ހަބަރު

ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސްއަކަށް ޝުއައިބު

Jun 13, 2019

ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ކަމަށް ހައި ކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އިންތިހާބުވެވަޑައިގެންފި އެވެ.

ފަނޑިޔާރުންގެ ޖަމިއްޔާ އުފައްދާފައިވަނީ 2008 ވަނަ އަހަރު އެވެ. ނަމަވެސް ޖަމިއްޔާގެ މަސައްކަތް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމަށްފަހު އަލުން މަސައްކަތް ފެށުމުގެ ހުއްދަ ޔޫތު މިނިސްޓްރީން ވަނީ ދީފަ އެވެ. އެ ޖަމިއްޔާއަކީ ފަނޑިޔާރުންތަކެއް އިސްނަގައިގެން އުފައްދާފައިވާ ޖަމިއްޔާއެކެވެ.

ފަނޑިޔާރުންގެ ޖަމިއްޔާއިން ނެރުނު އިއުލާނެއްގައި ބުނީ އެ ޖަމިއްޔާގެ ރައީސް ކަމަށް ފަނޑިޔާރު ޝުއައިބު އިންތިހާބުވެފައިިވަނީ އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު އިތުރު ބޭފުޅަކު ކުރިމަތިލާފައިނުވާތީ ކަމަށެވެ. މީގެ އިތުރުން ނައިބު ރައީސާއި ހިންގާ ކޮމެޓީގެ އިތުރު ހަ މަގާމަކަށް ވެސް އިތުރު ބޭފުޅުން ކުރިމަތިލާފައިނުވާތީ އެމަގާމަށް ކުރިމަތިލި ބޭފުޅުން ވަނީ ހޮވިވަޑައިގެންފަ އެވެ.

އެގޮތުން ނައިބު ރައީސް ކަމަށް ހޮވިވަޑައިގެންފައިވަނީ ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަރެވެ. އަދި ސެކްރެޓަރީ ޖެނެރަލް ކަމަށް ހޮވިވަޑައިގަތީ ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރެވެ. އިންތިޒާމް ސެކްރެޓަރީ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސައިން ހޮވިވަޑައިގެންފައިވާއިރު ހަޒާންދާރު ކަމަށް ސިވިލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދެވެ. އަދި ހަޒާންދާރުގެ އެހީތެރިޔާ ކަމަށް ކ. ދިއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އަހުމަދު އަދި ތަރުޖަމާނު ކަމަށް ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު ވަނީ ހޮވިވަޑައިގެންފަ އެވެ.

އެ ކޮމެޓީއަށް އައްޔަންކުރާ އިތުރު ހަތަރު މެންބަރުންގެ މަގާމަށް ހަތް ބޭފުޅަކު ވަނީ ކުރިމަތިލައްވައިފަ އެވެ. އެމަގާމުތަކަށް އިންތިހާބު ކުރުން އަންނަ އާދިއްތަ ދުވަހު ބާއްވާ އެޖަމިއްޔާގެ ހިންގާ ކޮމެޓީގެ އިންތިހާބުގައި އޮންނާނެ އެވެ.

ފަނޑިޔާރުންގެ ޖަމިއްޔާގެ އިންތިހާބު ބާއްވަން ތައްޔާރުވަމުންދާއިރު، ޖުޑީޝަލް ކައުންސިލުން ވެސް ވަނީ ފަނޑިޔާރުން ޖަމިއްޔާއެއް އުފައްދަން ނިންމައި، ޔޫތު މިނިސްޓްރީއަށް ހުށަހަޅައިފަ އެވެ. ނަމަވެސް ކުރީގެ ޖަމިއްޔާ ދެމި އޮއްވައި އާ ޖަމިއްޔާއެއް ހަދަން ހުށަޅާފައިވާތީ އެކަމުގައި ފުށޫއެރުންތަކެއް ހުރި ކަމަށް ބުނެ ޔޫތު މިނިސްޓްރީން ވަނީ ބަންޑާރަ ނައިބުގެ ލަފައަކަށް އެދިފަ އެވެ.