ރައްޔިތުންގެ މަޖިލިސް

އިމްރާނަށް ކުރާ ތުހުމަތާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ ރާއްޖެ ދޫކުރައްވައި ވަޑައިގަންނަވަން ޖެހުނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އޭނާއަށް ބިރު ދައްކާ އިންޒާރު ދެމުން ގެންދާތީ ކަމަށް ވިދާޅުވެ އިމްރާންގެ މައްޗަށް ކުރެއްވި ތުހުމަތާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މިރޭގެ ޖަލްސާގައި އެ ކުއްލި މައްސަލަ ހުށަހެޅުއްވީ މާވަށު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ސައީދެވެ. ސައީދު ހުށަހެޅުއްވި ހުށަހެޅުއްވުމުގައި އިމްރާންގެ މައްޗަށް އެފަދަ ބޮޑު ތުހުމަތެއް ކުރެވިފައިވާއިރު، އިމްރާން އެ ކަންތައް މުތުލައްގުކޮށް ވެސް ދޮގު ކުރައްވާފައި ނުވާ ކަމަށެވެ. އަދި އެއީ ގާނޫނީ ބޮޑު ކުށަކަށް ވާތީ އެ ކަންތައް މަޖިލީހުން ބަލަން ޖެހޭނެ ކަމަށެވެ.

އިދިކޮޅު ޕީއެންސީގެ މެންބަރު ސައީދު ހުށަހެޅުއްވި ކުއްލި މައްސަލަ ބަހުސަށް ހުޅުވާލަން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 75 މެންބަރުންގެ އިއްތިފާގުންނެވެ.

މިއަދު ހެނދުނު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދޫކޮށްލަން ކްރިމިނަލް ކޯޓުން ރޭ ކުރި އަމުރާ ގުޅިގެން މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބަހުސް ކުރެއްވި އެމްޑީޕީ ބައެއް މެންބަރުންގެ ފާޑުކިޔުންތައް ހޯމް މިނިސްޓްރީއާއި ފުލުހުންގެ އިންޓެލިޖެންސަށް އަމާޒުވި އެވެ. ނަމަވެސް ބައެއް މެންބަރުން ހޯމް މިނިސްޓަރު ދިފާއު ކުރެއްވި އެވެ.

ރާއްޖެ ދޫކުރައްވައި ވަޑައިގަންނަވަން މަޖުބޫރުވީ ބިރުދެއްކުމާއި އިންޒާރުތައް ދެމުންދާތީ ފުރާނަ ސަލާމަތްކުރުމަށް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ ވިދާޅުވާ އޯޑިއޯއެއް ވަނީ ލީކުވެފަ އެވެ. އެކަމާ ގުޅިގެން ސަންގުޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ލުތުފީ ވިދާޅުވީ އޭނާއަށް އިންޒާރު ދެއްވީ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވުމަށް އަންގަވައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަމަށެވެ.

ލުތުފީ ސީރިއަސް ތުހުމަތުތަކެއް މިނިސްޓަރު އިމްރާނަށް ކުރެއްވި އިރު، އިމްރާން މި ވަގުތު ހުންނެވީ ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށްޓަކައި ސައުދީ އަރަބިއްޔާގަ އެވެ. ސައުދީގައި ހުންނަވާ އިމްރާންގެ މައްޗަށް ކުރައްވާފައިވާ ތުހުމަތުތަކަށް ރައްދު ދެއްވައި ރޭ ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ، މީހުންނަށް ބިރު ދައްކާ ހިސާބަށް އޭނާ ގަމާރުވެއްޖެ ކަމަށް ރައްޔިތުން ގަބޫލު ކުރާނެ ކަމަށް ބަޔަކަށް ހީވާތީވެ އަންތަރީސްވާ ކަމަށެވެ.