ސުޕްރީމް ކޯޓް

ޑރ. މުހައްމަދު އިބްރާހީމާއި އަލީ ރަޝީދުގެ ނަން މަޖިލީހަށް ފޮނުވައިފި

Aug 19, 2020

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ޖޭއެސްސީން މަޝްވަރާ ދެއްވުމުން ދެ ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރުމަށް ދެ ބޭފުޅެއްގެ ނަމާމެދު މަޝްވަރާ ހޯއްދަވަން ރައީސް ސޯލިހު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ނަން ފޮނުއްވީ މި މަހުގެ ހަވަނަ ދުވަހު އެވެ. އެއީ ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގޭ ޑރ. މުހައްމަދު އިބްރާހިމާއި، މާލޭ ދަފްތަރު ނަންބަރު ރސ 2302، އަލީ ރަޝީދު ހުސައިނެވެ.

މީގެ ތެރެއިން އަލީ ރަޝީދަކީ ކްރިމިނަލް ކޯޓްގެ ގާޒީ އެވެ. އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އޮތް ބޭފުޅެކެވެ. ކުރި ސިވިލް ކޯޓްގެ އިސް ގާޒީކަން. ވެސް ކުރެއްވި އަލީ ރަޝީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރެއްވި ގާޒީ އެވެ. އަދި އަލީ ރަޝީދަކީ ފެހި ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށި ފަހުން ފުރަތަމަ މަރުގެ ހުކުމެއް އިއްވެވި ގާޒީއެވެ.

ރައީސް ސޯލިހު މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން އެ މަނިކުފާނު ޖޭއެސްސީއަށް އެ ދެ ބޭފުޅުންގެ ނަން ފޮނުވުމުން އެ ދެ ބޭފުޅުންނާމެދު ޖޭއެސްސީއަށް ފެންނަ ލަފާ ދެއްވާފައިވާ ކަމަށެވެ. އެ ދެ ބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވާފައިވާ ކަމަށެވެ.

މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވީ ފަސް ފަނޑިޔާރުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު ފަނޑިޔާރު މުއުތަސިމް އަދުނާނު ހިމެނި ވަޑައިގަންނަވާ ގޮތަށް ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދެވެ. ގާނޫނަށް ފަހުން ގެނައި ބަދަލާއެކު ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަން ޖެހެ އެވެ.

މީގެ ކުރީން ރައީސް ސޯލިހު އެ މަގާމަށް އައްޔަން ކުރައްވަން މަސައްކަތް ކުރެއްވީ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުއް ރައޫފެވެ. ނަމަވެސް އެ ބޭފުޅުންނާ ގުޅޭ ތަފާތު މައްސަލަތަކެއް ފެންމަތިވެ، ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ޖޭއެސްސީއިން އެ ދެ ބޭފުޅުންނާ ގުޅޭ ގޮތުން ލަފާއެއް ނުދިނެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވެވި ޓްވީޓް

މިހާރު، ރައީސް ސޯލިހު ފޮނުއްވާފައިވާ ނަންތަކުގެ ތެރެއިން މުހައްމަދު އިބްރާހިމަކީ އިސްލާމިކް ކޮމާޝިއަލް ލޯ ދާއިރާއިން ޔުނިވާސިޓީއިން އޮފް މެލޭޝިއާއިން ޑޮކްޓާ އޮފް ފިލޯސޮފީ އާއި އިންޓަނޭޝަނަލް އެންޑް ކޮމާޝަލް ލޯގެ ދާއިރާއިން އިނގިރޭސިވިލާތުން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ. ގާނޫނީ ވަކީލެއްގެ ގޮތުގައި 16 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ މުހައްމަދަކީ ޕްރިމިއާ ޗެންބާސް ލޯ ފާމްގެ އެއް ޕާޓްނަރެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު އޮތް ދުސްވަރު ސުމްޕްރީމް ކޯޓުގެ ކަންކަން ބަލަހައްޓަން ކަމަށް ވިދާޅުވެ އެ މަނިކުފާނު ކުއްލި ގޮތަކަށް އެކުލަވައލި ބެންޗެއްގައި ވެސް އޭނާ ހިމެނުއްވެވި އެވެ. ނަމަވެސް އެ ބެންޗްު ގަބޫލުފުޅު ނުކުރައްވާ އޭނާ އިސްތިއުފާ ދެއްވީ އެވެ.

ސުޕްރީމް ކޯޓްގެ ބެންޗަށް މަދުވާ ދެ ފަނޑިޔާރުން އައްޔަން ނުކޮށް އޮންނަތާ ގިނަ ދުވަސްތައް ވެފައި ވެއެވެ.