ހަބަރު

ކޮމެންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ އޮތުމާ މެދު ކެބިނެޓްގައި މަޝްވަރާކޮށްފި

Jul 16, 2015

ކޮމަންވެލްތުގައި ރާއްޖެ ތަމްސީލު ކުރާ ގޮތާއި އެތަނުގައި އަދާކުރާނެ ދައުރު އަލުން މުރާޖައާކޮށް ދިރާސާ ކުރުމަށް ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކޮށްފި އެވެ. 

އެ މައުލޫމާތު މީޑިއާޔާ ހިއްސާ ކުރައްވަމުން ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ ވިދާޅުވީ މިހާ ގިނަ ދުވަހު ރާއްޖެ ކޮމަންވެލްތްގައި އޮވެގެން ރާއްޖެއަށް ވާ ފައިދާ އާއި އެ ޖަމާއަތުގައި ރާއްޖެ އަދާކުރާ ދައުރާ މެދު އިތުރަށް ވިސްނައި އެ ކަންކަން މުރާޖައާ ކުރަން ޖެހޭ ކަމަށް ވަޒީރުން ދެކެވަޑައިގަތް ކަމަށެވެ. އެކަމާ މެދު ބަހުސް ކުރެވުނު ނަމަވެސް ކެބިނެޓުން އަދި ރައީސް ވެސް މިއަދު އެއްވެސް ނިންމުމެއް ނުނިންމާ ކަމަށް މުއާޒު ވިދާޅުވި އެވެ.

"އެހާ ބޮޑު ބައިނަލްއަގުވާމީ ޖަމާއަތެއްގައި ރާއްޖެ ބައިވެރިވެގެން ލިބޭ ފައިދާތަކެއް ވެސް ބަލާ. އެ ޖަމާއަތުން މިހާތަނަށް ވެސް ރާއްޖެއަށް ވެފައި ހުރި ކަންކަމަކީ ކޮބައިތޯ ބަލައި އެކަންކަން މުރާޖައާ ކުރަން ވަޒީރުން މިއަދު މަޝްވަރާ ކުރެއްވި،" މުއާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އެކި ދާހިލީ ކަންކަމުގައި ބޭރުގެ އެކި ފަރާތްތަކުގެ އުނދަގޫތައް ރާއްޖެއަށް މީގެ ކުރިން ވެސް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ޖަމާއަތްތަކުގައި ރާއްޖެ ތިބޭ އިރު ދާހިލީ ކަންކަމުގައި ބޭރުގެ ފަރާތްތަކުން ކުރާ ނުފޫޒުތައް ވިސްނުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ސިޔާސީ ގޮތުން ކަންކަމާ މެދު ވިސްނުމަށް ވުރެ ގައުމީ ގޮތުން ކަންކަމުގައި ވިސްނުމުގެ މުހިންމުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވުމާ މެދު ވިސްނަން ޖެހިދާނެ ކަމުގެ އިންޒާރު ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވަނީ މީގެ ކުރިން ދެއްވައިފަ އެވެ.