ހަބަރު

ފުލުސް ގާނޫނަށް ތައުރީފު ކުރުމުން އިދިކޮޅުގެ ސުވާލެއް އިމްރާނަށް

Dec 28, 2020

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލާއެކު ރާއްޖޭގެ ދާހިލީ ހަމަޖެހުން ގާއިމުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެ، އެ ގާނޫނަށް ތައުރީފުކުރެއްވުމާއެކު، އޭނާއަށް އިދިކޮޅުން މުހިއްމު ސުވާލުތަކެއް އަމާޒުކޮށްފި އެވެ.

އިމްރާން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ގާނޫނު ތަސްދީގު ކުރެވި ތިން މަސް ފަހުން އެ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ރާއްޖޭގެ ދާހިލީ ހަމަޖެހުން ގާއިމްކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އަމާންކަން ގާއިމު ކުރުމަށް ފުލުހުންގެ ހިދުމަތަށް ގެންނަންވާ ބަދަލުތައް އަންނާނެ ކަމަށެވެ.

"މިއީ ދިވެހި ފުލުހުންގެ ހިދުމަތް ތަރައްގީ ކުރުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީސް ގުޅިގެން ކުރެވުނު މުހިންމު މަސައްކަތެއް. ދިވެހި ރާއްޖޭގެ ފުރިހަމަ ޑިމޮކްރަޓިކް މުޖްތަމައަކަށް ހެދުމަށްޓަކާ ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް އިތުރަށް ތަރައްގީ ކުރުމަކީ ކޮންމެެހެން މުހިންމު ކަމެއް،" އިމްރާންގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވާ އިމްރާންގެ ވާހަކަފުޅާ ގުޅިގެން، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ، ހަތެއް ފެބްރުއަރީ 2012 ގައި ބަގާވާތް ކުރި ކަމުގެ ތުހުމަތުގައި އިމްރާންގެ މައްޗަށް އެމްޑީޕީން އިތުބާރުނެތް ކަމަށް ފާސްކޮށްފިނަމަ، ގާނޫނާ މެދު ދެކެވަޑައިގަންނަވާގޮތް ބަދަލުވާނެތޯ ސުވާލު ކުރައްވައިފަ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މަޖިލީހަށް ހުށަހެޅުއްވުމާއެކު ގިނަ ބައެއްގެ ކަންބޮޑުވުން އަމާޒުވި އެވެ.

އެ ބިލުގެ އަމާޒަކީ، ފެބްރުއަރީ 7، 2012 ގައި ބަޣާވާތަކުން ވެރިކަން ވައްޓާލާފައިވާކަމަށް، މިހާރު ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕަޓީ އެމްޑީޕީން ތުހުމަތު ކުރާއިރު، އެކަމާ ގުޅުވައި، ފުލުހުންތަކެއް ވަކި ކުރަން ހުށަހެޅި ބިލެއްގެ ތުހުމަތު ކުރެވުނު ނަމަވެސް، ބިލުގައި މައިގަނޑު ގޮތެއްގައި ވަނީ ފުލުހުންގެ ވަޒީފާއަށް އައްޔަނުކުރުމާއި، ލިބިދޭ އިނާޔަތްތަކާއި ހައްގުތަކާއި، ފިޔަވަޅު އެޅޭނެ ހާލަތްތަކާއި އަދަބުތައް ކަނޑައަޅައިފަ އެވެ.

މީގެ އިތުރުން، ޕޮލިސް ކޮމިޝަނަރާއި ފުލުހުންގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުކުރުމާއި، ހޯމް މިނިސްޓަރުގެ ދައުރާއި، މަސްއޫލިއްޔަތުތަކާއި، ޒިންމާތައްވެސް މި ބިލުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ.

އަދި ފުލުހުންގެ އޮޕަރޭޝަންތަކާއި، ތަހުގީގުތަކާއި އަމަން ބެލެހެއްޓުމާއި، ބަލާ ފާސްކުރުމުގައި އަމަލު ކުރަންޖެހޭ ގިނަ އުސޫލުތަކާއި ގަވައިދުތައް މި ގާނޫނު ތަސްދީގުކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި އެކުލަވާލަންޖެހޭނެކަމަށް ކަނޑައަޅާފައިވެ އެވެ.

އަދި އެންމެ ފަހު ވަގުތު އެމްޑީޕީން އިތުރުކޮށްލި އިސްލާހެއްގައި ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާ މެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ޕޮލިސް ބޯޑުން މައްސަލަތައް ބަލާނީ ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ އޮފިސަރުންގެ މައްސަލަތަކެވެ. އަދި އެ މައްސަލަތައް ބަލައި ނިންމައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ބޭފުޅުން މަގާމުގައި ދެމިތިބޭނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

އެފަދަ ބޮޑެތި ނިންމުންތަކެއް ނިންމަން އުފައްދާ ޕޮލިސް ބޯޑާމެދުވެސް ސައީދު މިއަދު ވަނީ ސުވާލު އުފައްދަވައިފަ އެވެ.

"ސިޔާސީ ޕާޓީއަކުން އައްޔަނުކުރާ ޕޮލިސް ބޯޑު މިނިވަންވާނެކަމަށް ހަގީގަތުގައިވެސް ގަބޫލުކުރެއްވޭތޯ؟" އިމްރާނަށް ނިސްބަތް ކުރައްވައި، ސައީދު ސުވާލު ކުރެއްވި އެވެ.

މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމާއެކު ފުލުހުންގެ ގާނޫނު ގެ ދަށުން ގާއިމުކުރެވިފައިވާ "މޯލްޑިވްސް ޕޮލިސް ސާވިސް"، މި ގާނޫނުގެ ދަށުން އުފައްދާ "ދިވެހި ފުލުހުންގެ ހިދުމަތް" އަށް ބަދަލުވާނެއެވެ. ނަމަވެސް "ދިވެހި ފުލުހުންގެ ހިދުމަތް" އަށް އިނގިރޭސި ބަހުން ބޭނުންކުރާނެ ނަމަކީ "މޯލްޑިވްސް ޕޮލިސް ސާވިސް"ކަމުގައި މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ފުލުހުންގެ ހިދުމަތުގެ ހާއްސަ ސިފަތަކުގެ ތެރޭގައި ފުލުހުންނަކީ ދިވެހި ސިވިލް ސާވިސްގައި ނުހިމެނޭ، މަދަނީ އަދި ސަލާމަތީ ހިދުމަތެއްގެ ގޮތުގައި ހިމެނުމާއި، މުޅި ދިވެހިރާއްޖެއަށް އިންތިޒާމުކުރެވިގެންވާ އެއް ހިދުމަތެއްގެ ގޮތުގައި ހިމެނުމާއި، އިދާރީ ގޮތުން ހިންގުން ލާމަރުކަޒީކޮށް އިންތިޒާމުކުރެވިފައިވާ، އަދި ވަޒީފާއާބެހޭ ޤާނޫނުން އިސްތިސްނާ ލިބިގެންވާ ހިދުމަތެއްގެ ގޮތުގައި ވަނީ ކަނޑައެޅިފައެވެ.