ހަބަރު

"ހިޔާނާތުގެ މައްސަލަ ބަލަން ލުތުފީ ރާއްޖެ ގެންނާނެ"

Aug 6, 2019
1

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ އަނބުރާ ރާއްޖެ ގެނެސް، ރާއްޖޭގެ ތާރީހުގައި ހިނގާފައިވާ އެންމެ ބޮޑު ހިޔާނާތް ފޮރުވަން ކުރެއްވި މަސައްކަތްތައް ތަހުގީގުކުރާނެކަމަށް ސަރުކާރުގެ މެންބަރުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.

ލުތުފީ ރާއްޖެ ދޫކުރައްވައި ވަޑައިގަންނަވަން ޖެހުނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އޭނާއަށް ބިރު ދައްކާ އިންޒާރު ދެމުން ގެންދާތީ ކަމަށް ވިދާޅުވެ އިމްރާންގެ މައްޗަށް ކުރެއްވި ތުހުމަތާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅައިފަ އެވެ.

މަޖިލީހުގެ ރޭގެ ޖަލްސާގައި އެ ކުއްލި މައްސަލަ ހުށަހެޅުއްވީ މާވަށު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ސައީދެވެ. އެ މައްސަލާއާ ގުޅޭގޮތުން މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި ސަރުކާރަށް ނިސްބަތްވާ ގިނަ މެންބަރުން ވިދަޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަސް އަހަރަކީ ކޮރަޕްޝަނާއި ވައްކަމުގެ ފަސް އަހަރު ކަމަށެވެ. އަދި އެ ހުރިހާ ވައްކަމެެއް ފޮރުވުމުގައި އިސްކޮށް ހުންނެވި ބޭފުޅަކީ ލުތުފީ ކަމަށް މެންބަރުން ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

އެ މައްސަލައަށް ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވީ، ލުތުފީ މި ސަރުކާރުން ރާއްޖެ ގެންނާނެ ކަމަށެވެ. އަދި އޭނާއާ ގާނޫނު އަރާ ހަމަކުރާނެ ކަމަށާއި، ލުތުފީ ރާއްޖެ ގެނެސް އޭނާގެ މައްސަަލަ ތަހުގީގު ކުރުމަށް ބައިނަލް އަގުވާމީ ފަރާތްތަކުން މި ސަރުކާރަށް އެހީތެރިކަން ދޭނެކަން އީވާ ފާހަގަކުރެއްވި އެވެ.

"ލުތުފީ ރާއްޖެ ގެނެސް އޭނާގެ މައްސަަލަ ތަހުގީގު ކުރުމަށް ބައިނަލް އަގުވާމީ ފަރާތްތަކުން މި ސަރުކާރަށް އެހީތެރިކަން ދޭނެ ސަރުކާރުން ލުތުފީވެސް ގެނެސް ގާނޫނު އަރާ ހަމަކުރާނެ" އީވާ ވިދާޅުވި އެވެ.

ރާއްޖެ ދޫކުރައްވައި ވަޑައިގަންނަވަން މަޖުބޫރުވީ ބިރުދެއްކުމާއި އިންޒާރުތައް ދެމުންދާތީ ފުރާނަ ސަލާމަތްކުރުމަށް ލުތުފީ ވިދާޅުވާ އޯޑިއޯއެއް ވަނީ ލީކުވެފަ އެވެ. އެކަމާ ގުޅިގެން ސަންގުޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ލުތުފީ ވިދާޅުވީ އޭނާއަށް އިންޒާރު ދެއްވީ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވުމަށް އަންގަވައި ހޯމް މިނިސްޓަރު އިމްރާން ކަމަށެވެ.

ލުތުފީ ސީރިއަސް ތުހުމަތުތަކެއް މިނިސްޓަރު އިމްރާނަށް ކުރެއްވި އިރު، އިމްރާން މި ވަގުތު ހުންނެވީ ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށްޓަކައި ސައުދީ އަރަބިއްޔާގަ އެވެ. ސައުދީގައި ހުންނަވާ އިމްރާންގެ މައްޗަށް ކުރައްވާފައިވާ ތުހުމަތުތަކަށް ރައްދު ދެއްވައި ރޭ ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ، މީހުންނަށް ބިރު ދައްކާ ހިސާބަށް އޭނާ ގަމާރުވެއްޖެ ކަމަށް ރައްޔިތުން ގަބޫލު ކުރާނެ ކަމަށް ބަޔަކަށް ހީވާތީވެ އަންތަރީސްވާ ކަމަށެވެ.