ޑރ. މުހައްމަދު މުއިއްޒު

ޔާމީން މިނިވަންވުމަކީ ކުރައްވާ އުއްމީދެއް: ރައީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މާދަމާ މިނިވަންވުމަކީ ކުރައްވާ އުއްމީދެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމްގެ އިސްތިއުނާފް އަޑުއެހުންތައް ނިމި މާދަމާ ރައީސް ޔާމީންގެ މައްޗަށް ހުކުމްކުރުމަށް ހައިކޯޓުން ތާވަލްކޮށްފައި ވަނިކޮށެވެ. ހުކުމް ކުރުން އޮތީ މާދަމާ މެންދުރުފަހު 1:15 ގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭން ޖަލްސާއެއްގައި މިރޭ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ހައިކޯޓުން ނުނިމި ދިގުލައިގެން ދިއުމަކީ އެމަނިކުފާނު ކަންބޮޑުވެވަޑައިގަންނަވާ މައްސަލައެއް ކަމުގައި އަބަދުވެސް ދަންނަވަމުން ގެންގޮސްފައިވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު މިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވާ އެންމެ ފުރަތަމަވެސް ގޮވާލެއްވީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް ކަމަށެވެ. އެގޮތަށް އޭރު އެކަން ހަމަޖެހިގެން ދިޔަ ކަމުގައިވެސް ވިދާޅުވި އެވެ. ރައީސް ޔާމީނަށް ހުކުމް ކުރުމަށް ހައިކޯޓުގައި މާދަމާއަށް ތާވަލްކުރީވެސް އެމްޑީޕީން ބޭނުންވުމުން ކަމުގައި ވިދާޅުވި އެވެ.

"ޖޭއެސްސީ މިއޮތީ މިހާރުގެ މަޖިލީހުގެ މެޖޯރިޓީ އޮތް ބޭފުޅުންގެ އަތުގައި. ޖޭއެސްސީގެ ރައީސަކީ ވެސް އެމްޑީޕީގެ ބޭފުޅެއް. މަޖިލީހުގެ ރައީސަކީ ވެސް އެމްޑީޕީ ބޭފުޅެއް. މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ އަދި މަޖިލީހުގެ މެމްބަރެއް ޖޭއެސްސީގައި އިންނަވާ. އެހެންގޮސް އެމްޑީޕީގެ ފުލް ބާރު ޖޭއެސްސީގައި މި އޮތީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޖޭއެސްސީއަށް އަދި ޝަރުއީ ދާއިރާއަށް އެމްޑީޕީގެ ނުފޫޒު އޮތް ކަން އެނގިގެންދަނީ ރައީސް ޔާމީންގެ މައްސަލަ ނިންމުން ލަސްވި ކަމަށް ވިސްނި ވަޑައިގެން އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެ މައްސަލަ ބެލުމަށް ޖޭއެސްސީއަށް ހުށަހެޅުމާ އެކު ހުކުމް ކުރުމަށް ތާވަލްކުރުމުން ކަމަށެވެ.

ރައީސް ވަނީ ރައީސް ޔާމީންގެ މައްސަލަ މާދަމާ އިންސާފުވެރިކަމާ އެކު ނިންމައިދިނުމަށް ގޮވާލައްވާފަ އެވެ. އަދި ރައީސް ޔާމީން މިނިވަންވުމާ އެކު ރާއްޖޭގެ ކުރީގެ ހުރިހާ ރައީސުން މިނިވަންކަމާ އެކު ދިރިއުޅުއްވަމުން ގެންދަވާ މަންޒަރު ފެންނާނެ ކަމަށާއި އެމަނިކުފާނު ބޭނުންވަނީ އެގޮތް ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ދުއާއަކީ ރައީސް ޔާމީން މިނިވަންވެގެން އައުން، މާދަމާގެ ޝަރީއަތުގެ މަޖިލިސް ބޭއްވޭނެ ކަމަށް މައުލޫމާތު ލިބިފައި އޮތީ. އަޅުގަނޑުގެ ދުއާއަކީ އެމަނިކުފާނަށް އިންސާފު ލިބި އެމަނިކުފާނު މިނިވަންވުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޖޭއެސްސީއަށް ބަދަލުތަކެއް ގެނެސް ޝަރުއީ ދާއިރާއަށް މިނިވަންކަން ހޯދައިދިނުމަށް ވެވަޑައިގެންނެވި ވައުދު ފުއްދުމަށް ފަސޭހަ ވާނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ސަރުކާރަށް ތާއީދުކުރާ ކެންޑިޑޭޓުން ހޮވައިގެން ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދީގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ޑިސެމްބަރު 25، 2022 ގަ އެވެ. ރައީސް ޔާމީންގެ ޖަލު ހުކުމެއް އިއްވާފައިވީ ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އެމަނިކުފާނު ހުންނަވަނީ ގޭ ބަންދުގަ އެވެ.

ވ. އާރަށު މައްސަލައިގައި ރިޝްވަތު ދިނުމުގެ ކުށުގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ތިން އަހަރަށް ޖަލަށްލުމަށްވެސް ވަނީ ހުކުމްކޮށްފަ އެވެ.

ރައީސް ޔާމީންގެ ޝަރީއަތް ހައިކޯޓުގައި އެންމެ ފަހުން ބޭއްވީ ނޮވެމްބަރު 21، 2023 ގައެވެ. އެ ދުވަހު މައްސަލައިގެ ފަހު ބަސް އިއްވާފައިވާތީ ދެން އޮންނާނީ ހުކުމް އިއްވުމެވެ.

ރައީސް ޔާމީންގެ ޝަރީއަތް ނުނިމި ދިގުލައިގެން ގޮސްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ނުފޫޒު ކޯޓުތަކަށް އޮތުމުން ކަމަށް ޔާމީންގެ ސަޕޯޓަރުން ބުނަމުން ދިޔަ ނަމަވެސް ސަރުކާރުން އެ ވާހަކަތައް ދޮގުކުރެ އެވެ.