ހަބަރު

މިނިވަން 50 އަށް މާލޭގައި ސަލާމަތީ ކަންކަން ވަރުގަދަ ކުރަނީ

Jul 15, 2015

މިނިވަން 50ގެ ހަރަކާތްތަކާ ގުޅިގެން މާލޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށަން ނިންމައިފި އެވެ.

މިނިވަން 50 އާ ގުޅިގެން، މި މަހުގެ 26 އިން ތިން ދުވަހަށް ކުރިއަށް ގެންދާ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވުމަށް 100 އަށް ވުރެ ގިނަ ބޭރުގެ އިއްޒަތްތެރިން ވެސް ރާއްޖެ އައުމަށް ވަނީ ނިންމައިފަ އެވެ. އެ ހަފްލާތަކުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުން 1000 އަށް ވުރެ ގިނަ އިއްޒަތްތެރިން ބައިވެރިވާނެ އެވެ.

ފުލުހުން ބުނީ އިއްޔެ ބޭއްވި އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމަށް ފަހު ނިންމާފައި ވަނީ، މިނިވަން ދުވަހުގެ ހަރަކާތްތަކަށާއި އެ ދުވަހުގެ އުފާފާޅު ކުރުމަށް ހުރަސް އެޅޭނެ ފަދަ ކަންތައްތައް ހުއްޓުވުމަށް ފުލުހުންގެ އޮޕަރޭޝަނެއް ފެށުމަށް ކަމަށެވެ. އެގޮތުން މިނިވަން 50 އާ ގުޅިގެން ކަނޑުމަގުންނާއި އެއްގަމުން ކުރާ ދަތުރުތަކުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ވެސް ފުލުހުން ނިންމާފައިވެ އެވެ. މީގެ އިތުރުން، އެ ދުވަހުގެ އުފަލަށް ހުރަސް އެޅޭނެ ގޮތަށް ހަރަކާތްތައް ރާވައި ހިންގުމަށް ކުރެވޭ މަސައްކަތްތައް ހުއްޓުވައި ފިޔަވަޅުތައް އެޅުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

ފުލުހުން ބުނީ، މިނިވަން 50ގެ ހަރަކާތްތައް މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ދާ އިރު، ބަންދު ކުރަން ޖެހޭ މަގުތައް ބަންދުކޮށް ޓްރެފިކް ކަންކަން ބެލެހެއްޓުމަށް މި އޮޕަރޭޝަންގެ ތެރޭގައި އިސްކަމެއް ދޭނެ އެވެ. އަދި ބޭރުގެ އިއްޒަތްތެރިންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ސިފައިންނާ ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ވެސް ނިންމާފައިވެ އެވެ.

ފުލުހުން މީގެ ކުރިން ވެސް ނިންމާފައިވާ ގޮތުގައި މިނިވަން 50ގެ ހަރަކާތްތަކަށް މާލޭގެ ބައެއް ސަރަހައްދުތަކުގައި ޕާކްކޮށްފައި ހުރި ވެހިކަލްތައް ނަގައި އެތަންތަން ހުސްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ބައެއް ސަރަހައްދުތައް ވަގުތީ ގޮތުން ބަންދު ކުރުމުގެ މަސައްކަތް ވެސް ޓްރެފިކް ފުލުހުން ކުރުމަށް ނިންމާފައިވެ އެވެ.

މާލޭގެ އެކި ތަންތަން މިނިވަން 50 އަށް ރީތި ކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށައިފަ އެވެ.