ވިޔަފާރި

ފުރަތަމަ ތިން މަހު އުރީދޫ އަށް 162 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

އުރީދޫ މޯލްޑިވްސް އަށް މި އަހަރުގެ ފުރަތަމަ ތިން މަހު 162 މިލިއަން ރުފިޔާގެ ސާފު ފައިދާގެ ގޮތުގައި ލިބިއްޖެ އެވެ.

ދިވެހިންގެ 9.5 ޕަސެންޓް ހިއްސާވާ އުރީދޫން އާއްމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 148 މިލިއަން ރުފިޔާ އެވެ.

އެ ކުންފުނިން މި އަހަރުގެ ފުރަތަމަ ތިން މަހު އާމްދަނީގެ ގޮތުގައި 507 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ހިންގުމުގެ ހަރަދުގެ ގޮތުގައި އެ ކުންފުނިން ހޭދަކޮށްފައިވަނީ 238 މިލިއަން ރުފިޔާ އެވެ.

އުރީދޫގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މި ކުއާޓަރުގައި އެ ކުންފުންޏަށް ހިއްސާ އަކަށް ޖެހިފައިވަނީ 1.1 ރ. އެވެ. އުރީދޫ މޯލްޑިވްސްއަކީ ވަތަނިއްޔާ އިންޓަރނޭޝަނަލް އެފް ޒެޑް - އެލްއެލްސީގެ 90.5 ޕަސެންޓް ހިއްސާ އާއި އާއްމުންގެ 9.5 ޕަސެންޓް ހިއްސާއާއެކު ހިންގާ ކުންފުންޏެކެވެ.