އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ދައުވާ ކުރަންޖެހޭ ފަރާތްތަކަށް ދައުވާކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި ރައްޔިތުން އެދޭ ފަދަ ރަނގަޅު ނަތީޖާއެއް ނެރެދޭނެ ކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ރޭ އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައަކީ އެތައް ބަޔަކު ބައިވެރިވާ އަދި ދައުލަތަށް ބިލިއަން ރުފިޔާ އިން އަނބުރާ ފައިސާ ހޯދަންޖެހޭ މައްސަލައަކަށް ވާތީ މުޅި މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލާފައިވާ ކަމަށެވެ. ކޮމިޝަނާ އަލަށް ހަވާލުވި ފަސް މެންބަރުންނާއި އޭސީސީގެ މުވައްޒަފުން ގުޅިގެން އެ މައްސަލައިގެ އަމާޒަށް ވާސިލްވުމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް މަސައްކަތްތައް ނިންމަން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ.
"މިއީ ވަރަށް ބޮޑު މައްސަލައެއް، އެހެންވީމާ މިވެނި ދުވަހަކުން މި މައްސަލަ ނިންމާނެ ކަމަށް ބުނަން ދަތި. އެހެންނަމަވެސް ވީހާވެސް އަވަހަށް މަސައްކަތްތައް ނިންމަން އިސްކަން ދޭނަން. އަދި މުއްދަތުތަކެއް ކަނޑައަޅާފައިވާތީ މައްސަލަތައް ނިންމަން ފަސޭހަތަކެއް ވާނެ،" ޝާމިލް ވިދާޅުވި އވެެ.
އޭސީސީގައި އިސް ބޭފުޅެއްގެ ގޮތު\ ކުރިން މަސައްކަތް ވެސް ކުރައްވާފައިވާ ޝާމިލް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި މިހާރު އަޑުއިވޭ ބޭފުޅުންގެ އިތުރުން އެހެން ބައެއް ބޭފުޅުންނަށް ވެސް ދައުވާ ކުރާނެ ކަމަށެވެ. ދައުލަތުން ގެއްލުވާލާފައިވާ ފައިސާ ހޯދުމަކީ އެމްއެމްޕީއާރްސީގެ ތަހުގީގުގެ އެންމެ މުހިއްމު މަސައްކަތް ކަން ފާހަގަ ކުރައްވަމުން ޝާމިލް ވިދާޅުވީ އެ ފައިސާ ހޯދަން ވީހާވެސް ހަރަދު ކުޑަ ގޮތަކަށް ކޮމިޝަނުން މަސައްކަތް ކުރާނެ ކަމަށެވެ.
އެމްއެމްޕީއާރްސީގެ މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި އެ މައްސަލަތައް ބެލުމުގައި މީގެ ކުރިން މަސައްކަތް ކުރި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ. އަދި އޭސީސީއާއި ދައުލަތުގެ އިދާރާތަކުގައި ގާބިލްކަން ހުރި މިންވަރަކުން ދައުލަތަށް އަނބުރާ ފައިސާ ހޯދައިދީ ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމުގައި ވިދާޅުވި އެވެ.
"އަޅުގަނޑުމެން [އޭސީސީ] ގައި ހުރި ގާބިލްކަމާއި ވަސީލަތްތައް ބޭނުން ކޮށްގެން ނަތީޖާ ނެރުމަށް މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ދެން." ޝާމިލް ވިދާޅުވި އެވެ.
ހިޔާނާތުގެ މައްސަލަތައް ތަހުގީގުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓަކާއި އޮޑިޓް އޮފީހުގެ އޮޑިޓް ރިޕޯޓްގައި ވެސް އެމްއެމްޕީއާރްސީން 37 ރަށާއި 12 ފަޅު ވިއްކާލާފައި ވަނީ ނުއަގުގައި ކަމަށް ބުނެފައިވެ އެވެ. އެ ރަށްތަކުން ދައުލަތަށް 3.4 ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ލިބެންޖެހޭ ކަމަށް ކަމާ ގުޅޭ ރިޕޯޓްތަކުގައި ބުނެފައިވެ އެވެެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި 114 ބޭފުޅެއްގެ ނަން ހިމަނާފައިވެ އެވެ. މީގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނާއި މިހާރުގެ މެންބަރުންނާއި ސަރުކާރުގެ ކުރީގެ ވެރިންނާއި މިހާރުގެ ވެރިންނާއި ފަނޑިޔާރުންނާއި ސަލާމަތީ ހިދުމަތްތަކުގެ އިސް ބޭފުޅުން ހިމެނެ އެވެ. އެކަމަކު ހިޔާނާތުގެ މައްސަލަ އެކަށީގެންވާ ގޮތަކަށް ނުބެލި އަދި ދައުލަތަށް އެއްވެސް ފައިސާއެއް ވެސް ހޯދައި ނުދެވުމުން އެސެޓް ރިކަވަރީ ކޮމިޝަން މިހާރު ވަނީ އުވާލައްވާފަ އެވެ. އަދި އެ ކޮމިޝަނާ އެކު މަސައްކަތް ކުރެއްވި އޭސީސީގެ ކުރީގެ ފަސް މެންބަރުން ވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަކުން އެ ބޭފުޅުން މަގާމުން ވަކިކުރަން ނިންމުމުން އިސްތިއުފާ ދެއްވާފަ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި މިހާތަނަށް ދައުވާ ކުރެވުނު ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާއި، އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި، ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ކުރީގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކާއި އިތުރުން މިހާރުގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ހިމެނެ އެވެ.