ވިޔަފާރި

ޕަސްކުއަލް ޔޯގަޓު އެންމެ ވިކޭ 10 ގައުމުގެތެރޭގައި ރާއްޖެ

Jul 17, 2019
1

ސްޕޭންގެ ޕަސްކުއަލް ޔޯގަޓު އެންމެ ގިނަ އިން ވިކޭ 10 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޕަސްކުއަލް އަށް 50 އަހަރު ފުރުމުގެ ގޮތުން އެ އުފެއްދުމުގެ ރާއްޖޭގެ އެޖެންޓް ސޯސަން ފިހާރަ އިން ރޭ ސޯލްޓް ކެފޭގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ޕަސްކުއަލްގެ ކުންފުނީގެ އެކްސްޕޯޓް މެނޭޖަރު، ހާވިއާ ޕުޖަލްރަސް ގޯމޭޒް ވިދާޅުވީ ޕަސްކުއަލްގެ މަގުބޫލުކަން ރާއްޖޭގައި ވަރަށް ބޮޑު ކަމަށެވެ.

"މި އަހަރަކީ ޕަސްކުއަލް އަށް ވަރަށް މުހިންމު އަހަރެއް. އެއީ މި އަހަރު މި އުފެއްދުމަށް 50 އަހަރު ފުރޭތީ. މިހާރު ރާއްޖޭގައި ޕަސްކުއަލްގެ މަގުބޫލުކަން ބޮޑު. އެންމެ ގިނައިން ޕަސްކުއަލް ވިކޭ 10 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ،" އޮފިޝަލް ވިދާޅުވި އެވެ.

ޕަސްކުއަލްގެ ރާއްޖޭގެ ސޯލް ޑިސްރިބިއުޓަރަކީ ސޯސަން ފިހާރަ އެވެ. އެ ކުންފުނިން މި އުފެއްދުން މުޅި ރާއްޖެއަށް ފޯރުކޮށްދެ އެވެ. މި އުފެއްދުން ވިއްކަން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ހަރަކާތްތެރިވެ އެވެ. ސޯސަން ފިހާރަ އިން ރޭ ވަނީ އެ ކުންފުންޏާ ގުޅިގެން ވިޔަފާރި ކުރާ ފަރާތްތަކުގެ އަގު ވަޒަންކޮށް ހަނދާނީ ލިއުން ދީފަ އެވެ. މި ލިއުންތައް ދެއްވީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަލީހު އަހުމަދެވެ.