުގެ ކުރިން ދެތީން ސުވާލެއް ކޮށްލާނަމެވެ؛ އާދައިގެ މަތިން ހެނދުނު ހޭލައިގެން މި ކާލާ ޕާން ފޮތި، ނުވަތަ ހަތަރުފަސް ރޮށި ކާލުމުން ހަށިގަނޑަށް ވަރުބަލިކަން އިހުސާސްވޭ ހެއްޔެވެ؟ މީހާއެއްކޮށް ލޮޑުކޮށްލައި ކަންނެތްވާ ގޮތެއް ނުވޭ ހެއްޔެވެ؟ އެ ކައިގެން އޮށޯންނަ ހިތެއް ނުވޭ ހެއްޔެވެ؟ މުހިންމު މައުލޫމާތަކީ މިއީ އެވެ: ގޮދަނުގައި ހުންނަ ގުލްޓާން މާއްދާގެ ސަބަބުން މިއީ ބައެއް މީހުންނަށް ދިމާވެދާނެ ގޮތެކެވެ. ގްލޫޓަން އަކީ ގޮދަނާއި ބާރްލީގައި ހުންނަ ޕްރޮޓީންގެ މާއްދާއެކެވެ. މީގެ ސަބަބުން ރޮށި އެއްޗެހި ދަމާލަން ފަސޭހަ ވެއެވެ. ފުށުން ހަދާ އެއްޗެއްސަށް އިލާސްޓިސިޓީ ގެނެސްދެނީ ގްލޫޓަން އެ މާއްދާ އޭގައި އެކުލެވިގެންވާތީ އެވެ.
ގްލޫޓަން އިންޓޮލަރެންސެއް ހުންނަ ކަމުގައިވާނަމަ ހަށިގަނޑުން މި ޕްރޮޓީންއަށް ރިއެކްޓް ކުރާގޮތް ތަފާތެވެ. މި ފަދަ އެއްޗެހި ކެއުމުން މީހާ ވަރުބަލި ކުރުމާއެކު ފިސާރި ލޮޑުކޮށްލަ އެވެ. ކައިގެން އިންނަތަނުން ތެދުވަން ވެސް ބައެއް ފަހަރަށް އުނދަގޫވެ އެވެ. މީހާ އެއްކޮށް ކައްނެއްކޮށްލާނެ އެވެ. ލޮޑުވެ ހަކަތަ މަދުވާ އިހުސާސްތައް ކުރުވާނެ އެވެ. މިއީ ވަރަށް ގިނަ މީހުންނަށް ދިމާވާ އާއްމު ކަމެކެވެ. އަދި ގުލޫޓަން އިންޓޮލަރެންސެއް ހުންނަ ނަމަ މި ކަން ވަކިން ބޮޑެވެ. އަހަރުމެންގެ ކެއުމުގެ އާދަތައް އޮތް ގޮތުން ގޮދަނުން ހަދާފައިވާ ހުނަން އެއްޗެހި މިއޮތީ އެއާ ނުލައި އަހަރުމެންނަށް އުޅެން އުދަނގޫވާ ވަރަށް ކެއުމުގެ ތެރެއަށް ކޮއްޕާ ވައްދާފަ އެވެ.
ދިވެހިންނަށް ގްލޫޓަން ނޫން ގޮތެއް ބޭނުން
ގްލޫޓަން ނޫން ގޮތެއް ދިވެހިންނަށް އެބަ ބޭނުންވެ އެވެ. އެ ގޮތް ހިޔާރު ކުރާނަމަ ބޭނުން ކުރަންވީ އާމަންޑް ފުށާއި ސަނާމުގު ފުށާއި މުގުފުށާއި ބިންބިފުށުން ހަދާފައި ހުންނަ ބާވަތްތަކެވެ. މީގެ އިތުރުން ކީންވާ، ޗިއާ ސީޑްސް ވެސް ބޭނުން ކުރެވިދާނެ އެވެ. މިއީ ސިއްހަތަށް އެންމެ ފައިދާހުރި ކާނާތަކުގެ ތެރޭގައި ލިސްޓްކޮށްފައިވާ ބާވަތްތަކެވެ.
މާލޭގައި ޒަމާންވީ ބޮޑެތި ބޭކަރީތަކުން ވެސް އާއްމުކޮށް ގްލޫޓަން ފްރީ އެއްޗިސް ލިބޭކަށަށް ނުހުރެ އެވެ. ކެފޭތަކާއި ރެސްޓޯރަންޓްތަކުގައި ވެސް ހަމަ މިހެނެވެ. އެކަމަކު ބޮޑުދައިތައަށް ސަޕްރައިޒެއް ދިނުމަށް ގޭގައި ފިހެލި އާމަންޑް ބްރެޑެއްގެ ފޮޓޯ އިންސްޓަގްރާމަށް ލީ ހިސާބުން ލިބުނު ތަރުހީބާއިއެކު ޒުވާން އައިމިނަތު ފަނަން ހަބީބުގެ (ފެނީ) "ފްލާލެސް ބައި ފެނީ" ގެ އިންސްޓަގްރާމް ވިޔަފާރި އެ ފެށުނީ އެވެ. މިއޮތީ ގުލޫޓަން ނޫން ގޮތެއް ހޯދާނެ މަގަކަށް ވަދެވިފައެވެ.
ޕްރައިވެޓް ކުންފުންޏެއްގައި ފުލްޓައިމް ވަޒީފާއެއް އަދާކުރަމުން ފެނީ މި ފެށި މަސައްކަތަކީ ގިނަ ބަޔަކު ޝައުގުވެރި ވެގެން ދިޔަ ކަމެކެވެ. "ފްލާލަސް ބައި ފެނީ" ގެ ތައަރާފެއް ދިނުމުގެ ގޮތުން ފެނީ ބުނަނީ މިހެނެވެ:
"ގޭގައި ކާލަން ފުރަތަމަ އާމަންޑް ބްރެޑެއް ހަދާފަ އިންސްޓަގްރާމަށް ފޮޓޯއެއްލީ. މި ފޮޓޯ ލީމަ ވަރަށް ގިނަ މީހުން ރީޗް އައުޓް ކުރި. ރައްޓެހިން ވެސް ތިބި ގުލޫޓަން ފްރީޑައެޓެއްގައި އުޅޭ. އަހަރެންގެ ވެސް ގްލޫޓަން އިންޓޮލަރެންސެއް ހުންނާތީއާއެކު ބޮޑަށް މިކަމަށް މީހުން ހޭލުންތެރި ކުރުމުގެ ގޮތުން ފެށީ. ދެން 'ފްލާލަސް ބައި ފެނީ' ވަކިން ޕޭޖެއް ހަދާ ސެޓަޕް ކުރީ. ހީވެސް ނުކުރާހާ މިހާރު އާއްމު މިކަން،" އޭނާ ބުންޏެވެ.
"ފްލާ ލެސް ބައި ފެނީ" މި ޕޭޖުގައި މިހާރު ޕޯސްޓް ކޮށްފައިވާ މެނޫގައި އާމަންޑް ބްރެޑާއި އާމަންޑް އާއި ސޯގަމް ބްރެޑާއި ބަނަނާ ބްރެޑާއި ސަނާމުގު ފުށުން ހަދާފަ ހުންނަ ބޭގަލް ހިމެނެ އެވެ. އަދި އެ ވިއްކަ އެވެ. މީގެ އިތުރުން ވެސް ގްލޫޓަން ފްރީ ،ޝުގާ ފްރީ ކޭކް ވެސް ހަދައެވެ. މިގޮތުން ޗޮކްލެޓް، ކޮކޮނަޓް އަދި އޮރެންޖް ފްލޭވާގެ ކޭކު އޯޑަރަށް އަޅައިދީ ވިއްކަ އެވެ.
ފެނީ ބުނިގޮތުގައި މި ރެސިޕީތައް އޭނާ ދަސްކުރީ އިންޓަނެޓުން ބަލައިގެނެވެ. އަދި އެއީ އެހާ އުނދަގޫ ކަމެއް ވެސް ނޫނެވެ.
"ފެނީގެ މި ރެސިޕީތަކަކީ އެކި އެކި ރެސިޕީތައް ބަލައިގެން އެކްސްޕެރިމެންޓްކޮށް ޕާފެކްޓް ކޮށްފައިވާ ރެސިޕީތަކެއް. ރެސިޕީތަކަކީ ގްލޫޓަން ފްރީ އަދި ޑެއިރީ ފްރީ އެއްޗިސް. ބޭނުން ކުރަނީ އާމަންޑް މީލް، ބިންބިފުށް. އަދި އެއްވެސް ގޮތަކަށް ކައުސްގެ މިލްކެއް ބޭނުން ނުކުރަން. އާމަންޑް މިލްކް މި ބޭނުން ކުރަނީ. އަދި ހަކުރެއް ވެސް ނާޅަން. ހަކުރުގެ ބަދަލުގައި ބޭނުން ކުރަނީ މާމުއި،"
ފެނީ ބުނިގޮތުގައި އޭނާގެ ޕޭޖަށް މިހާރު އެއް އަހަރުވާއިރު މީހުން ވެސް ވަރަށް ހޭލުންތެރިއެވެ.
"މިކަމަކަށް ހޭލުންތެރި ވާން ފަށައިފި، މީހުންނަށް އެބަ އިނގޭ ގްލޫޓަން އިންޓޮލަރެންސް އަކީ ކިހާވަރެއްގެ ކަމެއްކަން. ހަށިގަނޑުން ގުލޫޓަން ހަޖަމްވިއަސް ހަށިގަނޑަށް މި އަންނަނީ އިންފްލެމޭޝަނެއް. އަދި ހަށިގަނޑަށް މި އަންނަ އެލާޖިކް ރިއެކްޝަންގެ އަލާމަތްތައް ދެމިގެންދޭ... ކަސްޓަމަރުންގެ ތެރޭގައި ވަރަށް ގިނަ ލޯޔަލް ކަސްޓަމަރުން. އެއްފަހަރު ގަނެފައި މީރުވުމުން އިތުރަށް ގަނޭ"
ދިވެހިންގެ ތެރޭގައި ގިނަ ބަޔަކު ތަޖުރިބާކުރާ ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމަށް ވެސް ގްލޫޓަން ފްރީ ޑައެޓަކަށް ދިއުމަށް ޑައެޓީޝަނުން ރިކޮމެންޑް ކުރެ އެވެ. މި ހޯމޯނަލް އިމްބެލެންސް ހުންނަ މީހުން ވެސް އެ މީހުންގެ ޑައެޓްގެ ބައިން ގުލޫޓަން އެކުލެވޭ ގޮނދަނުގެ މާއްދާތައް ކަނޑާލުމުން ހީވެސް ނުކުރާހާ ބަދަލުތަކެއް އާދެ އެވެ.
ފެނީގެ ގްލޫޓަން ފްރީ ތަޖުރިބާ ހިއްސާ ކުރަމުން އޭނާ ބުނި ގޮތުގައު ގްލޫޓަން އެކުލެވޭ ކާނާއިން ދުރުވުމުން "ވަރަށް އެނާޖައިޒް" ވި އެވެ.
"މި މަސައްކަތަށް އިންސްޕަޔާވެސް ވަނީ އަމިއްލަ ސިއްހަތަށް މިއައި ބަދަލުން. ކުރިން 12 ގަޑި އިރު ނިދިޔަސް ދުވާލު އަދި އިތުރަށް ބޭނުންވޭ ޖައްސާލަން. އެކަމަކު ގްލޫޓަން މި މާއްދާ ހިމެނޭ ޕާނާއި، ޕާސްޓާ، ރޮށި އަދި ގޮދަނުގެ ބާވަތްތައް ޑައެޓުން ކަނޑާލުމުން މީހާ އެއްކޮށް ބަދަލުވޭ. މީހާ އެނާޖައިޒްވެފައި ހުންނަވަރުން އަށްގަޑި އިރު ނިދާލާފަ ދެން ވަރުބައްޔެއް ނުވޭ. ހަންގަނޑު ޑްރައިވުމުން ވެސް ސަލާމަތްވި،”
ޗެލެންޖްތަކަށް ބަލާއިރު ފެނީ ބުނިގޮތުގައި "ޕާސަނަލީ ބޭރަށް ގޮސްއަކާން އުނދަގޫ ކެފޭތަކުގައި މިކަހަލަ މެނޫއެއް ނޯންނާތީ. ދެން ގޮސްއަ ސެލެޑެއް ކަހަލަ އެއްޗެއް މި އޯޑަރު ކުރާއިރުވެސް އަހަން ޖެހޭ އިންގްރީޑިއަންޓްސް. މީގެ އިތުރުން ބިޒްނަސްވައިސް މި ކޭކް އަދި ބްރެޑްތަށް ހަދާ ފުށަކީ އަގުބޮޑު އިންގްރިޑިއެންޓްތަކެއް ހިމެނޭ. އިންގްރީޑިއަންޓްސް ލިބުމުގެ ދަތިތަކާއިވެސް ކުރިމަތިވޭ."
ފެނީގެ މި މަސައްކަތައް އެންމެ ބޮޑަށް ސަޕޯޓް ކުރަނީ އޭނާގެ މަންމައާއި ބޮޑުދައިތަ އެވެ. އިތުރުން ރައްޓެހިންވެސް ވަރަށް ސަޕޯޓްކޮށްދެ އެވެ. ފެނީގެ ހުވަފެނަކީ މި ކަހަލަ ހާއްސަ ގްލޫޓަން ފްރީ އެއްޗެހީގެ އައުޓްލެޓެއް ހެދުމެވެ. ގްލޫޓަން ފްރީ ލައިފްސްޓައިލަކަށް ފެނީގެ މެސެޖަކީ މިއީ އުނދަގޫ ކަމެކެވެ. އެކަމަކު ހުރި ހިތްވަރެއް ލާފަ ކުރިއަށްދާށެވެ. ނަތީޖާ ފޮނި ވާނެ އެވެ.