އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީީސީ) އަށް އަންނަ އަހަރު ކަނޑައެޅި ބަޖެޓު އިތުރުކޮށްދިން ނަމަވެސް އެ މުވައްސަސާއަށް އެކަށީގެންވާ ނަތީޖާ ނުނެރެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެ އެވެ.
ވިސާަމް މިހެން ވިދާޅުވީ މާލިއްޔަތު ކޮމިޓީން ފާސްކުރި އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ނެވެ.
ވިސާމް ވިދާޅުވީ އޭސީސީގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އެ މުވައްސަސާއަށް ބަޖެޓު އިތުރުކޮށްދިން ނަމަވެސް ފާއިތުވި ތިން އަހަރު ތިން އަހަރު އޭސީސީގެ ބޭފުޅުންގެ ގާނޫނީ ޒިންމާ އެންމެ ރަނގަޅަށް އަދާނުކުރެވުނުކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
ވިސާާމް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިންވީ އެންމެ ބޮޑު ވައުދަކީ ވައްކަމުގެ މައްސަލަތައް ޙާއްސަކޮށް އެމްއެމްޕީއާރުސީގެ މައްސަަލަ ބެލުން ކަމަަށެވެ.
"އެކަމުގެ ގާނޫނީ ޒިންމާ މިއަދު މިއޮތީ އޭސީސީގެ އަތުގައި. ނިމިދިޔަ އަހަރުގެ ބަޖެޓުތައް ފާސްކުރި އިރު ވެސް އަދި އެ ބޭފުޅުން އެދުނު ކަންކަން މިނިވަން މުވައްސަސާގެ ކޮމިޓީން ވެސް ވަރަށް ގާތުން ބައްލަވާ އެކަންކަންވެސް އެ ބޭފުޅުންނަށް ކޮށްދެމުންދާ އިރު އެ ކަމުގެ އަމަލީ މަސައްކަތް ނުވަތަ ނަތީޖާއެއް ހަގީގަތުގައި ފެނިފައެއް ނުވޭ. މިއީ ހަމަ އަޅުގަނޑު ހިތާމަކުރާ ކަމެއް." ވިސާމް ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ބަޖެޓު ހުށަހެޅި އިރު އޭސީސީއަށް ދޭން އެންމެ ފުރަތަަމަ ހުށަހެޅީ 41.5 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މާލިއްޔަތު ކޮމިޓީން ވަނީ އެ ކޮމިޝަނުގެ ބަޖެޓަށް 3.9 މިލިއަން ރުފިޔާ އިތުރުކޮށް ޖުމްލަަ ބަޖެޓު 45.4 މިލިއަން ރުފިޔާއަށް އިތުރުކޮށްދީފަ އެވެ. އެ ފައިސާ އިތުރު ކޮށްދިނީ އެމްއެމްޕީއާރުސީގެ ތަހުގީގު އަންނަ އަހަރު ނިންމާ ގޮތަށް އެ ހިޔާނާތުގެ ތަހުގީގަށް ބޭނުންވާ އިތުުރު މުވައްޒަފަށް ނެގުމަށެވެ.
ވިސާމް ވިދާޅުވީ އޭސީސީން އެދުނުގޮތަށް ބަޖެޓު ހަަމަޖައްސައިދިނުމުން އެމްއެމްޕީއާރުސީގެ މައްސަލަ އަންނަ އަހަރު ބެލިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"އަދި މިހާރު އޮތް މިނިވަން މުވައްސަސާގެ ކޮމިޓީން އޭސީސީގައި ތިއްބެވި ބޭފުޅުންނާއެކު ހަގީގަތުގައި އެ މައްސަލަ ނުބެލޭ ކަމަށްވާނަމަ ހަގީގަތުގައި އޭސީސީގައި ތިއްބެވި ބޭފުޅުން ވަކިކޮށްފަވެސް އޭސީސީގެ ބޭފުޅުން ވަކިކޮށްގެން ނަމަވެސް ހިޔާނާތުގެ މައްސަލަ ބެލޭނެގޮތެއް ރާވަން. އެހެން ނޫންނަމަ އަޅުގަނޑަކަށް ހިއެއް ނުވޭ މި ދައުރު އަޅުގަނޑުމެން ނިމިގެން ދާިއރު ހިޔާނާތުގެ މައްސަލަ އަޅުގަނޑުމެންނަށް ބެލޭނެހެން." ވިސާމް ވިދާޅުވި އެވެ.
އޭސީސީގެ މަސައްކަތްތައް ކުރިއަށް ނުދާ ކަމަށް ބުނެ އޭސީސީއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާ ގުޅިގެން (އޭސީސީ)ގެ މެންބަރުންނާ ގުޅޭ ޕާފޯމަންސް އޮޑިޓެއް ހެދުމަށްފަހު ރަނގަޅަށް މަސައްކަތް ނުކުރައްވާ މެންބަރުން ވަކިކުރުގެ މަސައްކަތް ކުރިއަށް ގެންދަން މިނިވަން މުވައްސަސާތަކުން މިމަހުގެ ކުރީކޮޅު އޮތީ ނިންމައިފަ އެވެ.
އޭސީސީގެ މެންބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހާޒިރުކޮށް މަސައްކަތުގެ ސްޕީޑާ މެދު މެންބަރުން ސުވާލު އުފެއްދެވުމުން ކޮމިޝަންގެ މެންބަރުން ކޮންމެ ފަހަރަކު ވެސް ކޮންމެވެސް އުޒުތަކެއް ދައްކަވަ އެވެ. އެގޮތުން ކޮމިޝަންގައި ހަރުދަނާ ކުރަންޖެހޭ ކަންކަމަށް ވަގުތު ބޭނުންވާ ކަމާއި އިންވެސްޓިގޭޓް ކުރާނެ މުވައްޒަފުން މަދު ވާހަކަ ދައްކަވަ އެވެ. އަދި ކޮވިޑްގެ ލޮކްޑައުންއާ ގުޅިގެން މީހުން ހާޒިރުކުރަން ދަތިވެގެން ވެސް ބައެއް މަސައްކަތްތައް ނުކުރެވުނު ކަމުގެ އުޒުރު ދައްކަވާފައިވެ އެވެ.