އުރީދޫ

އެމް-ފައިސާއިން ބޭރު ގައުމުތަކަށް ފައިސާ ފޮނުވޭ ގޮތް ހަދައިފި

އުރީދޫގެ އެމް-ފައިސާ އާއި މަނީގްރާމް އިންޓަނޭޝަނަލްގެ ޕާޓްނަރޝިޕާއެކު އެމް-ފައިސާ މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފައިސާ ފޮނުވުމުގެ ހިދުމަތް ފަށައިފި އެވެ.

މަނީގްރާމް އިންޓަނޭޝަނަލް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފައިސާ ފޮނުވައިދީ ގުޅުވައިދިނުމުގައި ތަޖުރިބާކާރު ކުންފުންޏެކެވެ. މި ޕާޓްނަޝިޕާއެކު ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުށް، ދުނިޔޭގެ އެކި ހިސާބުތަކަށް ފަސޭހަކަމާ އެކު ފައިސާ ފޮނުވުމުގެ މަގު މިހާރު އެވަނީ ހަމަޖެހިފަ އެވެ.

އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ދުނިޔޭގެ އެކި ހިސާބުގައި ދިރިއުޅެމުންދާ އާއިލާ އަދި ރައްޓެހިންގެ ބެންކު އެކައުންޓް، މޯބައިލް ވޮލެޓް ނުވަތަ މަނީގްރާމްގެ އޭޖަންޓެއް މެދުވެރިކޮށް ނަގުދު ފައިސާ ނެގޭ ގޮތަށް ފައިސާ ފޮނުވޭނެ އެވެ. މިއީ ފައިސާ ލިބޭ ފަރާތް ދިރިއުޅެމުންދާ ގައުމުގައި ލިބޭ ހިދުމަތަށް ރިއާޔަތް ކޮށްފަ އެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދް އަލް- ހަމާދީ ވިދާޅުވީ ފައިސާ ފޮނުވުމުގައި ދިވެހިންނާއި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި، ވިޔަފާރިވެރިން އަދި ދުނިޔޭގެ އެކި ހިސާބުގައި އުޅޭ ދިވެހި ކިޔަވާ ކުދިންނަށް ބޭނުންވެފައިވަނީ އަވަސް، ފަސޭހަ އަދި ރައްކާތެރި ހިދުމަތެއް ކަމަށެވެ. އުރީދޫގެ އެމް-ފައިސާ އާއި މަނީގްރާމް އިންޓަނޭޝަނަލްގެ ޕާޓްނަޝިޕަކީ އެފަދަ ރައްކާތެރި ހިދުމަތަކަށް ވާނެ ކަމަށާއި ޑިޖިޓަލް މި ހިދުމަތުގެ ސަބަބުން މިހާރު ދިމާވަމުންދާ ގޮންޖެހުންތަކަށް ލުޔެއް ލިބިގެން ދާނެ ކަމަށް ޔަގީންކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

"މި ހިދުމަތް ދިނުމުގައި މަނީގްރާމް ފަދަ ތަޖުރިބާކާރު ކުންފުންޏަކާއެކު ކުރިއަށް ދިޔުމަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ދެވޭ ހިދުމަތް އެންމެ ރަގަޅަށް ދިނުމުގައި މަގުފަހިވާނެ ކަމެއް. ދިވެހިން އަދި ދިވެހިރާއްޖޭގައި ޑިޖިޓަލް މާލީ ހިދުމަތްތައް ކުރިއަރުވާ، މި ހިދުމަތްތަކަކީ އެންމެނަށް ފަސޭހަކަމާއެކު ލިބޭ ހިދުމަތްތަކަކަށް ހެދުމަށް އަބަދުވެސް އުރީދޫއިން ދާނީ މަސައްކަތް ކުރަމުންނ." ހާލިދު ވިދާޅުވި އެވެ.

މަނީގްރާމް އަކީ ފިންޓެކް އިނޮވޭޝަންގައި ވަރުގަދަ، ކަސްޓަމަރުންނާއި ގާތުން މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ. މްނީގްރާމްގެ ޒަމާނީ ޕްލެޓްފޯމް މެދުވެރިކޮށް ދުނިޔޭގެ އެންމެ ކުޅަދާނަ ކުންފުނިތަކާއެކު މާލީ ހިދުމަތްދިނުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

މަނީގްރާމްގެ ދެކުނު އޭޝިއާގެ ރީޖަނަލް ހެޑް ނަވީދު އަޝްރަފް ވިދާޅުވީ އުރީދޫ މޯލްޑިވްސްއާ އެކު މިވެވުނު އެއްބަސްވުމާއެކު ރާއްޖެއިން ފައިސާ ފޮނުވުމުގެ ހިދުމަތްވެސް މިއަދުން ފެށިގެން ފަހިވެގެން ދާނެ ކަމަށެވެ.

"ހަމަ މިއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އާއިލާ އަދި ރައްޓެހިންނަށް ފައިސާ ފޮނުވުމުގައި ކަސްޓަމަރުންނަށް ފަސޭހަ އަދި ރައްކާތެރި މަގެއް ހުޅުވުގެން ދިޔައީ،" ނަވީދު ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސްއަށް ލައިސަންސް ލިބުމާއެކު، އިންޓަނޭޝަންލް ޕާޓްނަރުންނާއެކު ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފަ އެވެ. ރާއްޖޭގައި ދިރިއުޅޭ ކޮންމެ ފަރާތަކަށްވެސް، އެމް-ފައިސާގެ ހިދުމަތް، އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތާއެކު ބޭނުންކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފަ އެވެ.