ހަބަރު

ރައީސްގެ ނަންތައް ބަލައިގަނެ އިތުރަށް ފުރުސަތު ހުޅުވާލައިފި

ސުޕްރީމްކޯޓަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލަފައަކަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ފޮނުވި ދެ ބޭފުޅުންގެ ނަންތައް ބަލައިގަނެ، އެ ދެމަގާމަށް ޝައުގުވެރިވާ އިތުރު ފަރާތްތަކަށް ކުރިމަތި ކުމުގެ ފުރުސަތު އެކޮމިޝަނުން ހުޅުވާލައިފި އެވެ.

ޖޭއެސްސީން މިއަދު ބުނީ އެކޮމިޝަނަށް ރައީސް ސޯލިހު ފޮނުވާފައިވާ ދެ ބޭފުޅުންގެ ނަންތައް އެ ކޮމިޝަނުގެ މިއަދުގެ ބައްދަލުވުމުން ބަލައިގަންނަން ނިންމާފައިވާ ކަމަށާއި، ގާނޫނުގައި ބުނާ ގޮތަށް އެކަމަށް އެދި ހުށަހަޅަން ބޭނުންވާ އިތުރު ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިހާރު އެކޮމިޝަނަށް ފޯމުގެ ބަދަލުގައި ހުށަހަަޅަންޖެހޭ ސިޓީ އާއެކު، އެފަރާތެއްގެ ވަނަވަރާއި، ވަޒީފާ އަދާކުރައްވާފައިވާ ތަންތަނުން ދީފައިވާ ލިޔުމާއި، ވަކާލާތު ކުރުމުގެ ހުއްދައިގެ ކޮޕީއެއްގެ އިތުރުން ޕާސްޕޯޓް ސައިޒް ފޮޓޯއަކާއި، އައިޑީކާޑް ކޮޕީއެއް ކަމަށެވެ.

މިއަދު ހުޅުވާލި ކަމުގައިވީނަމަވެސް ސިޓީ ބަލައިގަންނަން ހަމަޖެހިފައިވަނީ މާދަމާ ކަމަށާއި، މާދަމާގެ މެންދުރު ދޭކުން ހަވީރު ހަތަރަކަށް އެކޮމިޝަން ހުޅުވާފައި ހުންނާނެ ކަމަށާއި، މީގެ އިތުރުން އާދިއްތަ ދުވަހުގެ މެންދުރު 12 އާއި ހަމަޔަށް ސިޓީ ބަލައިގަންނާނެ ކަމަށް އެކޮމިޝަނުން ވަނީ ބުނެފަ އެވެ.

ޖޭއެސްސީން އިތުރަަށް ބުނީ އެކޮމިޝަނުން މަސައްކަތް ކުރަމުންދަނީ ވީ އެންމެ އަވަހަކަށް ރައީސް ސޯލިހު އެދިލައްވާފައިވާ ގޮތަށް އެމަނިކުފާނަށް އެކަމުގައި ލަފާ އަރުވަން ކަމަށެވެ.

ރައީސް ސޯލިހު ސްޕްރީމްކޯޓަށް އައްޔަން ކުރުމަށް ޖޭއެސްސީގެ ލަފަޔަކަށް އެދި ފޮނުވާގައިވަނީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްޑާ ޒާހިރާއި، ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫންގެ ނަންފުޅެވެ. ފަނޑިޔާރު ކަމަށް އަންހެން ބޭފުޅުން އައްޔަން ކުރުމަކީ ހަރާމް ކަމެއް ކަމަށްބުނެ ދީނީ އިލްމުވެރިންގެންދަނީ ރައީސް ސޯލިހުގެ އެ ނިންމުން ބަދަލު ކުރުމަށް އެދެމުންނެވެ.