އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅުންހުރި ބޮޑު ފަސް މައްސަލައެއް އޭސީސީން ތަހުގީގުކޮށް ނިންމުމަށްފަހު ދައުވާކުރުމާ މެދު ގޮތެއް ނިންމުމަށް ޕީޖީއާ މަޝްވަރާކުރުމުގެ މަރުހަލާ -- ޑިއުޓީ ޕްރޮސިކިއުޝަން ފަށައިފި އެވެ.
އޭސީސީން ބުނީ ތަހުގީގު ނިންމި ފަސް މައްސަލައިގެ ތެރޭގައި އަމިއްލަ ފަރުދުންނާއި ކުންފުނިތައް ވެސް ޝާމިލްވާ މައްސަލަތައް ހިމެނޭ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.
"ޕީޖީ އޮފީހާއެކު ކުރެވޭ މަޝްވަރާތަކަށްފަހު މިމައްސަލަތަކާ ގުޅޭ އިތުރު ތަފްސީލް މިއޮފީހުން ހާމަކުރަމުން ގެންދާނެ ވާހަކަ ދަންނަވަން،" އޭސީސީން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.
އޭސީސީގެ ރައީސް އިބްރާހީމް ޝާމިލް މީގެކުރިން ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތައް ބެލުމަށް ކުރީގެ ކޮމިޝަނާއި ދައުލަތުގެ އިދާރާތައް ގުޅިގެން ތަހުގީގުތަކެއް ކުރިއަށް ގެންގޮސްފައިވާތީ އިދާރާތަކާ މަޝްވަރާކޮށްގެން ތަހުގީގުގެ ދުވެލި އަވަސް ކުރުމަށް ޕްލޭނެއް އެކުލަވާލައިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ރައީސް އޮފީހުން އަންގައިގެން އޮޑިޓް އޮފީހުން މިދިޔަ އަހަރު އެކުލަވާލި ހާއްސަ އޮޑިޓް ރިޕޯޓާ ހަވާލާދީ އޭސީސީގެ ނައިބް ރައީސް އަބްދުއްސަލާމް މީގެކުރިން ވިދާޅުވީ އެމްއެމްޕީއާރްސީން ރަށްތަކާއި ފަޅުތައް ދޫކުރި އަގުތަކެއް އެ ރިޕޯޓްގައިވާ ކަމަށެވެ.
"ކޮމިޝަންގެ ތަހުގީގުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ރަށްތަކުގެ ހަމަ އަގު ހޯދައި ދައުލަތަށް ފައިސާ އަނބުރާ ހޯދުމަށް" އަބްދުއްސަލާމް ވިދާޅުވި އެވެ.
ހިޔާނާތުގެ މައްސަލަތައް ތަހުގީގުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓަކާއި އޮޑިޓް އޮފީހުގެ އޮޑިޓް ރިޕޯޓްގައި ވެސް އެމްއެމްޕީއާރްސީން 37 ރަށާއި 12 ފަޅު ވިއްކާލާފައިވަނީ ނުއަގުގައި ކަމަށް ބުނެފައިވެ އެވެ. އެ ރަށްތަކުން ދައުލަތަށް ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެންޖެހޭ ކަމަށް ކަމާ ގުޅޭ ރިޕޯޓްތަކުގައި ބުނެފައިވެ އެވެެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި 114 ބޭފުޅެއްގެ ނަން ހިމަނާފައިވެ އެވެ. މީގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނާއި މިހާރުގެ މެންބަރުންނާއި ސަރުކާރުގެ ކުރީގެ ވެރިންނާއި މިހާރުގެ ވެރިންނާއި ފަނޑިޔާރުންނާއި ސަލާމަތީ ހިދުމަތްތަކުގެ އިސް ބޭފުޅުން ހިމެނެ އެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި އެ ލިސްޓް އާންމުކުރުމާ އެކު އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ކޮމިޝަނުން ފަހުން ބުނެފައިވަނީ ލިސްޓްގައި ތިބި ހުރިހާ ބޭފުޅުންނަކީ ހިޔާނާތުގައި ބައިވެރިވެގެން އުޅުނު ބޭފުޅުން ނޫން ކަމަށެވެ. މައްސަލަ އެކަށީގެންވާ ގޮތަކަށް ނުބެލި އަދި ދައުލަތަށް އެއްވެސް ފައިސާއެއް ވެސް ހޯދައިނުދެވުމުން އެސެޓް ރިކަވަރީ ކޮމިޝަން މިހާރު ވަނީ އުވާލައްވާފަ އެވެ.