މީހާ ޓްރާންސްފޯމް ކޮށްލަން ފަލަ ޓަޔަރަކާ ބޮޑު މަރުތޭލެއް!

ޕްރައިމްއެލީޓްގެ ޒެއިން އާއި ނަޝާ އަވަސް އިންޓަވިއު ދެއްނީ: މިއީ މީހުން ބަދަލު ކުރުވާ ބައެއް -- އަވަސް ވިޑިއޯ

އޮއްސޭ އިރާއެކު މީހުން ވަދެ އެކުވެނި ސަރަހައްދު ފުރާލަ އެވެ. އެތަނަށް ވަދެ އެކި މީހުން އުޅެނީ އެކި ފާޑަށެވެ. ޒާތްޒާތުގެ ހަރަކާތް ކުރާނެ އެވެ. ދުވާނެ އެވެ. ފުމޭނެ އެވެ. ވެއްޓިވެސް ގެންފާނެ އެވެ. ކުދިންނާއި ޒުވާނުންނާއި ދޮށީ އުމުރުގެ އަންހެނުންނާއި ފިރިހެނުންނެވެ. އެމީހަކާ އެމީހެކެވެ. އެކަމަކު އެއިން ކޮންމެ މީހެއްގެ ވެސް އޮތީ އެއް އަމާޒެކެވެ. އެއް ގޯލެކެވެ. އަމާޒަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމެވެ. ގޯލަކީ އެކަން ކާމިޔާބު ކުރުމެވެ. އެ މީހުން އެހެން އުޅެނީ ހޭވައްޓާލާފައި ދުވެ ހިނގައި އަދި ބަރުދަނުގެ އެހީގައި އެކި އެކި ކަސްރަތު ކުރަނިކޮށް އެ ގޯލް ޖެހިދާނެ ކަމަށް ބަލައިގެނެވެ.

މަންޒަރު ބަދަލު ކޮށްލަނީ ބޮޑު ފަލަ ޓަޔަރާއި މަރުތެޔޮތަކާއި ޕަވާ ބޭގްސް އާއި ވެއިޓް ސްލޭ އަދި ވާތަކެއް ހިފައިގެން އުޅޭ ޒުވާނުންތަކެކެވެ. އެ މީހުން އަވަދިނެތި މަސައްކަތް ކުރަނީ އެމީހުންގެ ގާތަށް ދާ މީހުނަށް ވޯކްއައުޓް ކިޔައި ދީ އެމީހުންގެ ހަށިގަނޑު ބަދަލު ކުރުވާށެވެ. މިއީ "ޕްރައިމަލީޓް ބޫޓް ކޭމްޕެ" ވެ. އަދި އެ މީހުންގެ ކަންކަން ހިނގާ ގޮތެވެ.

ޕްރައިމަލީޓް ބޫޓް ކޭމްޕް ހިންގަނީ ޒުވާން ދެ ޕާޓްނަރެކެވެ. މުހައްމަދު ޒައިން (ދަ ބީސްޓް) އާއި އޭނާގެ އެކުވެރިޔާ ނަޝާ ޝިހާމް -- ޒައިން އެއީ "ބީސްޓް" ކަމަށް ވެއްޖިޔާ ނަޝާ އަކީ "ބިއުޓީ" އޭ ކިޔަމާ ހިނގާށެވެ. --

ޒައިން ބުނާ ގޮތަށް ޕްރައިމަލީޓްގެ ތައާރަފަކީ މިއީ އެވެ: "ސްޓްރެންތް ކޭމްޕަކީ ޕްރައިމަލީޓްގެ އައުޓްޑޯ ބޫޓް ކޭމްޕެއް. ބޭނުންވަނީ ކްލައިންޓުންނަށް އައުޓްޑޯ ގައި ވޯކްއައުޓް ހަދާއިރު ޖިމެއްގައި ވޯކްއައުޓް ހަދާ ފީލެއް ގެންނަން. އެކަހަލަ އިހުސާސެއް ގެންނަން ވޯކްއައުޓް ޕްލޭން ކޮށްފައި އޮންނާނީ މީހާގެ ސްޓްރެންތް ބިލްޑް ކުރަން، ހާއްސަ އިކުއިޕްމަންޓަކާއި އެކު. އަހަރެމެންގެ ޕްލޭނަކީ ތަފާތު ގޮތަކަށް ވޯކްއައުޓްތަކެއް ހަދާ ކޮންމެ މީހެއްގެ ފިޓްނަސް ގޯލް އެމީހަކު ގަޔާވާ ގޮތަށް އެޗީވް ކުރުވުން،"

ޒައިން އަކީ ކުރިންވެސް މިގޮތަށް އައުޓްޑޯ ބޫޓް ކޭމްޕެއް ހިންގި ޒުވާނެކެވެ. މާލޭގެ މަޝްހޫރު ދެ ޖިމެއްގައި މަސައްކަތްކޮށް ފިޓްނަސް އިންޑަސްޓްރީގެ ތަޖުރިބާ ވެސް އޭނާއަށް ލިބިފައި ވެއެވެ.



ޕްރައިމަލީޓްގެ ޕްރޮގްރާމްތައް ރާވާލާފައި އޮންނަނީ ކޮންމެ މީހަކުވެސް ރެޖިސްޓްރީ ކުރެވޭ ގޮތަށެވެ. ފުރަތަމަ ރަޖިސްޓާވާ އިރު ބަލަނީ ފިޓްނަސް އެސެސްކޮށް ވީހާވެސް ކަސްޓަމައިޒްކޮށް އެ މީހަކަށް ޕްރޮގްރާމެއް ރާވާލައިދޭށެވެ. މިއީ ނަޝާ ކިޔައިދިން ގޮތެވެ.

"އެސަސްމަންޓެއް ހަދާފަ ކްލައިންޓްގެ މެޑިކަލް ކޮންޑިޝަނެއް ހުރިތޯ ވެސް ބަލަން. ދެން ވޯކްއައުޓް މި ރާވާލަނީ. ތިން ދުވަހު ޕްރޮގްރާމެއް... ހަ ދުވަހުގެ ޕްރޮގްރާމެއް ހިޔާރު ކުރެވޭނެ. ކާޑިއޯ ވެސް ހިމަނައިގެން ކުރިއަށް ގެންދަނީ." ނަޝާ ބުންޏެވެ.

ނަޝާއަކީ ވެސް ސެޓިފައިޑް ގްރޫޕް ފިޓްނަސް އިންސްޓްރަކްޓަރެއް އަދި ޕާސަނަލް ޓްރެއިނަރެކެވެ. ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭ ޖިމްގައި މަސައްކަތްކޮށް އެ ތަޖުރިބާ ވެސް ލިބިފައި ވެއެވެ.

މި ކޭމްޕްގައި ބޮޑެތި ބިޔަ ފަލަ، ޓަޔަރުތައް ފުރޮޅާނެ އެވެ. ބޮޑު މަރުތޭލުން ތަޅާނެ އެވެ. އެ މަންޒަރު ފެނުމުން އެއީ ފިރިހެނުންނަށް ހާއްސަ ކޭމްޕެއް ކަމަށް ބައެއް މީހުނަށް ހީވެދާނެ އެވެ. އެކަމަކު ޕްރައިމަލީޓްގެ ބޫޓް ކޭމްޕަކީ ވަކި ޖިންސަކަށް އޮތް ކަމެއް ނޫނެވެ. ޒައިން އާއި ނަޝާގެ ބޫޓް ކޭމްޕްގެ ކްލައިންޓް ބޭސްގެ މެޖޯރިޓީއަކީ މިހާރު ވެސް އަންހެނުންނެވެ. ޓައިރު ފުރޮޅައި މަރުތޭލުން ތަޅާކަށް އެ އަންހެނުން ވަކި ދެރައެއް ވެސް ނޫނެވެ. ފުރޮޅުމަކަށް ފުރޮޅުމެއް ބޮނޑިއަކަށް ބޮނޑިއެއް އަޅައެވެ. މަޖާ ދޯ އެވެ!

އެހެން ނޫނަސް ޒައިން ބުނިގޮތުގައި ވަކި ވޯކްއައުޓެއް އެއީ ފިރިހެނުންނަށް ހާއްސަ ކަމެއް ހީވެފައި އޮންނަ އޮތުން މިހާރު މީހުން ދޫކޮށްލައިފި އެވެ.

"އަހަރުމެންގެ ކްލައިންޓުންގެ ތެރެއިން ގިނައީ އަންހެނުން. އެމީހުން އައިސް މި ޓަޔަރު ފުރޮޅާ، ސްލެޖް ހެމާ ވޯކްއައުޓް އަދި ބެޓްލް ރޯޕް ބޭނުންކޮށް ވޯކްއައުޓް ހަދާނެ. ބައެއް މީހުންނަށް ހީވެދާނެ އަންހެނުން މިކަހަލަ ވޯކްއައުޓް ހެދުމުން މަސަލް އަރާނެއޭ ހީވާނީ ބޮޑީ ބިލްޑަރެއްހެނޭ! އެކަމު އެއީ ބައޮލޮޖިކަލީ ޕޮސިބަލް ކަމެއް ނޫން. ސްޕޯޓް އެންހޭންސްމަންޓް ޑްރަގެއް ބޭނުން ކޮށްގެން ނޫނީ،" ނަޝާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފިޓްނަސް ގޯލަށް ވާސިލްވާން މަސައްކަތް ކުރާއިރު ދެމީހަކު އެއްގޮތަކަށް ނުހުންނާނެ އެވެ. ކޮންމެ މީހެއްގެވެސް ޖެނެޓިކްސް އާއި ހަށިގަނޑުގެ ފްރޭމް ވެސް ތަފާތުވާނެ އެވެ. ވޯކްއައުޓެއް ހަދާއިރު ބަލަންވީ ވީހާވެސް އެމީހެއްގެ އެންމެ ބެސްޓް ވާޝަންގައި ހުންނާށެވެ.

ޕްރައިމަލީޓުގެ ބޫޓްކޭމްޕްގައި ބައިވެރިވާ ފަރާތްތަކަށް ރިކޮމެންޑްކޮށް އެ ކްލައިންޓުންނަށް ކަމުދާނެ ކަހަލަ ސިއްހަތަށް ފައިދާހުރި ކާނާ ހިމަނައި ޑައެޓް ޕްލޭނެއް ވެސް ދެޔެވެ. ކްލައިންޓުން ވެސް އެމީހުންގެ މީލްސް ތަކުގެ ފޮޓޯތައް ޕްރައިމަލީޓަށް ފޮނުވައި ދެއެވެ.

ޕްރައިމަލީޓުން ދެން ރާވާފައި އޮތީ ވެސް ތަފާތު ކަމަކެވެ؛ އެއީ ޒައިން އާއި ނަޝާގެ އިތުރުން ޓީމުގެ އެހެން މެންބަރެއްގެ ޓްރާންސްފޯމޭޝަން ޖާނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އާއްމު ކޮށްލާށެވެ.

ޒައިން ބުނިގޮތުގައި ޕްލޭންކޮށްފައި އޮތީ ބޮޑީގެ ތިން ޓައިޕެއްގެ ފުލް ޓްރާންސްފޮމޭޝަންއެއް ދައްކާލާށެވެ. އެ ގޮތުން ޒައިން ދައްކާލާނީ ވެއިޓް ލޫސްވާ ތަނެވެ. އޭގައި ނަގާ ޑައިޓާއި، ހަދާ ވޯކްއައުޓް އަޕްލޯޑް ކުރަމުންދާނެ އެވެ.

ނަޝާ ދައްކާލަނީ އޭނާ ސްޓްރެންތް ބިލްޑް ކުރަން ކުރާ މަސައްކަތެވެ.

"މިހާރު އެބަހުރި ވީކް އޭރިއާސްތަކެއް. އެހެން ކަމުން އެ އޭރިއާސްތަކަށް ހާއްސަ ވޯކްއައުޓްތަކެއް ހަދާ މީހާ ބޮޑަށް ފިޓްވާ ޖާނީ ދައްކާލާނީ،" ނަޝާ ބުންޏެވެ.

މި ޓީމުގައި އިންސްޓްރަކެޓަރެއް ގޮތުން ހަރަކާތްތެރިވާ ފައިޒާން އޭނާ ބޮޑީ ބިލްޑް ކުރަން ކުރާ މަސައްކަތާއި ޑައެޓް ވެސް ސޯޝަލް މީޑިއާގައި ހިއްސާކުރަން ޕްރައިމަލީޓުން ވަނީ ރާވާފަ އެވެ. ޝައުގުވެރި ކަމަކަށް ވާނެ ދޯއެވެ؟

ޕްރައިމަލީޓުގެ އުއްމީދަކީ ވީހާވެސް ގިނަ ބަޔަކަށް އެމީހުންގެ ޓްރާންސްފޯމޭޝަން ޖާނީން ހިތްވަރު ލިބި ކޮންމެ މީހަކަށްވެސް ޓްރާންސްފޮމޭޝަނެއް ގެނެވިދާނެ ކަން ގަބޫލު ކޮށްގެން ދަތުރު ފެށުމެވެ. ފިޓްނަސް ކަމުގައި ވިޔައަސް ދިރިއުޅުމުގައި ކަމަށް ވިޔަސް ކާމިޔާބާ ހަމައަށް ދެވެނީ ޕެޝަންއާއެކު މަސައްކަތްކޮށްގެނެވެ.

"ފަސްޖެހުމެއް ނެތި ކުރިއަށްދާންވީ. ބައެއް ފަހަރު ދިރިއުޅުމުގައި ދިމާވާ ދަތިތަކުން އަރައިގަތުމަށް އުނދަގޫ ވިއަސް އަދި ފަސްޖެހުންތަކާއި ދިމާވި ކަމުގައި ވިއަސް އަބަދުވެސް މަސައްކަތް ކުރަންވީ. ކޮންމެ މީހަކަށްވެސް ޕްރައިމަލީޓަކަށް ވެވިދާނެ،" ނަޝާ ބުންޏެވެ.