އޭސީސީ

އެމްއެމްޕީއާރްސީ ހިޔާނާތް: 38 މައްސަލައެއް ނިމިއްޖެ

މޯލްޑިވްސް މާކެޓިން ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 38 މައްސަލަ ބަލައި ނިންމާފައިވާ ކަމަށް އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެ އެވެ.

ޝިއުނާ މިހެން ވިދާޅުވީ މިއަދު ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން މިހާތަނަށް ދައުވާ ކުރެވުނު މައްސަލަތަކާއި ބަލަމުންދާ މައްސަލަތަކުގެ ތަފްސީލެއް ދިނުމަށް ކޮމިޓީގައި އެދިވަޑައިގެންނެވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް އެވެ.

ޝިއުނާ ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަަލަ އަކަށް ހޭދަކުރަންޖެހޭ ވަގުތުވެސް އެހެން މައްސަލަތަކާއި މާބޮޑަށްވެސް ތަފާތު ކަމަށާއި މިހާތަނަށް 38 މައްސަލަ ތަހުގީގުކޮށް ނިމިފައިވާ ކަމަށެވެ. އެމްއެމްޕީއާރްސީގެ 338 މައްސަލަ ޖޮއިންޓް އިންވެސްޓިގޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ކޮންމެ މައްސަލަ އަކަށް މަދުވެގެން އަށް މަސް ދުވަސް ހޭދަވާ ކަމަށް ޝިއުނާ ވިދާޅުވި އެވެ. އަދި އޭސީސީން ބޭނުންވާ ސްޕީޑުގައި އެ މަސައްކަތް ކުރުމަށް މިހާރު އޮތް ދައްޗަކީ އިންވެސްޓިގޭޓިވް އޮފިސަރުންގެ ދަތިކަން ކަމަށް ވިދާޅުވި އެވެ.

"ފިނޭންސް މިނިސްޓްރީގައި އިތުރު 12 އޮފިސަރަކު ހޯދުމަށް އެދިފައިވާނެ. މިމުވައްޒަފުން ލިބުމުން ކޮމިޝަނުން ބޭނުންވާ ސްޕީޑުގައި އެމްއެމްޕީއާރްސީގެ މައްސަލަ ކުރިއަށް ގެންދެވޭނެ. ޝިއުނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވުމުގެ ތުހުމަތުގައި 267 މީހުން ހިމެނޭ ލިސްޓެއް އޮތް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން ހާމަކޮށްފައިވެ އެވެ. އެ ލިސްޓްގައި މަޖިލީހުގެ ކުރީގެ 44 މެންބަރުންނާއި މިހާރުވެސް މެންބަރުންގެ ގޮތުގައި ތިއްބެވި 16 ބޭފުޅަކާއި ކުރީ ސަރުކާރުގައި އިސް މަގާމުތަކެއް އަދާކުރެއްވި 30 ބޭފުޅަކާއި މިނިވަން މުއައްސަސާތަކުގައި މަސައްކަތް ކުރެއްވި ފަސް ބޭފުޅަކާއި ސަލާމަތީ ހިދުމަތްތަކަށް ނިސްބަތްވާ ހަތް އޮފިސަރަކާއި އަދި ފަސް ފަނޑިޔާރަކު ހިމެނެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތައް ބަލަނީ އޭސީސީގެ އިތުރުން ފުލުހުންނާއި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެންނެވެ.