ހަބަރު

ލުތުފީގެ ތުހުމަތާ ހެދި އިމްރާން އަންތަރީސްވެއްޖެ

މީހަކަށް ބިރުދައްކާ އިންޒާރުދޭހާ ގަމާރުވެއްޖެ ކަމަށް ރައްޔިތުން ގަބޫލުކޮށްފާނެ ކަމަށް ބަޔަކު ހީކުރީތީ އަންތަރީސްވެއްޖެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް ހަސަން ލުތުފީ ވަނީ އިމްރާން އޭނާ ފްރޭމްކޮށް، ހައްޔަރުކުރާނެ ކަމުގެ ބިރު ދައްކާފައިވާ ކަމަށް ވިދާޅުވެ ގިނަ ތުހުމަތުތަކެއް ސަންގުޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ކުރައްވާފަ އެވެ. އަދި ރާއްޖެ ދޫކޮށް، ދާން ޖެހުނީވެސް އެކަންކަމާއި ހުރެ ކަމަށް ލުތުފީ ވަނީ ވިދާޅުވެފަ އެވެ.

އެކަމާއި ގުޅިގެން އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަގުމަތިންދާ މީހެއްގެ ކަރުގައިހިފާ ބިރުދައްކާ، އެމީހާގެ އޮފީހަށް ވަދެ އިންޒާރުދީ، ފްރޭމް ކުރާނެކަމަށް ވިދާޅުވެ ބިރުދައްކާ މިންވަރަށް އެމަނިކުފާނު ގަމާރުވެއްޖެ ކަމަށް ދިވެހި ރައްޔިތުން ގަބޫލުކޮށްފާނެ ކަމަށް ބަޔަކު ހީކުރީތީ އަންތަރީސްވެއްޖެ ކަމަށެވެ.

އިމްރާން ކުރެއްވި ޓުވީޓް

އިމްރާން އެފަދަ ޓުވީޓެއް ކުރެއްވި އިރު، އޭނާ މިހާރު ހުންނެވީ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވެ. ލުތުފީ އިމްރާންގެ މައްޗަށް ބިރު ދެއްކުމުގެ ތުހުމަތު ކުރެއްވި ނަމަވެސް ބިރު ދެއްކެވީ ކޮން ކަމަކާ ގުޅިގެން ކަމެއް ހާމަކުރައްވާފައެއް ނުވެ އެވެ.