ވިޔަފާރި

އުރީދޫގެ ހިދުމަތަށް 10 އަހަރު! ޝުކުރިއްޔާ ދިވެހިރާއްޖެ ކެމްޕޭން ފަށައިފި

Aug 1, 2015

އުރީދޫ މޯލްޑިވްސް އަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން 50 މިނިޓް ހިލޭ ގުޅޭ، "ޝުކުރިއްޔާ ދިވެހިރާއްޖެ" ކެމްޕެއިން ފަށައިފި އެވެ.

ރާއްޖޭގައި މޮބައިލް ހިދުމަތް ދޭ މައި އެއް ކުންފުނި އުރީދޫ އަށް 10 ފުރުމާއި ގުޅިގެން "ޝުކުރިއްޔާ ދިވެހިރާއްޖެ" ނަމުގައި އުރީދޫއިން މިއަދު ފެށި ކެމްޕެއިން އިއުލާން ކުރުމަށް ހޮޓެލް ޖެން ގައި ބޭއްވި ހަފްލާއެއްގައި އުރީދޫއިން ބުނީ 10 ވަނަ އަހަރީ ދުވަހާއި ގުޅިގެން ފަށާފައިވާ މި ކެމްޕެއިނުގެ ދަށުން، އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް އޮގަސްޓް އެއް ވަނަދުވަހު 50 މިނިޓަށް ހިލޭ ގުޅައިގެން ވާހަކަދައްކާލެވޭނެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ހަމައެއާއި އެކު އެ ދުވަހު އުރީދޫ ކަސްޓަމަރުންގެ ތެރެއިން 50 ރުފިޔާއިން މަތީ ކޮންމެ އަދަދަކަށް ރީޗާޖް އަދި ރީލޯޑް ކުރާ ފަރާތްތަކަށް އެ އަދަދުގެ 10 ޕަސެންޓް ބޯނަސް ކްރެޑިޓް ލިބިގެން ދާއިރު އިތުރަށް ލިބޭ ބޯނަސް ތިން ދުވަހުގެ މުއްދަތަށް ބޭނުން ކުރެވޭނެ ކަމަށް ވެސް އުރީދޫ އިން ވަނީ ބުނެފަ އެވެ.

އުރީދޫ ރާއްޖޭގައި އުފެދިގެން އައިތާ 10 އަހަރު ވީއިރު، އެކުންފުންޏަށް ލިބިފައިވާ ބޮޑެތި ކާމިޔާބީތަށް އުރީދޫ އިން ވަނީ މިއަދުގެ ހަފުލާގައި ޕްރޮޖެކްޓް ޕްރެޒެންތެޝަނެއްގެ ގޮތުގައި ދައްކުވައިދީފަ އެވެ.

އުރީދޫ އިން ބުނީ ޝުކުރިއްޔާ ދިވެހި ރާއްޖެ ކެމްޕެއިނުގެ ދަށުން އުރީދޫގެ އެންމެ ވަފާތެރި ކަސްޓަމަރުންނަށް ހަދިޔާ ދިނުމުގެ ޚާޢްސަ ލަކީ ޑްރޯއެއްވެސް ފެށޭ އޮގަސްޓު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ފާއިތުވި 10 އަހަރުގެ ތެރޭގައި މެދުނުކެނޑި އުރީދޫގެ ޚިދުމަތް ހޯދަމުން އަންނަ ކަސްޓަމަރުންގެ މެދުގައި ބާއްވާ މި ލަކީޑްރޯއިން ހޮވާލެވޭ 10 ނަސީބުވެރިއަކަށް އެޕަލް ކުންފުނީގެ ތަފާތު ޕްރޮޑަކްޓް ތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫ އިން ބުނެއެވެ.

މީގެ އިތުރުން އުރީދޫގެ ކަސްޓަމަރުންގެ މެދުގައި މިހާރުވެސް ބޮޑު ތަރުހީބެއް ހޯދާފައިވާ "ގުޑް މޯނިންގް މޯލްޑިވްސް" ޕްރޮމޯޝަން ވެސް އޮގަސްޓު އެކަކުން ދިހަޔަކަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، މި ޕްރޮމޯޝަނުގައި ކުރިއެކޭވެސް އެއްގޮތަށް އެސްއެމްއެސް އެއް ކޮށްލައިގެން 50 އެމްބީ ޑާޓާ ހިލޭ ލިބިގެންދާނެ އެވެ.

އުރީދޫގެ 10 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ އުރީދޫގެ އެންމެ މައި އެއް މަގުސަދަކީ އައު ޓެކްނޮލޮޖީތަކާއި، ތަފާތު އުފެއްދުންތެރި ހިދުމަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ކުރިއެރުން ހޯދުމުގެ މަގު ފަހިކޮށްދިނުން ކަމަށެވެ.

"އަޅުގަނޑުމެންގެ ކަސްޓަމަރުންނަކީ ދުނިޔޭގެ ފެންވަރުގައި ތަޢާރަފުކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީތަކާއި ހިދުމަތްތައް ބަލައިގަންނަ ބަޔަކަށް ވުމީ މިފަދަ އައު ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު ހިތްވަރު" ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވިއެވެ.

ވިކްރަމް ވަނީ އުރީދޫގެ ހިދުމަތްތަކަށް ދިވެހިންގެ ފަރާތުން ލިބޭ ތަރުހީބަށް ޝުކުރު އަދާކޮށްފަ އެވެ.