މޯލްޑިވްސް މާކެޓިން ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގައި ހިމެނޭ މީހެއްގެ އަތުން 37.9 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމްއެމްޕީއާރްސީއަށް އަންގައިފި އެވެ.
އޭސީސީން ބުނީ ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާގެ މައްސަލައިގައި، ހ. ސްނޫޕީ، އަބްދުﷲ އާސިމްއަށް ލިބުނު 37.9 މިލިއަން ރުފިޔާ -- 2.4 މިލިއަން އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށްޓަކައި، މިމަހުގެ 14 ވަނަ ދުވަހު އެމްއެމްޕީއާރްސީއަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް މި މައްސަލައިގެ އިތުރު ތަފްސީލެއް އޭސީސީއިން ހާމަކޮށްފައެއް ނުވެ އެވެ.
އަބްދުﷲ އާސިމް އަކީ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ބޮޑުބޭބެ އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި 2016 ވަނަ އަހަރުގެ ތެރޭގައި އާސިމް ވަނީ ހައްޔަރުވެސް ކޮށްފަ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި 114 ބޭފުޅެއްގެ ނަން ހިމަނާފައިވެ އެވެ.
މީގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނާއި މިހާރުގެ މެންބަރުންނާއި ސަރުކާރުގެ ކުރީގެ ވެރިންނާއި މިހާރުގެ ވެރިންނާއި ފަނޑިޔާރުންނާއި ސަލާމަތީ ހިދުމަތްތަކުގެ އިސް ބޭފުޅުން ހިމެނެ އެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި އެ ލިސްޓް އާންމުކުރުމާ އެކު އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ކޮމިޝަނުން ފަހުން ބުނެފައިވަނީ ލިސްޓްގައި ތިބި ހުރިހާ ބޭފުޅުންނަކީ ހިޔާނާތުގައި ބައިވެރިވެގެން އުޅުނު ބޭފުޅުން ނޫން ކަމަށެވެ. މައްސަލަ އެކަށީގެންވާ ގޮތަކަށް ނުބެލި އަދި ދައުލަތަށް އެއްވެސް ފައިސާއެއް ވެސް ހޯދައިނުދެވުމުން އެސެޓް ރިކަވަރީ ކޮމިޝަން މިހާރު ވަނީ އުވާލައްވާފަ އެވެ.