ޕްރޮފެސަރު ހަސަން އުގައިލް

އޭއައި މޯލްޑިވްސްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ

Jul 4, 2019
3

އާޓިފިޝަލް އިންޓެލިޖެންސް ކުރިއަރުވަން އުގެއިލް ފައުންޑޭޝަން އިން ބާއްވާ "އޭއައި މޯލްޑިވްސް 2019" ގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ ހަމަ ޖައްސައިފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ އުގެއިލް ފައުންޑޭޝަނުން ބާއްވާ މި ހާއްސަ އިވެންޓު އޮންނާނީ އަންނަ މަހުގެ 26 އިން 28 ގެ ނިޔަލަށް އއ. އުކުޅަހުގައި ކަމަށެވެ.

އުގެއިލް ފައުންޑޭޝަނާއެކު ވި އެއްބަސްވުމާބެހޭ ގޮތުން، އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބު ހާން ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސަކީ ކުރިމަގުގެ ޑިޖިޓަލް ދުނިޔޭގައި މިހާތަނަށް ފެނިފައިނުވާ ފަދަ ފުރުސަތުތަކާއި އިޖްތިމާއީ އަދި އިޤްތިސޯދީ ކުރިއެރުން ފަހި ކޮށްދޭނެ ޓެކްނޮލޮޖީއެއް ކަމަށެވެ.

"އޭއައި މޯލްޑިވްސް 2019 ފަދަ ޕްލެޓްފޯމުތަކުގެ ސަބަބުން ޑިޖިޓަލް ގައުމެއް ބިނާ ކުރުމުގައި އޭއައި ޓެކްނޮލޮޖީގެ މުހިއްމު ދައުރާ މެދު ހޭލުންތެރިކަން އިތުރުކޮށް، އޭއައި ހިމެނޭ އީޖާދީ ހިދުމަތްތައް ބިނާ ކުރުމަށް ދިވެހި ޒުވާނުންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ." ނަޖީބު ވިދާޅުވި އެވެ.

ޕްރޮފެސަރު ހަސަން އުގެއިލް ވިދާޅުވީ މި ހާއްސަ އިވެންޓުގައި 100 އަށްވުރެ ގިނަ ސައިންޓިސްޓުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

"ސަތޭކަ އަށް ވުރެ ގިނަ ސައިންޓިސްޓުން ބައިވެރިވާ އޭއައި މޯލްޑިވްސް 2019 އަށް އުރީދޫގެ އެހީތެރިކަމާއި އެއްބާރުލުން ލިބުމަކީ އަޅުގަނޑުމެނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. މިއީ، ރާއްޖޭގައި ފަހުގެ ޓެކްނޮލޮޖީތައް ތައާރަފްކޮށް، އާލާ ކުރުމަށް އެ ކުންފުނިން ދޭ އަހަމިއްޔަތު އެނގިގެންދާ ކަމެއް،" އުގެއިލް ވިދާޅުވި އެވެ.

މި އިންޓަނޭޝަނަލް ކޮންފަރެންސް އަދި މަހާސިންތާ ކުރިއަށްދާއިރު، އުކުޅަހުގައި ޓެކް ފެއާ އެއްވެސް ކުރިއަށްދާނެ އެވެ. މި ޓެކް ފެއާގައި ދިވެހި މުއައްސަސާތަކާއި، ވިޔަފާރިތަކުގެ އިތުރުން ޓެކްނޮލޮޖީ ދާއިރާއަށް އަހުލުވެރި އަމިއްލަ ފަރާތްތަކުގެ އީޖާދުތަކާއި، އައު އުފެއްދުންތައް ދައްކާލާނެ އެވެ.