ހައްލަކީ އުމަރުގެ ޕާފެކްޓް ފިޓް!

ދިވެހި ކިއްސަރުގެ އޯނަރު އުމަރު އަވަސް އަށް އިންޓަވިއުއް ދެނީ -- އަވަސް ވީޑިއޯ

މާލޭގައި ދިރި އުޅެން މި ލިބެނީ ވިންދެންހާ ކުޑަ ޖާގައެކެވެ. އެތާނގައި ފިތިގެން އުޅެންޖެހޭ ހާލުގެ ވާހަކައަކީ އަނގައިގައި އަބަދު ކުޅު ދިޔާވާ ފަދައިން ދިޔައިވެގެން އޮއްސާ ޝަކުވާ އެވެ. މިކަހަލަ "ފިއްތި ޖާގަ" އެއްގައި ތަރުތީބު ގެއްލެ އެވެ. ބޭނުމަސް އެއްޗެހި ގިނަވެ ބޭކާރު އެއްޗެއްސަށް ބަދަލުވެ އެވެ. ވާއެއް ނުވާއެއް ނޭނގި ދިރިއުޅުން އޮންނަނީ "ނީލަން ފިހާރަ"އަކަށް ބަދަލުވެފަ އެވެ. އެންމެ ރަނގަޅު ހައްލަކީ ވިންދެއްހާ ކުޑަ ޖާގައަށް ވަޑިފަތިވާނެހެން ތެދުއުއި ވަޑިއަކު ލައްވާ ޖާގައަށް ފިޓްވާ ގޮތަށް ފަރުނީޗަރު ޖެއްސުވުމެވެ. އޭރަށް ދެން ނޭވާލެވޭވަރު ވާނެ އެވެ.

މި މާލެއިން ނުލިބޭނެ ވައްތަރެއްގެ ފަރުނީޗަރެއް ނުހުންނާނެ އެވެ. ފަރުނީޗަރު ވިއްކާ ގިނަ ފިހާރަތަކާއި ބޮޑެތި ބްރޭންޑްތައް އެބަހުއްޓެވެ. ބޭނުމިއްޔާ ބޭރުން އޮންލައިންކޮށް ބޭނުން ފަރުނީޗަރެއް ގެނެވެ އެވެ. މިގޮތަށް ވެސް މައްސަލަޖެހޭ ހިސާބަކީ ބޭނުންވާ ގޮތަށް، ބޭނުންވާ މިނަށް ބޭނުން ކިއްސަރާއި ބޭނުންވާ މޮޑާން ލުކު ނުލިބުމެވެ. ވިންދެއްހާ ކުދި ޖާގަތަކަށް ފުދޭ "ޕާފެކްޓް ފިޓަކާ" ދިމައެއް ނުވެ އެވެ. ގޮތެއް ހަދާލައިގެން ގަދަބަދަވި ކަމުން ފިޓް ކުރިއަސް ލުކު ގެއްލެ އެވެ. އަދި އެހާ އަވަހަށް ރޫޅި ވީރާނާވެ އެވެ.

މަސައްކަތް އެބައޮތް، މީހުންގެ ހިއްވަރު ނެތީ. ވަކި ކަމެއް ނޫނީ ނުކުރަން ތިބުމަކީ މޮޔަކަމެއް... ކޮންމެހެން ނުޖެހޭ ވަކި ސިޔާސީ މީހެއްގެ ފަހަތަށް އަރާކަށް. ކޮންމެ މީހަކުވެސް މަސައްކަތް ކުރަންވީ، އަމިއްލަ ނަފްސަށް އިތުބާރު ކޮށް ހިއްވަރެއް ލައިގެން. ދެއްވާނީ ހެއްދެވި ފަރާތުން،
އުމަރު އަބްދުއް ރަޝީދު| ދިވެހިކިއްސަރުގެ ވެރިޔާ

އަހަރެމެން، ކުދި ތަންތަންކޮޅުގައި އުޅޭ އާބާދީއަށް ގޮތެއް ހޯދައިދޭން ފޭސްބުކް މެދުވެރިކޮށް "ދިވެހި ކިއްސަރު" ނަމުގައި ނުކުމެގެން މިއުޅެނީ އުމަރު އަބްުދުއް ރަޝީދު 36، އެވެ. އަހަރެމެން ބޭނުން ޑިޒައިނަކަށް ފަރުނީޗަރު ޖެހުމުގެ ހިދުމަތުގައި އިސްވަޑިއެއްގެ ގޮތުގައި މި ހުންނަނީ މި އުމަރެވެ. ދެން އޭނާގެ ބޭބެ، އަލީ އަހުމަދާއި ޔޫނުސެވެ. މި ތިން ވަޑީން އަހަރެމެން ބޭނުން ޕާފެކްޓްފިޓަށް ވަރަށް ގިނަ ބައެއްގެ ޝައުގުވެރިކަން ވަނީ އަތުލާފަ އެވެ.

އުމަރު ބުނި ގޮތުގައި ދިވެހި ކިއްސަރުގެ މަސައްކަތް ފަށައިގަތީ މީގެ ނުވަ މަސްވަރު ކުރިންނެވެ. އެންމެ ފުރަތަމަ ހަދަން ފެށުނީ ކުޑަކުދިންގެ ކުޅޭ ސާމާނެވެ. ދެން ބަތްކައްކާ ކުޅެން ބޭނުންކުރާ ރޮށި ދަމާ ބޯޑާއި، އިސްތިރި ކުރާ ބޯޑާ ހަމައިން ފުޅާވާން ފެށީ އެވެ.

"ކުޅޭ އެއްޗެއްހިން ފެށުނީ އެކަމަކު މިހާރު އެންމެ ބޮޑަށް ހަދަން މި ޖެހެނީ އެނދު. މިހާރު ދިވެހި ކިއްސަރު މަޝަހޫރުވެފައި މިއޮތީ ވެސް އެނދު ޖެހުމުގައި،" އުމަރު ބުންޏެވެ.

އުމަރުމެންގެ ތެދުއުއި ވަޑާމުގައި ދިވެހި ކިއްސަރަށް މި ޖަހާލައިދޭ އެނދަކީ ދިރިއުޅޭ ތަން ވިންދެންހާ ކުޑަވިޔަސް ބެހެއްޓޭނެ، ތަރުތީބު ނުގެއްލޭނެ އަދި މޮޑާން ލުކެއްގައި ހުންނަ އެނދުތަކެކެވެ. މަޝްހޫރު ބްރޭންޑެއްގެ މޮޅު އެނދަކަށް ހަދާ ފުރިހަމަ އިޝްތިހާރެއްގައި ކިޔައިދޭ ފޮނި ހުރިހާ ވާހަކައަކަށް އުމަރުމެންގެ އެނދުތައް ހެޔޮވަރޭ ބުނިޔާ ދޮގަކަށް ނުވާނެ އެވެ. -- މި އިން ބައެއް ކެނޑިއަސް ކަނޑަން ޖެހޭނީ ކުޑަ މިންވަރެކެވެ.

އުމަރުމެންގެ "ސްވިސް ނައިފެ"އް ކަހަލަ ވަޑާންގޭގައި އަވަސްގެ ނޫސްވެރިންނާ ބައްދަލުކޮށް އުމަރު ބުނި ގޮތުގައި ދިވެހި ކިއްސަރުގެ އުފެއްދުންތަކުގެ ތެރެއިން އެންމެ މަޝްހޫރުވެފައި އެންމެ ހިނގަނީ ކުޑަކުދިންގެ އެނދުތަކެވެ. ދެން ކުދި ޖާގަޖަތަކަށް ހާއްސަ ބަންކް ބެޑެވެ. ތިން ބަޔަށް ހުންނަ ބަންކް ބެޑާއި ފަހުގެ ލުކު ހޯދައި ދީފައިވާ "ފްލޯޓިން ބެޑްސް" ވެސް ޖަހައިދެ އެވެ. ބޭނުން މިނަކަށް ފިޓްކޮށްލެވެ އެވެ.

އުމަރު ބުނިގޮތުގައި މި ހިދުމަތް ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ އެންމެ ނުލިބޭ މީހާއަށް ވެސް އަދި އެންމެ ކުޑަ ޖާގައިގައި އުޅޭ މީހާއަށްވެސް ކަސްޓަމައިޒްކޮށް އޯޑަރު ކޮށްލުމުގެ ފުރުސަތު ހޯދައި ދިނުމެވެ. އެގޮތުން ކަސްޓަމަރުންގެ ރިކުއަމަންޓަށް އޭނާ އިސްވެ ޖަހައިދޭ އެނދުތަކާމެދު ކަސްޓަމަރުން ވަރަށް ހިތްހަމަޖެހެ އެވެ.

އުމަރުގެ ދިރިއުޅުން މީގެ ކުރިން ބިނާވެފައި އޮތީ މާލޭގައި ކެފޭއެއް ހިންގުމުގެ ވިޔާފާރިއަށެވެ. ކެފޭއިން ނުކުމެ ފީލްޑް މުޅިން ބަދަލުކޮށްލައި ވަޑާންފޮށި ހުުވާލައި އެއީ މާ އިހަށް ވެސް ޝައުގުވެރިކަން ހުންނަ ދާއިރާއަކަށްވާތީ އެވެ. މާބޮޑު ވަޑާންގެއަކާއި ބޮޑު ޓީމެއް ނެތަސް ގޭގެ ވިންދެއްހާ ކުޑަ ޖާގައެއްގައި މަސައްކަތް ފަށައި ދެ މީހުން ބައިވެރި ކުރީ އެވެ.

ދިވެހި ކިއްސަރުގެ އުފެއްދުންތަކަށް ޑިމާންޑް އެބައޮތެވެ. އުމަރުގެ ޓީމުގެ މަސައްކަތް ތަރުތީބުކޮށްފައި އޮންނަ ގޮތުން އޯޑަރުދޭތާ ދެތިން ދުވަސް ތެރޭ މަސައްކަތް ނިންމާލައި ކަސްޓަމަރަށް ފޯރުކޮށްދެ އެވެ. ބޮޑެތި އޯޑަރުގައި ނަގާނީ ގާތްގަނޑަކަށް ފަސް ދުވަހެވެ.

ދިވެހި ކިއްސަރުން ކަސްޓަމަރުންގެ ރިކްއެސްޓަށް ތަފާތު އެކި އެއްޗެހި ހަދައި ފޯރުކޮށްދެ އެވެ. އޭގެ ތެރޭގައި އެނދާއި ޓީވީރެކާއި ކުޑަކުދިންގެ އުނދޯއްޔާއި ބޫޓުހަރާއި ދުފާފޮއްޓާއި ފޮޓޯ ފްރޭމާއި މިހެން ގޮސް ބައިވަރެވެ.

"މަސައްކަތްކުރާ ޖާގަ ކުޑަކަމުން ބައެއް ބޮޑެތި ތަކެތި އެބަ ރާވާލަންޖެހޭ ކަސްޓަމަރުގެ ގޭގައި ވެސް. މިހާރު ދެން މި ހަދާ ކުދި އެއްޗެއްސަށްވުރެ ބޮޑަށް މަސައްކަތް ފުޅާ ކުރުމަށް އަދި ބޮޑެތި އެއްޗެއްސަށް މި އަމާޒު ކުރަނީ. މިގޮތުން ބަދިގޭ ކަބަޑު ސެޓާއި އޯޑަރަށް އެކި ކަހަލަ ކެބިނެޓް ހަދަން ވިސްނަން،"

އުމަރު މެނަށް ދިމާވާ މައްސަލައަކީ އެއްޗެއް ޖަހަން، އުފައްދަން ބޭނުންކުރާ ތަކެތީގެ އަގު ބާޒާރުގައި ބޮޑުވުމެވެ. އޭނާ ބުންޏެވެ: "ގިނަ ވަގުތު ދުއްވާލައިގެން ހަދާ ފަރުނީޗަރަށް ވުރެ ބާޒާރުގައި ހަދާފައި ވިއްކަން ހުރި އެއްޗިސް އަގު ހެޔޮ ވެދާނެ. އެހެންނަމަވެސް ބޭނުންވާ ޑިޒައިނަކަށް އެއެއް ނުހުންނާނެ."

އުމަރު ބުނިގޮތުގައި މި މަސައްކަތަށް ބޮޑު ޑިމާންޑެއް އެބައޮތެވެ. ފައިސާ ހޯދަން ބޭނުމިއްޔާ ވަޑާން ކަށިތައް ހިފައިގެން މަސައްކަތްކުރަންވީ އެވެ. އޭނާ ބުނާ ގޮތުން މަސައްކަތް ވެސް ބައިވަރު އެބަ އޮތެވެ.

"މަސައްކަތް އެބައޮތް، މީހުންގެ ހިއްވަރު ނެތީ. ވަކި ކަމެއް ނޫނީ ނުކުރަން ތިބުމަކީ މޮޔަކަމެއް... ކޮންމެހެން ނުޖެހޭ ވަކި ސިޔާސީ މީހެއްގެ ފަހަތަށް އަރާކަށް. ކޮންމެ މީހަކުވެސް މަސައްކަތް ކުރަންވީ، އަމިއްލަ ނަފްސަށް އިތުބާރު ކޮށް ހިއްވަރެއް ލައިގެން. ދެއްވާނީ ހެއްދެވި ފަރާތުން،" އުމަރު އެ ބުނީ ސަތޭކައިގެ ވާހަކައެކެވެ. އުމަރަށް ސާބަސް ދޭށެވެ.